ރަޝިޔާގެ ކުންފުނިތަކުން ތެޔޮ އެކްސްޕޯޓުކުރުން މަނާކޮށްފިއެވެ.

ރަޝިޔާ ސަރުކާރުން އިއްޔެ ވަނީ އެގައުމުގައި ގޭސޮލިން އުފައްދާ ކުންފުނިތަކުން މި މަހުގެ ނިޔަލަށް ރަޝިޔާއިން އެކްސްޕޯޓު ނުކުރުމަށް އަންގައިފައެވެ.

ރަޝިޔާ ސަރުކާރުން ކުރި އަމުރުގައިވާގޮތުން އެގައުމުގެ އެތެރޭގެ ބޭނުމަށާއި އެގައުމުގެ އާންމުންނަށް ބޭނުންވާ ތެޔޮ ޑިމާންޑާ އެއްވަރަށް ދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ތެޔޮ އެކްސްޕޯޓު ކުރުން މަނާކޮށްފައިވާ ކަމަށެވެ.

ރަޝިޔާގެ އިތުރުން ޔޫކްރޭން ފަޅިން ރަޝިޔާ ކޮންޓްރޯލު ކުރާ ސަރަހައްދުތަކުން ތެޔޮ ލިބުން ދަތިވެފައިވަނީ ޔޫކްރޭނުން ރަޝިޔާގެ ތެޔޮ ރިފައިންކުރާ ފެކްޓަރީތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނާގޮތުގައި ރަޝިޔާއިން މިދިޔަ އަހަރު އެކަނިވެސް ފަސް މިލިއަން މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓު ކޮށްފައިވެއެވެ. އެއީ ދުވާލަކަށް 117،000 ފީފާއެވެ. ނަމަވެސް ޔޫކްރޭނުން ދިން ހަމަލާތަކުގެ ސަބަބުން އެ އަދަދު މަދުވެ، ރަޝިޔާއަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.