މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ބޮކްސް އޮފީސް ނަތީޖާތައް ދައްކާގޮތުން، ރަންވީރު ސިންގްގެ އެކްޝަން ފިލްމު "ދުރަންދަރް: ދަ ރިވެންޖް" ވަނީ މުޅި މާކެޓް ކޮންޓްރޯލްކޮށް، ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މާޗް މަހު ނެރުނު މި ފިލްމު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 1460 ކްރޯޑު ރުޕީސްއަށްވުރެ ގިނައިން އާމްދަނީ ހޯދައި، ބޮލީވުޑްގެ ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ. މިއާއެކު، ބެލުންތެރީންގެ މެދުގައި އެކްޝަން އަދި ސްޕައި ތްރިލަރ ފިލްމުތަކަށް އޮތް ޝައުގުވެރިކަން ވަނީ އިތުރަށް ސާބިތުވެފައެވެ. ހާއްސަކޮށް އުތުރު އެމެރިކާގެ ބާޒާރުގައި މި ފިލްމުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މީގެ އިތުރުން، ސަނީ ޑިއޯލްގެ "ބޯޑަރ 2" އަދި ރާނީ މުކަރްޖީގެ "މަރުދާނީ 3" ވަނީ ލަފާކުރި ވަރަށްވުރެ މާ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޖެނުއަރީ މަހު ނެރުނު ބޯޑަރ 2 އިން 484 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދިއިރު، މަރުދާނީ 3 އިން ވަނީ 75 ކްރޯޑު ރުޕީސް ހޯދައި، އަންހެނުން ލީޑު ރޯލު ކުޅޭ ފިލްމުތަކަށްވެސް ބޮޑު ތަރުހީބެއް ލިބޭނެކަން ސާބިތުކޮށްދީފައެވެ. މި ފިލްމުތަކަށް ލިބުނު ކާމިޔާބީގެ މައިގަނޑު ސަބަބަކީ ވަރުގަދަ ވާހަކައާއި، ބެލުންތެރީން ގަޔާވާ ފަދަ މޮޅު އެކްޓިން ފެނިގެންދިއުމެވެ. އަދި މިއީ ފްރެންޗައިޒް ފިލްމުތަކަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެކެވެ.
ނަމަވެސް، ޝާހިދު ކަޕޫރުގެ "އޯރޯމިއޯ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. 130 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ދުނިޔޭގެ ބާޒާރުގައި ހޯދުނީ އެންމެ 123 ކްރޯޑު ރުޕީސްއެވެ. ޓްރޭޑް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، ބެލުންތެރިންގެ ޝައުގުވެރިކަން މިހާރު ވަނީ އާދައިގެ ރޮމޭންޓިކް ފިލްމުތަކަށްވުރެ ބޮޑަށް، ތަފާތު ކޮންޓެންޓާއި ވަރުގަދަ އެކްޝަން ފިލްމުތަކަށް ބަދަލުވެފައެވެ. އެހެންކަމުން، ބެލުންތެރިން މިހާރު ބޭނުންވަނީ ސިނަމާއިން ތަފާތު ތަޖުރިބާއެއް ކުރެވޭނެ ފަދަ އުފެއްދުންތަކެކެވެ.
ފުރަތަމަ ކުއާޓަރުގެ ނަތީޖާތަކުން ދައްކާގޮތުގައި، ބޮލީވުޑްގެ އިންޑަސްޓްރީ މިހާރު މިސްރާބު ޖަހާފައިވަނީ ބޮޑެތި ފްރެންޗައިޒްތަކާއި، ވަރުގަދަ ވާހަކަތަކުގެ މައްޗަށެވެ. ކުރިއަށް އޮތް ތަނުގައިވެސް ބެލުންތެރިންގެ ސަމާލުކަން ހޯދުމަށްޓަކައި، އާ އުފެއްދުންތަކުގައި ކޮލިޓީއާއި ތަފާތު ކޮންޓެންޓް ހިމެނުމަކީ މުހިންމު ކަމެއްކަން މި ނަތީޖާތަކުން ކަށަވަރުވެއެވެ. އަދި މިއީ މުޅި އިންޑަސްޓްރީއަށް ލިބުނު އާ ދިރުމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް