ދޮރުގެ ތަޅުން ދޫކޮށްލުމަށްފަހުގައި، ކުރިއަށް އަޅަން ފެށި ކޮންމެ ފިޔަވަޅަކާއެކުގައި ކާއިނާތުގެ ވެރި ރަސްކަލާނގެ ހަޞުރަތުން ވާތްގާއި މަދަދަށް ތަނާލް އެދުނެވެ. އަމިއްލަ ނަފުސަށް ކުރިން އޮތް އިތުބާރާއި ޔަޤީންކަން އަލުން ލިބުމަށާއި، ނައްސި ޚިޔާލުތަކާ ދުރުވާން އޭނަ ނުހަނު ބޭނުމެވެ. ލިފްޓަށް އަރަމުން ފަސްއެނބުރި ބަލައިލަން އޭނަގެ ޒަމީރު ގޮވާލި ކަމުގައި ވިޔަސް، އެއަޑަށް ތަނާލް އިޖާބައެއް ނުދިނެވެ.

ލިފްޓް ތިރިއަށް ދާން ފެށުމާއެކުގައި، ލިފްޓުގެ ލޯގަނޑުން ފެންނަން ހުރި ސޫރައަށް ބަލަން ހުރެވުނީ ބީރައްޓެހިކަމުގެ ނަޒަރަކުންނެވެ. ފާއިތުވެ ގޮސްފައިވި ދުވަސްތަކުގައި އަމިއްލަ ނަފުސަށް އިހުމާލުވެފައިވާ މިންވަރު ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނެވެ. ޒީނަތްތެރިވުމާއި ނަލަހެދުމަށް އޭނަ އެއްވެސް ޝައުޤެއް ނެތީއެވެ. ހަށީގައި ހަރުލާފައި ހުންނަ ވަރުބަލިކަމަށް ނިންޖާއި އަރާމަކުން ވެސް ހައްލެއް ނުލިބުނެވެ. ކެއުން ބުއިމަށް ފަރުވާ ކުޑަކޮށްލެވުމުން މީހާ ވަނީ ހިކި އަނަރޫފަވެފައެވެ. ކޮލުގެ މަސްކޮޅު ހިނދި ދެލޯ ވަނީ ވަޅުވަދެފައެވެ. ދިގު މޫނުގައި އައިބުކަމެއް އޭގެ ސަބަބުން ވެއެވެ. ކަޅުކުލައިގެ އޮމާން ހަންގަނޑު ވެސް ވަނީ ކުރަކިވެފައެވެ. ކޮލާއި ނިއްކުރީގައި އޮށާޅަ ނަގާފައި ހުއްޓެވެ. ފެންނުބޮވޭތީ އެކަމުގެ ނޭދޭވޭ އަސަރެވެ. އެހުރިހާކަމެއް ބަދަލުކޮށްލަން ތަނާލް ބޭނުންވިއެވެ. އަމިއްލަ ސޫރައާއި ނަފުސުދެކެ ލޯބިވާން އޭނަ ޖެހޭނީ އަލުން ދަސްކުރާށެވެ.

ބިކަވެ ނިކަމެތިވީހާލު ތަނާލްގެ ހަނދާނަށް އައީ މުފްތީ މެންކް ދީފައި އޮތް ދަރުހެކެވެ. އެއީ ޔޫޓިއުބުން އޭނަ އަޑު އެހި ދަރުހެކެވެ. އަނދިރި ޚިޔާލުތައް ގިނަވެ ސިކުނޑި ސުމަކަށް ގޮސް އަތުން ފައިން ގޯހެއް ހެދިދާނެކަމުގެ ބިރު ހީވި ހިނދުގައި އަޤީދާ ވަރުގަދަކުރުމުގެ އަޒުމު އާލާ ވިއެވެ. ޔޫޓިއުބުން އޭނަ އަޑު އެހި ދަރުހުގައި ބުނެދިނީ ކެތްތެރިކަމުގެ މުހިންމުކަމެވެ. އެކަމުގެ ދަރުމައެވެ. އިންސާނައަށް ދުނިޔެމަތީގައި ކުރިތިލާން ޖެހޭ ތަފާތު އިމްތިހާނުތަކެވެ. ޝަކުވާކުރުމާއި، ރުއިމާއި، އަމިއްލަ ނަފުސަށް އަނިޔާ ދިނުމުގެ ސަބަބުން ކެތްތެރިކަމުގެ އަޖުރު ލިބުމުން މަހުރޫމުވެގެންދެއެވެ. އިންސާނާގެ ސިކުނޑިއަކީ ހަޤީޤަތުގައި އޭނަ އަމިއްލައަށް ފަރުމާކުރާ ދަންތުރައެކެވެ. އިސްލާމްކަމުގެ ނޫރު ނިވިއްޖެކަމުގައިވަނީނަމަ އެދަންތުރަ ދާނީ ކަރަށް ބާރުވަމުންނެވެ. ތަޤުދީރާ މެދު ޝަކުވާ ކުރެވުން އާދައަކަށް ވާނެއެވެ. ދުނިޔެމަތިން ފޫހިވާނެއެވެ. މަރުވުމަށް އެދެވޭނެއެވެ. ޚުދު އޭނަގެ ޚިޔާލުތައް ވެސް އެނުއްރަކާތެރި ހަރުފަތަށް އެއްޒަމާނެއްގައި ދިޔައެވެ. އަމިއްލަ ނަފުސަށް އިހުމާލުވުމުގެ ނުބައި އާދަޔާ ދުރަށް ދެވުނީ ﷲގެ އަޒާބާ މެދު ހިތުގައި އުފެދުނު ބިރުވެރިކަމާއެކުގައެވެ. މާތްﷲގެ ރަހުމަތަށް ދިއުމަށް އަވަސްވެގަނެވުނީ އެހެންވެގެންނެވެ.

*****

ބޮޑުކޮޓަރީގައި ކުރުކާލި ކަނޑަމުން ދިޔަ ސުމައްޔާގެ ނަޒަރު އިރުއިރުކޮޅާ ފާރުގައި ހުރި ބޮޑު ގަޑިއަށް ހުއްޓެއެވެ. ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ސުމައްޔާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. އަތުގައި އޮތް ފޯނުން އަނެއްކާ ވެސް ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އޭނަ މަސައްކަތްކުރަމުން އެދަނީ ދަރިފުޅު ތަނާލްއަށް ގުޅޭތޯއެވެ. ކުއްލިއަކަށް ބޭރަށް ދިއުމުގެ ހުއްދަ ތަނާލް ހޯދީއްސުރެން ސުމައްޔާ އެހުންނަނީ ހާސްކަމެއްގެ ތެރޭގައެވެ. އެކްސިޑެންޓްގެ ކުރިން ތަނާލްގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވުމާއި، ފާޑުކިޔުން އެއީ ސުމައްޔާ ކޮށްއުޅުނުކަމެއް ނޫނެވެ. ފުރިހަމަ މިނިވަންކަން ދަރިފުޅަށް އޭނަ ދިނެވެ. އޭނައަކީ ބޯދާ ވިސްނުމުގެ މީހެއް ނޫނެވެ. އޭނަ ފުރިހަމައަށް ތަނާލްއަށް އިތުބާރުކުރިއެވެ. ގޯސްމަގެއް އިހްތިޔާރުނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތެވެ. ނަމަވެސް ތަނާލްގެ އެކްސިޑެންޓަށް ފަހުގައި އެމަންޒަރު މިއަދު ބަދަލުވެގެން ހިނގައްޖެއެވެ. ތަނާލްގެ މިޒާޖަށް އައި ކުއްލި ހިމޭންކަމުން ފިކުރުތަކާއި ސުމައްޔާއަށް ދުރުނުވެވުނެވެ. ތަނާލްގެ ވޭނާއި ކެކުޅުންތައް ފެންނަ ހިނދުގައި، އެތަކުލީފުތައް އޭނަގެ ފަސްބަޔަށް އެޅުމަށް އެދެވެއެވެ. އެފަދަ ބޮޑު ވޭނެއް ދަރިއަކު އުފުލަމުންދާ މަންޒަރު ދެކެން ކެތްކުރެވޭނީ ކޮން މަޔަކަށް ހެއްޔެވެ؟ ތަނާލް ކުރާ ހިތާމަތަކާއި، ފިރިމީހާގެ ކުއްލި ވަކިވުމުން އެދެލޮލުން އޮހޮރޭ ކަރުނަތައް ފޮހެދޭ އިރުގައި، މައިލަގޮނޑި ހީވަނީ ފިސްފިސްވެގެން ގޮސްފާނެ ހެންނެވެ.

ހިޔަނިހެން ތަނާލްގެ ގާތުގައި ހުންނަން ސުމައްޔާ ބޭނުމެވެ. އޭނަގެ އެހީއަކަށް އެދި ތަނާލް ގޮވާލާނެ އިރެއް ލަފާކޮށްލަން ނޭނގޭތީއެވެ. އޭނަގެ ހުރިހާ ވަގުތެއް ތަނާލްއަށް ހުސްކޮށްގެން ސުމައްޔާ ހުންނަނީ ރަނގަޅު ބަދަލެއް އާދޭތޯއެވެ. އުއްމީދުގެ ފަނޑު ހުޅުކޮޅެއްގެ ޒަރިއްޔާއިންނެވެ. އަނދިރިވެރިކަމާއި، އެކަނިވެރިކަމުގެ ކަސްތަޅުތަކުން ތަނާލް މިންޖުވެދާނެ ކަމަށެވެ.

މިފަހަކަށް އައިސް ފިރިމީހާ ހާރޫނާއި ކުރެވޭ ދެބަސްވުންތަކުގެ އަސްލާއި ގުޅިފައި އޮންނަނީ ތަނާލްއެވެ. އޭނަގެ އަމަލުތަކުން ތަނާލްއަށް އުނދަގޫވެފައިވާކަމަކަށް ސުމައްޔާ ޤަބޫލެއް ނުކުރެއެވެ. އަބަދުހެން ތަނާލްގެ ގާތުގައި ހުރުމުން ހަމަނޭވާލުން ތަނާލްއަށް ދަތިވެފައިވާ މަންޒަރު ނުފެންނަ ކަހަލައެވެ. އޭނަގެ ނަޒަރުގައި އެއީ ތަނާލްއަށް އޭނަ ބަހައްޓާ ސަމާލުކަމެވެ. ތަނާލްގެ ނަފުސާނީ ދުޅަހެޔޮކަމަށް އޭނަ ދޭ އަހައްމިއްޔަތުކަމެވެ. މައިވަންތަކަމުގެ ކުލުނުގެ ދާވަނީގައި ހައްޔަރުވެ ތަނާލްއަށް ލިބެމުންދާ ހާސްކަމާމެދު ވިސްނައިގަންނަން ސުމައްޔާގެ ޒަމީރު ފާޅުގައި ދެކޮޅު ހަދައެވެ.

''ސުމައްޔާ...'' ސޯފާގައި އިން ހާރޫން ގޮވާލިއެވެ. އޭނަގެ މޫނާއި އަޑުން ފާޅުވަނީ ވަރުބަލިކަމެވެ. ތުނިކޮށް ކޮށާފައި ހުރި އިސްތަށިގަނޑުގައި އޭނައަށް އަތްތިލަ ހިންގާލެވުނެވެ. އުމުރުގެ ގޮތުން އިސްތަށިގަނޑުގައި ކަޅަށް ވުރެން ގިނައީ ހުދު އިސްތަށްޓެވެ. ފާއިތުވި ދުވަސްތަކުގެ ބަނަ ވިލާގަނޑުގެ އަސަރުކޮށްފައިވަނީ ހަމައެކަނި ތަނާލްގެ ހަޔާތަކަށް ނޫނެވެ.

ހާރޫންގެ އަޑު ސުމައްޔާއަށް އިވުނުކަމަކަށް ނުވިއެވެ. އޭނަ ހުރީ ތަނާލްއަށް ބޭރަށް ދިއުމުގެ ހުއްދަ ހާރޫން ދިނީތީ އެކަމާ ހިތްހަމަނުޖެހިފައެވެ.

''ސުމައްޔާ...'' ހާރޫން ދެވަނަ ފަހަރަށް ގޮވާލިއެވެ. އެއާއެކު ހާރޫނަށް ސުމައްޔާ އަވަސް ނަޒަރެއް ދިނެވެ. ހާރޫނަށް ފުސްމޫނު ދައްކައިގެން ހުންނަން ހަޤީޤަތުގައި ސުމައްޔާ ބޭނުމެއް ނުވެއެވެ. އެއީ އޭނައަށް ފަސޭހަކަމެއް ވެސް ނޫނެވެ. ނަމަވެސް ބޯހަރުކަމާ ހުރެ ސުމައްޔާއަށް ގޮތްދޫކުރުން ފަސޭހަ ކަމަކަށް ނުވެއެވެ. ހަމައެއާއެކު ދެމަފިރިންގެ ދެމެދުގައި އުފެދެމުން އައި ނުތަނަވަސްކަމުގެ ހިލަން ތަނާލްއަށް ވެދާނެތީ އެކަމާ ވެސް އޭނަ ހުންނަނީ ފިކުރުބޮޑުވެފައެވެ.

ސުމައްޔާއާއި ހަތަރުކަޅި ބައްދަލުވުމާއެކު ހާރޫން ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ލޯބިވާ އަނބިމީހާގެ މޫނުން ފެންނަ ހާސްކަމަށް ނިމުމެއް ގެންނަން އޭނަ ނުހަނު ބޭނުމެވެ. އެކަމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވުމަށް ވެސް އޭނަ އެހުރީ ތައްޔާރަށެވެ. ހަމައެއާއެކު ލޮލުގެ ނޫރުކަމުގައިވާ ހަމައެކަނި ދަރިފުޅުގެ ހަޔާތަށް އައިސްފައިވި ހިމޭންކަމުގެ ސިލްސިލާއަށް ނިމުމެއް ގެންނަން ވެސް މެއެވެ. އެމުރާދު ހާސިލްވެވެން އޮތީ ތަނާލްއަށް ވަގުތު ދީގެންނެވެ. އުނދަގުލީ ސުމައްޔާއަށް ވިސްނައިދުނުމެވެ. ކައިވެންނަށް އަށާވީސް އަހަރު ފުރިގެން ދިޔައިރުގައި، މީގެ ކުރިން ދެމަފިރިންގެ ދެމެދުގައި ދެބަސްވުމެއް އުފެދިފައި ނެތެވެ. އެދެމެދުގައި އޮންނަނީ ފުރިހަމަ ލޯތްބާއި އިތުބާރެވެ. ސުމައްޔާއަކީ ފިރިމިހާގެ ބަސް ޤަބޫލުކުރާ ކިތަމަންތެރި އަންބެކެވެ. ހަޔާތުގެ ބައިވެރިއަކަށް ސުމައްޔާ ހިޔާރުކުރެވުން އެއީ ހާރުން އެންމެ ފަހަރުވެރިވާ ކަންތައް ވެސް މެއެވެ. އެހެނަސް މިއަދު އޭނައަށް ކުރިމަތިވެފައިވަނީ ދަތި އަދި އެހާމެ އުނދަގޫ އިމްތިހާނެކެވެ.

އެޕާޓްމެންޓްގެ ދޮރަށް ބަލަން ހުރެފައި، ހާރޫން އެދުނުފަދައިން ސޯފާގައި ސުމައްޔާ އިށީނެވެ. ސޯފާގައި ސުމައްޔާ ހަމަޖެހިލުމާއެކު، ސުމާއްޔާގެ އަތުގައި ހާރޫން ހިފާލިއެވެ. އޭނަ ވާހަކަދައްކަން ފެށީ ސުމައްޔާގެ ގާތަށް ޖެހިލަމުންނެވެ.

''މާ ބޮޑަށޭ ތި ވިސްނަނީ... ތަނޫއަށް އިތުބާރުކޮށްބަލަ، ތަނޫ ދިޔައީ އަހަރުމެން ގާތުން ހުއްދަ ހޯދައިގެނެއެއްނު...'' އޯގާތެރިކަމާއެކު ހާރޫން ބުންޏެވެ. އޭނަގެ މަޤުސަދަކަށްވީ ސުމައްޔާއަށް ހަމަޖެހުމެއް ގެނެސްދޭށެވެ.

''އެކަމަކު...'' ފުން ނޭވާއަކާއެކު ހާރޫންގެ މޭގައި ސުމައްޔާއަށް ބޯޖައްސާލެވުނެވެ. މިބަނަ އަނދިރި ދުވަސްތަކަށް ނިމުމެއް އަންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ލޯބީވާ ދަރިފުޅު ހިނިތުންވެލާ މަންޒަރު ދެކެން ސުމައްޔާ ނުހަނު ބޭނުމެވެ. އުފާވެރިކަމުގެ ނޫރުން އެދަރިފުޅުގެ ހަޔާތް ރޯޝަންވުމުގެ ނަސީބު ލިބިދާނެ ހެއްޔެވެ؟

''ތަނޫގެ ނިންމުން ހާމަކުރިއެއްނު، އެޕާޓްމެންޓަށް ދިޔަ ސަބަބު ބުންޏެއްނު... އެއީ ކިހާ ބޮޑު ނިންމުމެއްކަން ސުމައްޔާއަށް އެނގޭނެ، އަހަރެއް ވިއިރުގައި ވެސް އެތަން ދޫކޮށްލުމުގެ ޚިޔާލާ ތަނޫ ތިޔައީ ދެކޮޅުހަދަމުން... އެކަމަކު މިއަދު އެޚިޔާލު ބަދަލުވީތީ އެކަމަށް އަހަރުމެން ޝުކުރުކުރަން ވާނެ...'' ސުމައްޔާގެ ނިތުގައި ބޮސްދެމުން ހާރޫން ބުންޏެވެ.

ތަނަލްއާއި ހިދާންގެ ކައިވެންޏަށް ހާރޫން ދިން ހަދިޔާއަކީ ފަހަރެއްގައި ވެސް ތަނާލްއަށް ބޮޑު ސަޒާއަކަށް ވެދާނެ ކަމަކަށް ހާރޫން ހިޔެއް ނުކުރެއެވެ. މައިންބަފައިންނާއި ވަކިން މުޅިން އައު ދިރިއުޅުމެއް އާރާސްތުކުރުމުގެ މަގު އޭނަ ފަހިކޮށްދިނީ ތަނާލް ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. ހިދާންއަކީ ހަރުދަނާ ޒުވާނަކަށް ވީތީއެވެ. ތަނާލްއަށް ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތްދޭނެކަމުގެ ޔަޤީންކަން އޮތުމުންނެވެ.

''ތިކަން ޤަބޫލުކުރަމޭ، އެކަމަކު ތަނޫ ހުރި ހާލަތު ހާރޫނަށް އެނގެއެއްނު، އެކަނި ބޭރަށް ދާން އަހަރެން ބޭނުމެއް ނުވަނީ އެހެންވެގެންނޭ، އަހަންނަށް ވެސް ތަނޫއާއެކުގަ ދެވުނީހެއްނު، އަހަރެން ބިރުގަންނަނީ އެޕާޓްމެންޓަށް ވަދެވުނީމަ ތަނޫއަށް ވެދާނެގޮތާކާ މެދުގައޭ... އެއީ ތަނޫގެ ހުރިހާ ވޭނަކާއި ގުޅިފައިވާ ތަނޭ...'' ސުމައްޔާއަށް ޝަކުވާކޮށްލެވުނެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށުމުން އެތެރެއަށް ނޭފަތް ދަމާލެވުނެވެ.

''ދިރިއުޅުމުގެ ކަންތަކުގައި ދަރިންނަށް ދާންވީ ރާސްތާ ދައްކައިދިނުން އެއީ އަހަރުމެންގެ ޒިންމާ، އެރާސްތާ ކަނޑައްތުކުރަން ޖެހޭނީ އެކަނި، އެކަމަކު އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ، ހިތްވަރު ދެވޭނެ، ތަނޫ އެކަނި ދާން އަހަރެން އެއްބަސްވީ އެހެންވެގެން... އެއީ ތަނޫގެ ނިންމުމެއް، އެއީ އެދަރިފުޅުގެ ހައްޤެއް، އެކަމުގައި އަހަރުމެންނަށް އެއްޗެއް ބުނުމުގެ ފުރުސަތު ލިބގެންނުވޭ... ސުމައްޔާ... ބައެއްފަހަރު ޖެހޭނެ ކަންތަކުގައި މިނިވަންކަން ދޭން... އެހެންނޫނީ އިތުރު ހާސްކަމެއް މެނުވީ ނުލިބޭނެ... އަހަރެން މިބުނާ އެއްޗެއް ސުމައްއަށް ވެސް ވިސްނޭނެ... ސުމައްޔާ ދެރަކުރަން ބުނާ އެއްޗެއް ނޫނޭ މިއީ، ތިދެމައިންނަށް ވެސް ރަނގަޅު ގޮތް ވާން އަހަރެން ބޭނުން، ތީ އަހަރެންގެ މުޅި ދިރިއުޅުން، އަހަރެން މިއަދާ ހަމައަށް ވި ހުރިހާ ޤުރުބާނީއެއްވެފައިވަނީ ތި ދެމައިންނަށްޓަކައި، ދި ދެމައިންގެ އުމަލަށްޓަކައި، އަހަރެން ނިންމާ ކޮންމެ ނިންމުމެއްގައި ސުމައްޔާގެ އެއްބާރުލުން ބޭނުންވޭ... ތަނޫއަށް އެހީވެވެން އޮތީ އެގޮތުގެ މަތީން ކުރިއަށް ދެވިގެން... ތަނޫގެ ޑޮކްޓަރު އަހަރުމެންނާ ބައްދަލުކޮށް ދެއްކި ވާހަކަތައް އެނގެއެއްނު؟...'' ހާރޫން ބުންޏެވެ. ސުމައްޔާ ގެނެސް މޭގައި ލައްކޮށްލަމުން ހާރޫން ވާހަކަދެއްކީ އަސަރާއެކުގައެވެ.

''ތެރަޕީ ނަގާތާ މިހާރު ވީ ދުވަހެއް ނޭނގޭ!، ކީއްވެތަ ބަދަލެއް ނާންނީ؟، އަދިވެސް ހަމަ ކުރީގެ ހިމޭންކަން، ގެއިން ބޭރަކަށް ނުދޭ، އެކަމާ ހުރެ ތަނޫގެ ކުރީގެ ރައްޓެހިންތައް ގެއްލިއްޖެ، އެމީހުން ހަދާ ވަރަކަށް ތާނުގެ ހާލު ބަލައި އެކުވެރިކަން ކުރިއަށްގެންދަން އުޅުނޭ، އެކަމަކު ތަނޫ އެގޮތެއް ބޭނުމެއް ނުވި... ރަނގަޅަށް ކަނީއެއް ނޫން، އަހަރެން ވަރަށް ފިކުރުބޮޑުވޭ...'' ސުމައްޔާގެ ދުލުން މަޑު ގިސްލުމެއްގެ އަޑު ނިކުތެވެ. ހަޤީޤަތުގައި ވަގުތު ވެފައިވަނީ އޭނަގެ ދުޝްމިނަކަށެވެ. އިންތިޒާރުކުރެވޭ ބަދަލެއް ނުފެންނަ ތާނގާއި ކަންތައް ދަނީ ގޯހުންގޯހަށެވެ.

''ޑިޕްރެޝަންއަކީ އެހާ ފަސޭހައިން ފަރުވާ ލިބޭ ބައްޔެއް ނޫނޭ، އެއީ ދުވަސް ނަގާ ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭނެ ބައްޔެއް، ތަނޫ ކުރާ ހިތްވަރު ސުމައްޔާއަށް ނުފެނޭތަ؟... ދިރިއުޅުން އާރާސްތުކުރަން އެދަރިފުޅު ހާދަ ހިތްވަރެއް އެބަ ކުރެޔޭ، އެދަރިފުޅުގެ ކެތްތެރިކަމާ މެދު އަހަރުމެން ފަހުރުވެރިވާންޖެހޭނެ، މިރޭގެ ނިންމުމުންވެސް ތަނޫގެ އަޒުމު ނުގުޑާނެކަން ސާބިތުކޮށްދީފި... ސުމައްޔާ... ތަނޫއަށް ބޭނުމީ ވަގުތު... އަހަރެން މިހިރީ ތަނޫގެ ކޮންމެ ނިންމުމަކަށް އެއްބާރުލުންދެން ތައްޔާރަށް، ބުނެބަލަ، އަހަންނަށް ސުމައްޔާގެ ބަހުގެ ޔަޤީންކަން ލިބިދާނެތަ؟... ތަނޫއަށް ކުޑަނަމަވެސް މިނިވަންކަމެއް ދެވިދާނެހެން ހީވޭތަ؟، ފަހަރެއްގައި މިއީ އުދަނގޫކަމަކަށް ވެދާނެ، އެކަމަކު މިހުރިހާ ކަމެއް ވަނީ ތަނޫގެ މުސްތަޤުބަލާ ގުޅިފައި، އިތުރަށް ސުމައްޔާއާއި ދެބަސްވާން އަހަރެން ބޭނުމެއް ނުވޭ، ސުމައްޔާގެ ތި އުދާސްތައް އެކަނި ބަރުދާސްކުރުމަށްވުރެން އަހަންނާ ހިއްސާކުރޭ، އަހަރެން މިހިރީ މަދަދުވެރިވާން، އަހަންނަށް އިތުބާރުކުރޭ.......'' ސުމައްޔާއާއި ދުރަށް ޖެހިލަމުން، ހާރޫން ވާހަކަދެއްކީ ސުމައްޔާގެ ލޮލުން ފޭބި ކަރުނަ ފޮހެލަމުންނެވެ. އޭނަގެ ފުން ނަޒަރު ސުމައްޔާގެ މޫނާއި ވަކިނުވިއެވެ. ހިސާބަކަށް ހިތްނުތަނަވަސްވީ އޭނަގެ ޖުމްލަ ސުމައްޔާ ދޭހަކޮށްފާނެ ގޮތެއް ނޭނގޭތީ އެވެ.

ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. އިސްވެ ސުމައްޔާ އެއްޗެއް ނުބުނުމުން ހާރޫނަށް ހީވީ ސުމައްޔާ ނުރުހުނީ ކަމަށެވެ.

އުދާސްކަމުގެ ނޭވާއެއް ހާރޫނު ދޫކޮށްލުމާއެކު، ހާރޫންގެ އަތުގައި ސުމައްޔާ ހިފާލިއެވެ. ހާރޫނަށް އައި ބަދަލު ސުމައްޔާއަށް ފާހަގަ ކުރެވުނީ އެވެ. ހާރޫން ހާމާކުރީ އޭނައަށް ދޮގު ނުކުރެވޭނެ ހަޤީޤަތެވެ.

''އަހަރެން... އަހަރެން ހާރޫނަށް އިތުބާރުކުރަން...'' އިސްއުފުލައި ހާރޫނާއި ހަތަރުކަޅި ހަމަކޮށްލަމުން ސުމައްޔާ ބުންޏެވެ.

''މާތްﷲގެ އިރާދަފުޅާއެކު ދެރަގޮތެއް ނުވާނެ، އެކަލާނގެއީ ހުރިހާ ކަމެއް ހިންމަވައި ދެއްވާ ރަހުމަތްވަންތަ ރަސްކަލާނގެ، އެއްވެސް އަޅަކަށް ނުއުފުއްލެވޭނެ ބުރައެއް އެކަލާނގެ ކުރިމަތި ނުކުރައްވާނެ، ކޮންމެ ހިތާމައެއްގެ ފަހަތުގައި ވެސް ހިކުމަތެއް ފޮރުވިފައިވާނެ...'' ސުމައްޔާގެ ނިތްކުރިއަށް ހާރޫން ބޮސްދިނެވެ. ދިގުލައިގެން ގޮސްފައިވި ފިނި ހަނގުރަމައަށް ނިމުމެއް އަތުވެއްޖެކަމުގެ ހަމަޖެހުން އޭނަގެ މޫނުން ފާޅުވިއެވެ. އެއީ ސުމައްޔާއަށް ފަސޭހަ ނިންމުމަމަކަށް ނުވާނެކަން ހާރޫނަށް އެނގުނެވެ. އެކަމުން ވެސް އަންގައިދިނީ ތަނާލްއަޓްކައި ކޮންމެ ފަދަ ޤުރުބާނީއެއްވެދާން ސުމައްޔާ ތައްޔާރަށް ހުރި މިންވަރެވެ.

އެޕާޓްމެންޓްގެ ލޮކް ހުޅުވުނު އަޑު ދެމަފިރިންނަށް އިވުނެވެ. އަވަސްއަވަހަށް ސުމައްޔާ ކޮޅަށް ތެދުވިއެވެ. ތަނާލްއަށް ދޮރު ނުހުޅުވެނީސް ސުމައްޔާ ގޮސް ދޮރު ކައިރިއަށް ހުއްޓުނެވެ. ހާރޫން ވެސް ކޮޅަށް ތެދުވެ ދެމައިންނަށް ބަލަހައްޓައިގެން ހުއްޓެވެ. ހިތާހިތުން އޭނައަށް ދުޢާ ކުރެވުނީ ތަނާލްގެ މޭގައި އުފެދިފައިވި ފުން ޒަހަމްތަކަށް ވަގުތީ ޝިފާއެއް ވިޔަސް މިންވަރުކޮށްދެއްވުމަށެވެ.

''މަންމާ...'' އެތެރެއަށް ވަންނަމުން ތަނާލް ބުންޏެވެ. ރުއިމުގެ ސަބަބުން ތަނާލްގެ އަޑުވަނީ ކުރެހިފައެވެ. އަތުގައި އޮތް ކަޅުކުލައިގެ ކުޑަ ފައިވާން ހަރުގަނޑު ކައިރީ ހުރި ވަށިގަނޑަށް ލަމުން، މަންމައަށް ތަނާލް ބަލައިލިއެވެ. ގެއަށް އައުން ލަސްވެގެން މަންމަ ފިކުރުބޮޑުވެފައި ހުރި މިންވަރު ތަސައްވަރު ކުރެވި ތަނާލް މާޔޫސްވެއްޖެއެވެ. ފުރާފުރިހަމަވީ ދުވަހު މައިންބަފައިންނަށް ތަކުލީފަކަށް ވާން އޭނަ ބޭނުމެއް ނޫނެވެ. އެއީ އިންސާފެއް ވެސް ނޫނެވެ.

''އައިމް ސޮރީ...'' ތަނާލްއަށް އިސްޖަހާލެވުނެވެ. އެމަންޒަރު ފެނި ސުމައްޔާއަށް ކުރިއަށް ޖެހިލެވުނީ ބޭއިހްތިޔާރުގައެވެ.

''ނޫނޭ ދަރިފުޅާ، މަޢާފަށް އެދޭވަރުގެ ކަމެއް ނުވޭ... އައިމް ޕްރައުޑް އޮފް ޔޫ...'' ތަނާލް ގެނެސް މޭގައި ލައްކޮށްލަމުން ސުމައްޔާ ބުންޏެވެ. ޖަޒުބާތުގައި ބެހެމާއެކު ވާހަކަދެއްކުން ސުމައްޔާއަށް ފަސޭހަކަމަކަށް ނުވިއެވެ. ތަނާލްގެ ބުރަކަށީގައި ސުމައްޔާއަށް ފިރުމާލެވުނެވެ. މައިވަންތަކަމުގެ ކުލުނުން ފުރިގެންވި ހަރަކާތެކެވެ. ތަނާލްގެ ދިލަ މެޔަށް ފިނިކަމެއް ލިބުނެވެ.

''މަންމާ...'' މަންމަގެ ކޮނޑުގައި ތާނާލް ބޯއަޅާލިއެވެ.

''ދެން ހުއްޓާލާ... މަންމަމެން މިތިބީ ދަރިފުޅާއެކުގަ...'' ސުމައްޔާގެ ޖުމްލައިން ތަނާލްގެ ކަރުނަތައް ކޮންޓްރޯލުން ދޫވާން ފެށިއެވެ.

''ތެދެއް ދަރިފުޅާ...'' ސުމައްޔާއަށް އެބާރުލުން ދެމުން ހާރޫން ބުންޏެވެ. ބައްޕައަށް ތަނާލް ބަލައިލީ ޝުކުރުވެރިކަމާއެގައެވެ. އެވަގުތު އެއްކަމެއް އޭނައަށް ފާހަގަ ކުރެވުނެވެ. މަންމައާއި ބައްޕަގެ ދެމެދަށް ވެރިވަމުން އައި ނުތަނަވަސްކަމަށް ނިމުމެއް އަތުވެއްޖެކަމެވެ. އެއާއެކު މާތްﷲއަށް ތަނާލް ހަމްދުކުރިއެވެ. ތަހައްޖުދު ނަމާދަށް ފަހުގައި އޭނަ ކުރި ދުޢާތަކުން ދުޢާއެއް މާތްﷲ އިޖާބަކުރައްވައިފިއެވެ.

''ތެންކިއު...'' ތަނާލްއަށް މަޑުމަޑުން ބުނެވުނެވެ. ސުމައްޔާއަށް ސާފުކޮށް އަޑުއިވުނެވެ. ތަނާލްގެ ބުރަކަށީގައި ސުމައްޔާ ފިރުމާލި އެވެ.

''ދެން ދޮރުކުރިމަތީގަތަ ތިބެނީ؟، މިހާރު ވަރަށް ބޮޑަށް ލަސްވެއްޖެހެން ބައްޕައަށް ހީވަނީ، ދެން އަވަހަށް ނިދަންވީ... މާދަން ހެނދުނު އެބަ އޮތް މީޓިންގްއެއް ވެސް...'' ހާރޫން ބުންޏެވެ. ތަނާލްގެ ގައިން ސުމައްޔާ ދޫކޮށްލީ ބާރަށް ބައްދާލާފަ އެވެ.

ތަނާލްއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ހަމަޖެހުން ހައްޓަން އިހުސާސްކުރެވުނުހެން ހީވިއެވެ. ކަރުތާފެނުގައި ގެނބެމުން ދަނިކޮށް އައްސޭރިއެއްގެ މަދަދު ލިބުނު ފަދަ އެވެ.

''ދެތެއް... އަވަހަށް ނިދީމަ ފަތިސް ނަމާދަށް ހޭލެވޭނީ...'' ސުމައްޔާ ބުނެލިއެވެ. އޭނައަކީ ދީނީ ކަންތަކަށް އަހަމިއްޔަތުކަންދޭ މައެކެވެ. ތަނާލްއަށް އިސްލާމީ ރީތި އާދަތައް ލިބިފައިވަނީ އެހެންވެގެންނެވެ.

''މަންމަ ދަރިފުޅަށް ގޮވާލަންތަ؟...'' ތަނާލް ކޮޓަރިއަށް ދާން އުޅުމުން ތަނާލްގެ އަތުގައި ހިފައި ހުއްޓުވަމުން ސުމައްޔާ އެހިއެވެ. ފަނޑު ހިނތުންވުމަކާއެކު ތަނާލް ބޯޖާހަލިއެވެ.

ރޭގަނޑުގެ ވަދާއީ ސާލަން ބައްޕައާއި ބައްދަލުކޮށްލަމުން ތަނާލް ގޮސް އޭނަގެ ކޮޓަރީގެ ދޮރު ކުރިމައްޗަށް ހުއްޓުނެވެ. އެއްޗެއް ހަނދާންވެގެން، ފަސްއެނބުރި ބައްޕައަށް ތަނާލް ބަލައިލިއެވެ. އޭރު ބައްޕަ ކޮޓަރިއަށް ވަންނަނީއެވެ. މާދަމާ ހެނދުނަށް އެމައުޟޫޢު ފަސްކޮށްލަމުން ތަނާލް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެވުމާއެކު އާދައިގެ މަތިން މަޔޫސްކަމުގެ ސައިލެއް އައިސް އޭނަ ވަށާލި ކަހަލައެވެ. ތަނާލްއަށް އިސްއޮބާލެވުނެވެ. އެހެނިހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ތަނާލްގެ އަޒުމު ވަރުގަދައެވެ. ކުރިއަށް އެޅި ފިޔަވަޅުތައް މަޑުޖައްސާލަން އޭނަގެ ނަފުސު އެއްބަހެއް ނުވިއެވެ. މަންޒިލް ގެއްލިފައިވި މުސާފިރެއް ފަދައިން ހުއްޓި ހުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

*****

ހެނދުނެވެ. ރޭއްސުރަން ވެހެމުން ދިޔަ ވާރެއަށް ކުޑަމީސް ބަދަލެއް ނާދެއެވެ. އުދަރެސް އޮތީ ބަނަ ވިލާތަކުން ބައްދާލާފައެވެ. ޖެހިލާ ރޯޅިތައް ބާރުވެފައި ފަޒާފައިވަނީ ވައިރޯޅީގެ ޒޫން އަޑުފަށްގަނޑެވެ. އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދެމުން ދުރުދުރުން ގުގުރީގެ އަޑު އިވިއިވި ހުއްޓެވެ.

ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ކާމޭޒު ދޮށުގައި ހާރޫންގެ ދެމަފިރިން ތިއްބެވެ. ދެމަފިރިން އޮލަވާހަކައެއްގައި ތިއްބާ ތަނާލް ކޮޓަރިން ނިކުމެއްޖެއެވެ. ކްރީމްކުލައިގެ ކުރުތާއަކާއި ކެރެމެލްކުލައިގެ ހަރުވާޅެއްގައި ތަނާލް ހުރިއިރު އުނަގަނޑާ ހަމައަށް އަންނަ ރާޅުބާނީ އިސްތަށިގަނޑުގައިވަނީ ހުޅިއެއް ޖަހާފައެވެ.

ތަނާލްއަކީ ތަފާތު ރީތިކަމެއް ލިބިފައިވާ ޖިންސުއްލަތީފެކެވެ. ތަނާލްއަށް ލިބިފައިވަނީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ތަފާތު ރީތި ކަޅުކުލައެވެ. ދިހުމެއް އޭނަގެ ހަންގަނޑުގައި އެކުލެވިގެންވެއެވެ. މޮއިސްޗަރައިކާ މޫނުގައި ހާކާލުމުން ކުރީގެ ރީތިކަމުގެ ކުޑަ މިންވަރެއް ނަމަވެސް ފަނޑުކަމާއެކު ފެންނަން ފެށިއެވެ. ހިމަ ބުމައާއި ކަޅުކަން ގަދަ އެސްފިޔަތަކުން ހިޔާ ދީފައިވާ ''އެމްބާރ'' ކުލައިގެ ދެލޮލަކީ ވެސް ޗާލުކަން އިތުރުކޮށްދޭ ސިފައެކެވެ. ތަނާލް އެންމެ ފަހުރުވެރިވަނީ ޤުދުރަތުން އޭނައަށް ދެއްވާފައިވާ ކަޅު ކުލައަށެވެ. ސްކޫލުގައި ހަނގާގެ ޝިކާރައަކަށް ވި ހިނދުގައި ވެސް އޭނަ އިސްއުފުލީ ފަހަރުވެރިކަމާއެކުގައެވެ. ވިހަ ބަސްތަކުން އޭނަގެ ނަފުސަށް އޮތް އިތުބާރަށް ކުޑަމީސް ލޮޅުމެއް އައުމުގެ ފުރުސަތެއް ނުދިނެވެ. އެއިތުބާރު އަލުން ލިބުމަށް އެދެވެނީ އެހެންވެގެންނެވެ. ލޯގަނޑުން ފެންނަ އޭނަގެ ސޫރައަށް ނަފުރަތުކުރަން ތަނާލް އިތުރަށް ބޭނުމެއް ނޫނެވެ. އެއީ ވެސް އަނދިރީގެ ތެރެއަށް ނަފުސު ހުށަހެޅުމަށް ދެވޭ ދަޢުވަތަކަށް ނޫނީ ނުވެއެވެ.

''އަވަހަށް އާދޭ...'' ތަނާލް ފެނުމުން ސުމައްޔާއަށް ހިނިތުންވެވުނެވެ. އިސްވެ ހެނދުނުގެ ސަޔަށް އިންސާފުކުރަން ތަނާލް އައުމަކީ ނާދިރުކަކަމަށްވުމުން، ސުމައްޔާ އަވަސްވެގަތީ ތަނާލްއަށް ސައި ތައްޔާރުކުރާށެވެ. ތަނާލް އެކަމަށް އިންކާރުކުރަން އުޅުމުން ވެސް ގަދަކަމުން ގެންގޮސް ގޮނޑީގައި ބޭންދިއެވެ. އެމަންޒަރު ބަލަން ހާރުން އިނީ ހެވިފައެވެ.

ބައްޕަގެ މޫނަށް ބަލަމުން ތަނާލް ވެސް ހިނިތުންވެލަން މަސައްކަތްކުރިއެވެ. ކިތަންމެ ބީރައްޓެހި ހަރަކާތެއްކަމުގައި ވިޔަސް މެއެވެ.

ބިސްގަނޑާއި އެކު ދެފޮތި ޕާން ޓޯސްޓްކޮށްލަމުން ތަނާލްގެ ތަށްޓަށް ސުމައްޔާ ލައިދިނެވެ. އަދި މޭޒުމަތީ ހުރި ބަޓަކާއި ޖޭމުގެ އިތުރުން ނިއުޓެއްލާ ފުޅި ވެސް ތަނާލްގެ ގާތަށް ޖައްސާލިއެވެ.

''ހުރިހާ އެއްޗެއް ތަނޫއަށްދޯ؟...'' ސަމާސާ ރާގަކަށް ހަރޫން ބުނެލިއެވެ. ކާމެޒު ދޮށަށް އުފާވެރިކަމުގެ މާހައުލެއް ވެރިވެފައި އެވަނީ ޒަމާންތަކަށް ފަހުގައެވެ.

''އޮފީހަށްދާ ގަޑި ޖެހެނީއެއްނޫންތަ؟، އެހެން ނޫނަސް މިހާރު ސައިބޮއެ ނިމިއްޖެތާ ކޮން އިރެއް...'' ސުމައްޔާ އިޝާރާތްކޮށްލީ ހާރޫން ކުރިމަތީ ހުރި ހުސްތަށްޓަށެވެ. ކޮފީ ޖޯޑު ވެސް ހުރީ ހުސްވުމާ ގާތުގައެވެ. ހާރޫނަށް ހެވުނެވެ.

މަންމައާއި ބައްޕަގެ ދެމެދުގައި އޮތް ފުރިހަމަ ލޯބި ފެނި ތަނާލްގެ މޭގައި ރިއްސާލިއެވެ. ހަނދާނުގެ ލޯގަނޑުން ސިފަވެގެން އައީ ހިދާންއާއެކުގައި ހެނދުނުގެ ސަޔަށް އިންސާފުކުރާ ވގުތު ދެކެވޭ ވާހަކަތަކަށެވެ. ހިދާން ކޮށްލާ ލާނެއް ސަމާސާތަކެވެ. ތަނާލްގެ މޫނު މިލައިގެންދާން ފެށިއެވެ. ގާތުގައި އިން ސުމައްޔާއަށް ފާހަގަ ކުރެވުނެވެ. އޭނައަށް ބަލައިލެވުނީ ހާރޫނަށެވެ. އަތުގެ އިޝާރާތުން ހަރޫން އެދުނީ ތަނާލްއަށް އިރުކޮޅެއް ދިނުމަށެވެ. ދެކޮޅު ހެދުމެއް ނެތި ސުމައްޔާ ބޯޖަހާލިއެވެ.

''ބައްޕާ...'' ބަނދެވެން ފެށި ޚިޔާލުތަކާ ދުރުވެލަން ތަނާލް އަވަސްއަވަހަށް ބުންޏެވެ. ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ވެޓިދާނެކަމުގެ ބިރަށެވެ.

ތަނާލްއަށް އޭނަގެ ފުރިހަމަ ސަމާލުކަން ހާރޫން ހުއްޓާލިއެވެ.

''އަޅުގަނޑު... އަޅުގަނޑު ބޭނުން އަލުން ކުންފުންޏާ ގުޅެން...'' ފުންނޭވާއަކާއެކު ތަނާލް ބުންޏެވެ. އެޖުމްލައިން ހާރޫންގެ މޫނު އުޖާލާ ވިއެވެ. ހުދު އޭނަ ވެސް އެހުންނަނީ އެޚިޔާލު ހުށަހަޅަންވެގެން ރަނގަޅު ދަނޑިވަޅަކަށް ބަލަބަލަ އެވެ.

ހިދާންއާއި ކައިވެނިކުރުމުގެ ކުރިން ތަނާލް މަސައްކަތްކުރީ ހާރޫނާއެކުގައެވެ. ހާރޫންއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންޓީރިޔާ ޑިޒައިނިންގެ މަސައްކަތް ކުރިއަށް ގެންދާ ކުންފުންޏެއްގެ ޒިންމާދާރު އިސް ވެރިއެކެވެ. އޭނަގެ ފިޔަވަޅުގެ ދަށުން ތަނާލްގެ ޝައުޤުވެރިކަން އެދާއިރާއަށް ހުއްޓުމުން އެކަމާ އޭނަ ނުހަނު އުފާވިއެވެ. މުސްކުޅިވާ ދުވަހު އޭނަގެ ކުންފުންޏާ ތަނާލް ހަވާލުވާނެ ކަމުގެ ފޮނި ހުވަފެންތަކެއް ދެކެވުނެވެ. އެހެނަސް، ކައިވެންޏަށް ފަހުގައި ތަނާލް ބޭނުންވީ ހިދާން ފަށައިގެން އުޅުނު ވިޔަފާރިއަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. އެކަމަށް ވެސް ހާރޫން ރުހުން ދިނެވެ.

''ބައްޕަ މިހުންނަނީ ދަރިފުޅު ގާތު ތި ވާހަކަދައްކަން ވެގެން... މިވީ މާ ރަނގަޅަކަށްނު...'' ސުމައްޔާއަށް ބަލަމުން ހާރޫން ބުންޏެވެ. ފުން ވިސްނުމަކަށް ގެއްލިފައި އިން ސުމައްޔާ ބަލައިލީ ހާރޫނަށެވެ. ކަންބޮޑުވުން ސުމައްޔާގެ ދެލޮލުން ހާރޫނަށް ފެނުނެވެ. މަސައްކަތުގެ މާހައުލާ ދުރުގައި ހުރުމަށްފަހު އަލުން އަނބުރާ ދާންވުމުން ހުންނާނެ ގޮންޖެހުންތަކާ މެދު ސުމައްޔާ ވިސްނަމުންދާ މިންވަރު ހާރޫނަށް ނަގައިގަނެވުނެވެ. އޭނަ ހީކުރީ ތަނާލްގެ ހުށަހެޅުމާ ސުމައްޔާ ދެކޮޅު ހަދާނެ ކަމަށެވެ. ނަމަވެސް އޭނަ ހައިރާންކޮށްލަމުން ތަނާލްގެ ޚިޔާލަށް ސުމައްޔާ އެއްބާރުލުން ދިނެވެ.

''ވަޒީފާއަށް ނިކުންނަން ފެށީމަ މާހައުލު ބަދަލުވާނެ، އެކުވެރިން ވެސް ލިބޭނެ...'' ސުމައްޔާ ވިސްނަމުން ބުންޏެވެ. އޭނަ ހިތަށް އުނދަގޫވިޔަސް، ތަނާލްގެ މޫނުން ފާޅުވި ޝުޢޫރުތަކުން އިންކާރުކުރަން ފަސްޖެހުނީއެވެ.

''މިއަންނަ ހުކުރުގަ އޮންނާނެ ސަރުވާ އިންޑަސްޓްރީގެ އިވެންޓެއް، ދަރިފުޅަށް އެނގޭ ދޯ އެއީ ކޮން ބައެއްކަން؟ ތަންކޮޅެއް ކުރިން ބައްޕައާއެކު ޕްރޮޖެކްޓެއް ކުރިއަށް ގެންދިއައީމެއްނު؟، ސަރުވާ އިންޑަސްޓްރީސްގެ ހޮޓެލެއްގެ އިންޓީރިއާރ ފައިނަލް ކުރަން؟...'' ދުރު ހަނދާނެއް އާލާކޮށްދެމުން ހާރޫން ބުނުމުން ތަނާލް ބޯޖަހާލިއެވެ.

''އެއިވެންޓުގެ ތެރެއިން ކްލައިންޓުންނަށް ދަރިފުޅު ތަޢާރަފްކޮށްލަން ފަސޭހަވާނެ، ސަރުވާ އިންޑަސްޓްރީސްގެ ފަރާތުން ހުޅުމާލޭގަ ހުޅުވަން އުޅޭ ހޮޓެލްގެ ޕްރޮޕޯޒަލް ވެސް ބައްޕަމެންނަށް ކާމިޔާބުވެފަ އޮތީ...'' ބިލާން ބުންޏެވެ. ތަނާލް ކުޑަކޮށް ހިތްނުތަނަވަސް ވިއެވެ. މީހުން ގިނަ މާހައުލަކަށް ދާން ޖެހޭނެތީއެވެ. އެކަމުގައި އޭނައަށް ކާމިޔާބު ލިބިދާނެތޯ ޒަމީރާ ސުވާލުކޮށްލެވުނެވެ.

''އަހަރެން އަޑުއެހިން އެކުންފުނީގެ ނިއު ސީއީއޯ ހަމަޖައްސަންށޯ އުޅެނީ... ޖަމްޝީދާ ބުނި މަސްރޫރުގެ ދޮށީ ފިރިހެންދަރިފުޅު ރާއްޖެ އައި ވާހަކަ ވެސް، އަޑު އިވޭ ގޮތުގަ އެސޮރު ތަޢާރްފުކުރަން ވެގެން ބާއްވާ ހަފްލާއެކޯ... އެކަމަކު އެބުނާ ސޮރެއް މިހުރިހާ ދުވަހު އުޅުނީ ރާއްޖޭން ބޭރުގައެއްނޫންތަ؟، ވަރަށް ފަހުންނޯ ރާއްޖެއައީ......'' ރައްޓެހިންނާއެކު އަނގަތެޅުމަކީ ސުމައްޔާ ފޯރިހުންނަން ކަމަކަށް ނުވިޔަސް، ސަރުވާ އިންޑަސްޓްރީއަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު މަހުޖަނުންގެ ތެރޭގައި ނުގާލެވޭ ބައެކެވެ. އެޢާއިލާއަށް ގިނަ މީހުންގެ ލޯތައް ހުއްޓެއެވެ. އޭނަގެ އެންމެ ގާތް ރަހުމަތްތެރިޔާ ސުމައްޔާ ވެސް ހުންނަނީ އެޢާއިލާގެ ވާހަކަތަކަށް ކަންފަތް ހުޅުވައިގެންނެވެ. އަޑެއް އިވޭއިރަށް އެހޫނުކަމާއެކު ސުމައްޔާގެ ކަންފަތާ ހަމައަށް ގެނެސްދޭނެއެވެ.

''މަންމަ މިހާރު ގޮސިޕްކުރަން ފެށީތަ؟...'' ތަނާލްއަށް ބުނެވުނެވެ. ހާރޫނަށް ހެވުނެވެ. އޭނައަށް ވެސް ސުމައްޔާ އެދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް އޮތީ އަޑު އިވިފައެވެ. ނަމަވެސް އެޢާއިލާގެ ޒާތީ މަޢުލޫމާތު އެނގޭ ވަރަށް ވުރެން އެދެމެދުގައި އޮތީ ހަމައެކަނި ވިޔަފާރީގެ ގުޅުމެކެވެ. އޭނައާއި މިހާތަނަށް ބައްދަލުވެފައިވަނީ ހަމައެކަނި މަސްރޫރާއެވެ. ވިޔަފާރީގެ އިތުރުން އެހެނިހެން މައުޟޫޢުއަކަށް އެދެމެދުގައި ވާހަކަދެކެވިފައެއް ނެތެވެ. މަސްރޫރަކީ މީހުންނާ ގުޅޭ ރައްޓެހި މިޒާޖެއްގެ ވެރިއެއް ނޫނެއެވެ. އެއާ ޚިލާފަށް މަސްރޫރަކީ ބޮޑާކަމާއި ކިބުރުވެރި ޝަހުސިއްޔަތެއްގެ ވެރިއެކެވެ.

''އެހެނެއް ނޫން... ދެން ދަރިފުޅުވެސް ދޯ... އެމީހުން ކުއްލިއަކަށް އެހާ ބޮޑު އިވެންޓެއް ބާއްވާ ވިޔަފާރި ޕާޓްނަރުންނަށް ދަޢުވަތު ދިނީމަ ވާހަކަދެކެވޭނެ ދޯ... ކީކޭތަ އެސޮރަށް ކިޔަނީ؟................................... ޒަރީރުތަ؟... ޒާހިރުތަ؟... ނޫން، ނޫން، ޒަރާރް!، އާނ، ޖަމްޝީދާ ބުނީ ޒަރާރްއޯ ކިޔަނީ...'' ސުމައްޔާ އޭނަގެ ޖުމްލަ މެދުކަނޑާލާފައި، ސިކުނޑިއަށް ބާރުލަމުން ފުރިހަމަކޮށްލިއެވެ.

(ނުނިމޭ)