ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ސަރަހައްދަށް ރައީސް މިއަދު ވަޑައިގަތުމުން އެ ސަރަހައްދުން ރައީސަށް މަރުހަބާ ދެންނެވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް، އެ ސަރައްހައްދުގައި، މަގު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ މަޝްރޫއުގެ ފޭސް އެކެއްގެ ސެގްމަންޓް ދޭކުން ފަހަކާ ހަމައަށް މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައި ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.

އެ ސަރަހައްދު ނިންމައި ހުޅުވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައެވެ.