ހަނދަށް ދިޔަ އެސްޓްރަނައުޓުން ނެގި ދުނިޔޭގެ ފޮޓޯ ދައްކާލައިފިއެވެ.

ހަނދަށް އިންސާނުން ފޮނުވުމަށް ނާސާއިން ފެށި މިޝަން ''އާޓެމިސް 2'' އެދަތުރުގައި ނާސާގެ ހަތަރު އެސްޓްރަނައުޓުން ބައިވެރިވެފައިވެއެވެ.

އާޓެމިސް 2ގެ އުޅަނދު ދުނިޔޭގެ އޯބިޓުންބޭރުވެ ހަނދަށް މިސްރާބު ޖަހާފައިވާއިރު އެއުޅަދުން ދަތުރުކުރާ އެސްޓްރަނައުޓުން ނެގި ދުނިޔޭގެ ފޮޓޯއެއް ނާސާއިން ވަނީ އިއްޔެ އާންމުކޮށްފައެވެ.

ނާސާއިން ވަނީ އުޅަނދުގައި ތިބި އެސްޓްރަނައުޓުންގެ ތެރެއިން މިޝަން ކޮމާންޑަރު ރެއިޑް ވައިސްމެން އޭނާގެ އަމިއްލަ ކެމެރާއިން ނަގާފައި ފޮނުވި އެފޮޓޯއިން ދުނިޔޭގެ ރީތިކަން ވަރަށް ފުރިހަމަކޮށް ފެންނަ ކަމަށް ބުނެފައެވެ.

50 އަަހަރު ފަހުން ހަނދަށް އިންސާނުން ފޮނުވުމަށް ފަށާފައިވާ ދަތުރުގެ ދިގު މިނުގައި 10 ދުވަސް ހޭދަ ވާނެއެވެ. އަދި ދަތުރުގައި ބައިވެރިވާ އެސްޓްރަނައުޓުން މީގެ ކުރިން އިންސާނުން ޖައްވުގައި ދަތުރު ނުކުރާ ދުރުމިނަކަށް ދަތުރުކުރާނެ ކަމަށް ނާސާއިން ބުނެއެވެ.

ދަ އާޓެމިސް 2 ނަމުން ނަންދީފައިވާ އެމިޝަންގައި ހަތަރު އެސްޓްރަނައުޓުން ބައިވެރިވެއެވެ. އެ ހަތަރު އެސްޓްރަނައުޓުން ދުނިޔެއާ 244،000 މޭލު ދުރަށް އަދި ހަނދުގެ ދުރުފަޅިއަށް ވުރެ 5000 މޭލު ދުރަށް ދަތުރުކުރާނެއެވެ.

ނާސާއިން ވަނީ މި ދަތުރުގައި އެސްޓްރަނައުޓުން ދަތުރުކުރާ އުޅަނދު ހަނދުގައި ނުޖައްސާނެ ކަމަށާއި ނަމަވެސް އުޅަނދު ކުރިޔަށް ހުރި މިޝަން ތަކުގައި ހަނދަށް ޖައްސަން ބޭނުންވާ މައުލޫމާތު އެއްކުރާނެ ކަމަށް ބުނެފައެވެ.