ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތި ވިއްކައި މަނީލޯންޑާ ކުރަމުންދިޔަ ނެޓްވޯކްގެ އިސް ދެ މީހުން ކަމަށް ތުހުމަތުކުރެވޭ ދޫޑިގަން. ޒަމާނީގެ / ޏ. ފުވައްމުލައް، ހަސަން އާޒިމާއި ދޫޑިގަން. ކަރަންކާވިލާ / ޏ. ފުވައްމުލައް، އަހުމަދު ނިއުޝާދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފިއެވެ.

އެ ދެ މީހުން އަލުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު ބުނީ އާޒިމާއި ނިއުޝާދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ އެ ދެމީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ، އެ ދެ މީހުން މިރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އާޒިމާއި ނިއުޝާދު، 2024 ވަނަ އަހަރުގެ ޑިސެމްބަރު 10 ގައި ހައްޔަރުކޮށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި ނަމަވެސް، އެ އަމުރު އެ ދެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ އެ ދެ މީހުން ޝަރީއަތް ނިމެންދެން މެޖިސްޓްރޭޓް ކޯޓުން ބަންދުކުރަން ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ، އެ ދެ މީހުން ދޫކޮށްލުމަށެވެ.

އޭގެ ފަހުން ފުލުހުން ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެ ދެ މީހުން ހައްޔަރުކުރުމުގެ އިތުރު އަމުރެއް ހޯދައި، 2025 ވަނަ އަހަރުގެ ޖެނުއަރީ 12 ގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. މެޖިސްޓްރޭޓް ކޯޓު އަމުރުގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ތިއްބައެވެ. ހަމަ އެ ދުވަހު ފުލުހުން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކުރީ އާޒިމްގެ ބަންދަށް ހަތް ދުވަސް އަދި ނިއުޝާދުގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.

އާޒިމާއި ނިއުޝާދުގެ މައްޗަށް ޕީޖީން ވަނީ މިދިޔަ އަހަރުގެ މާޗް 18 ގައި ދެ ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އެއީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ޕީޖީން ބުނެފައިވަނީ އެ ދެމީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް 27 ގައި ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ދިވެހި ފުލުހުންގެ ހިދުމަތުން ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް، ޙަސަން އާޒިމްއާއި، އަޙްމަދު ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުން އިތުރަށް ކުރި ތަހުގީގުތަކަށް ފާހަގަވި ކަންތައްތަކާ ގުޅިގެން ކަމަށެވެ.

އެކަން އިތުރަށް ތަހުގީގުކޮށް ބެލި އިރު، އާޒިމް އިސްވެ ހުރެ، ނިއުޝާދާއެކު ‍މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަމާއި، އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާތީއާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، 01 އޮގަސްޓު 2024 ގެ ނިޔަލަށް އެ ނެޓްވޯކު ހިންގައި، އެ ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.

އެ ދެ މީހުންގެ ތެރެއިން އާޒިމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާކޮށްފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 5,998,696.60 (5.9 މިލިއަން) ރުފިޔާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ނިއުޝާދުގެ މައްޗަށް އެ ކުށުގެ ދައުވާކޮށްފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21,855,766.99 (21.8 މިލިއަން) އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީއެވެ.

ޕީޖީން ބުނެފައިވަނީ ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވާ ފައިސާއިން މުދަލުގެ މިލްކުވެރިކަމާއި، އަތުގެ ވެރިކަމާއި، ތަސައްރަފު ކުރުމުގެ ހައްގު ހޯދައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާއިން ހާސިލުކޮށްފައިވާ ނަތީޖާއެއްކަމަށްވީތީ އެ ފައިސާއާއި މުދާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

ޕީޖީން އެދިފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް ބަހައްޓާފައިވާ 1,194,290.31 (1.1 މިލިއަން) ރުފިޔާ ހޯދުމަށެވެ.