ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމް މިރޭ އިފްތިތާހުކޮށްފިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އާ ހިދުމަތްތައް އފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭ އިފްތިތާހުކުރެވުނު 20 ޑޮލަރު އޭޓީއެމް ބަހައްޓާފައިވަނީ ބީއެމްއެލްގެ ބްރާންޗުތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ. ޑޮލަރު އޭޓީއެމްތައް ބެހެއްޓި އަތޮޅުތަކަކީ؛

  • ⁠ހއ. އަތޮޅުގައި ފަސް ޑޮލަރު އޭޓީއެމް
  • ⁠ހދ. އަތޮޅުގައި ފަސް ޑޮލަރު އޭޓީއެމް
  • ⁠ށ. އަތޮޅުގައި ހަތަރު ޑޮލަރު އޭޓީއެމް
  • ⁠ނ. އަތޮޅުގައި ހަތަރު ޑޮލަރު އޭޓީއެމް
  • ⁠ރ. އަތޮޅުގައި ހަ ޑޮލަރު އޭޓީއެމް
  • ⁠ބ. އަތޮޅުގައި ފަސް ޑޮލަރު އޭޓީއެމް
  • ⁠ޅ. އަތޮޅުގައި ތިން ޑޮލަރު އޭޓީއެމް
  • ⁠ކ. އަތޮޅުގައި ދިހަ ޑޮލަރު އޭޓީއެމް
  • ⁠އއ. އަތޮޅުގައި ތިން ޑޮލަރު އޭޓީއެމް
  • ⁠އދ. އަތޮޅުގައި ހަ ޑޮލަރު އޭޓީއެމް
  • ⁠ވ. އަތޮޅުގައި ތިން ޑޮލަރު އޭޓީއެމް
  • ⁠ފ. އަތޮޅުގައި އެއް ޑޮލަރު އޭޓީއެމް
  • ⁠މ. އަތޮޅުގައި ތިން ޑޮލަރު އޭޓީއެމް
  • ⁠ދ. އަތޮޅުގައި އެއް ޑޮލަރު އޭޓީއެމް
  • ⁠ތ. އަތޮޅުގައި ހަތަރު ޑޮލަރު އޭޓީއެމް
  • ⁠ލ. އަތޮޅުގައި ތިން ޑޮލަރު އޭޓީއެމް
  • ⁠ގއ. އަތޮޅުގައި ތިން ޑޮލަރު އޭޓީއެމް
  • ⁠ގދ. އަތޮޅުގައި ތިން ޑޮލަރު އޭޓީއެމް
  • ފުވައްމުލަކު ސިޓީގައި އެއް ޑޮލަރު އޭޓީއެމް
  • ⁠ސ. އަތޮޅުގައި ފަސް ޑޮލަރު އޭޓީއެމް

ބީއެމްއެލުން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައެވެ. މި މަޝްރޫއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މިރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމުލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރައިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ހިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު ކަމަށެވެ.

"މިއީ ރެކޯޑެއް. އަޅުގަނޑުމެން ހޯދި ހޯދުމުން، މިގޮތަށް ސިންކްރޮނައިޒްކޮށް، ދުނިޔޭގައި މިހާތަނަށް، މި އަދަދުގެ ކޭޝް ރީސައިކްލިން އޭޓީއެމްގެ ހިދުމަތް، އެއްފަހަރާ ފަށާފައިވާކަން ފެންނާކަށް ނެތް،" ޝަރީފް ވިދާޅުވިއެވެ.

ތަފާސް ހިސާބަށް ބަލާއިރު މުޅި އޭޓީއެމް ނެޓްވޯކަށް މިދިޔަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އެ އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތްކޮށްފައިވާ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.