މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކުރުމުން، ދިވެހި ސަރުކާރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފުކުރައްވައިފިއެވެ.

މިދިިޔަ ސަރުކާރުން 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކަށް ސަރުކާރުން މިއަދު ވަނީ ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފައެވެ. އެ ފައިސާ ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ވަނީ ބޭނުންކޮށްފައެވެ.

ސަރުކާރުން ސުކޫކު ދެއްކުމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ސުކޫކު ބޮންޑުގެ ފައިސާ ފުރިހަމައަށް އަދާކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށާއި އިތުރު ދަރަންޏެއް ނުނަގައި އެކަން ކުރެވުމަކީ ފާހަގަކުރެވޭ ކާމިޔާބީއެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ދައްކައި ހަލާސްކޮށްފައިވާނެ ކަމަށާއި އޭގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ.

"2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ. ދުނިޔެއާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅައިބަލާއިރު ބޮޑުއަގެއްގައި މި ސުކޫކު ވިއްކާފައިވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނެގޮތަށް ސުކޫކު އަނބުރާ ދެއްކުމުގެ މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމަކީ މި ސަރުކާރުން އެންމެ ފުރަތަމަ ތަންފީޒުކުރި އެއް ސިޔާސަތު ކަމަށެވެ.

އޭގެ އިތުރުން، އެސްޑީއެފްއަށް ޖަމާކުރާ އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ ގެ ރޭޓު 2024 ވަނަ އަހަރު ބޮޑުކޮށްފައިވާ ކަމަށާއި އެ ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހި ފަސިންޖަރުންނަށް އަސަރު ނުކުރާނެ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

"ސަރުކާރުން އަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއެކު، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ފުރަތަމަ ފަހަރަށް 350 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސް، 1.3 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ދައުލަތުގެ ރަސްމީ ރިޒާވް މި މިންވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ސުކޫކު އަނބުރާ ދެއްކުމަށްފަހު، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަށް ކަމަށާއި އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ދަނީ ހަމަޖެހެމުން ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވިފައިވާ މަސައްކަތްތައް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފިސްކަލް އަދި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށާއި އޭގެ އިތުރުން މެދުރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށްދާނެ މިސްރާބަކަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސުކޫކު ދައްކަން ޖެހެނީ މިމަހުގެ 8 ގެ ކުރިންނެވެ. އެ ތާރީހުގެ ކުރިން ދަރަނި ދެއްކުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ވިދާޅުވަމުންނެވެ.