ހުރިހާ ބާރުތައް މަސްހުނެވިފައިވާ އާދަކާދަ ނައްތާލަންޖެހޭ ކަމަށާއި ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ތިން ބާރު ވަކިވުމަށް މަގުފަހިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އެއީ ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި އަމިއްލަ ނަފުސު ސިފަކުރެވެން ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކި ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވެގެން ދިޔުމުގެ ފުރުސަތު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

އެކި ޕާޓީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވުމުން ސަރުކާރާއި، މަޖިލިސް ވަކިވެ، ހަގީގީ މާނައިގައި މަޖިލިސް މެންބަރުންނަށް ސަރުކާރު ޒިންމާދާރުކުރެވެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ތިން ބާރު ހަގީގީ މާނައިގައި ހިންގެނީ މިހެން ހެދީމަ ނުންތޯ. އެއް ބާރު އަނެއް ބާރު ތެރެއަށް ވަދެގެން ގޮސް ހުރިހާ ބާރުތަކެއް މަސްހުނިވެފައި މިޗއޮންނަ ނިޒާމު، މިއޮތް އާދަކާދަ މި ގައުމުގައި ސިޔާސީ އާދަކާދަ ނައްތާލަން އެބަޖެހޭ ނޫންހެއްޔޭ. އެހެންވީމާއޭ އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ" ރައީސް ވިދާޅުވިއެވެ.

ހަގީގީ ޑިމޮކްރަޓިކް ނިޒާމެއް ލިބެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މަޖިލިސް އިންތިހާބު މިނިވަން އަދި އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްގެން ކަމަށާއި، އެކަން ކުރެވެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަމުންދަނީ ތިން ބާރު އެއްކޮށްގެން ތިބެ، އެކަން އެގޮތުގައި ދަމަހައްޓަން ބޭނުންވާ މީހުން ކަމަށެވެ.