ފައިސާ ދެއްކުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ ނިޒާމު، ސްވިފްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަސްޕެންޑުކޮށްފައިވާ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.
ބީއެމްއެލުން ހުޅުމާލެ ފޭސް އެކެއްގައި ހަދާ 364 ފުލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައި، ތަފާތު މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުންދާ އިރު، އެ ބޭންކާ ބެހޭގޮތުން އާންމު ފަރާތްތަކަށާއި ކަސްޓަމަރުންނަށް އޮޅޭގޮތަށް ބޭންކަށާއި މުޅި ރާއްޖޭގެ އިގުތިސާދަށް ގެއްލުންވާނެހެން ދޮގު ވާހަކަ ފަތުރަމުންދާ ކަމަށެވެ.
މިއަދު އެގޮތަށް ފަތުރަން މަސައްކަތްކޮށްފައިވާ އެއް ވާހަކައަކީ، ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެހެންކަމުން ޓީޓީ ފަދަ ކްރޮސް ބޯޑާ ޕޭމަންޓް ނެހެދޭ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ކަމަށެވެ. އަދި އެ ބޭންކުގެ ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާއެއް ނެތް ކަމަށްބުނެ ވެސް ވާހަކަތައް ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން އޮތީ މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކޭ. ސްވިފްޓުން ސަސްޕެންޑެއް ވެސް ނުކުރެއޭ، ބޭންކުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި، އަދި ނޮސްޓްރޯ އެކައުންޓުތަކުގައި ވެސް ހުންނަންޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި. އަދި ބޭންކުން މިދަނީ ކްރޮސް ބޯޑާ ޕޭމަންޓުތައް ކާޑުގެ ހިދުމަތާއި ޓީޓީ ހިދުމަތް ހިމެނޭހެން ހިދުމަތްދެމުން. ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާ ނުހުންނަ ނަމަ، އިންޓަނޭޝަނަލް ޕޭމަންޓުގެ އެއްވެސް ހިދުމަތެއް ބޭންކަށް ނުދެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލުން ކްރޮސް ބޯޑާ ޕޭމަންޓުގެ ހުރިހާ ހިދުމަތެއް ދެމުންދާ އިރު، އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މިފަދަ ހައްސާސް ދަނޑިވަޅެއްގައި އެފަަދަ ދޮގު މައުލޫމާތު ފެތުރުމުން އާންމުންނާއި އެ ބޭންކުގެ ކަސްޓަމަރުންނާއި ބޭންކުގެ ޕާޓްނަރުންނާ ބޭންކާ މެދު ނުބައި ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކަށްވާނީ ރާއްޖޭގެ ބޭންކިން ނިޒާމާއި އިގުތިސާދަށް ގެއްލުން ދިނުން ކަމަށެވެ.
ބީއެމްއެލްއާ ގުޅޭ މައުލޫމާތުދޭނީ ސީދާ އެ ބޭންކުން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަމަށާއި ކާކުކަން ނޭނގޭ ގޮތަށް އަދި ބޭންކުން ސައްހަ މައުލޫމާތަށް ބިނާނުކޮށް ފަތުރާ އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް