ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ވިއްކާ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ހަސަންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އާތިފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށެވެ. އެ މައްސަލައިގައި ކިންގްސްޓަންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން 158 ފަރާތެއްގެ އަތުން މަރަކާއި ހީލަތުން ފައިސާ ނަގާފައިވާކަން އެނގުނުކަމަށް ފުލުހުން ބުންޏެވެ.

"އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 ރުފިޔާ އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފަ" ފުލުހުން ބުންޏެވެ.

ކިންގްސްޓަންގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށްވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ. މައްސަލަ ހުށަހަޅާފައިވަނީ ކިންގްސްޓަންއިން 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ސައިކަލް ވިއްކާކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ.

މިހާރު މި މައްސަލަ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އާތިފުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.

ކިންގްސްޓަން ކުންފުނިން ސައިކަލު ގަތުމަށް ފައިސާ ދެއްކި ބައެއް މީހުން ވަނީ ފައިސާ ދެއްކިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔަ އިރުވެސް ސައިކަލު ލިބިފައިނުވާ ކަމަށް ބުނެފައެވެ. އަދި ރިފަންޑަށް އެދުމުންވެސް އެ ފައިސާ އަނބުރާ ދީފައިނުވާތީ ކިންގްސްޓަން އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކުރިއެވެ.

ނަމަވެސް އެ ކުންފުނީގެ ހިއްސާދާރު އާތިފް ބުނެފައިވަނީ ސައިކަލު ހަވާލުކުރުމަށް ނުވަތަ ފައިސާ ހަވާލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.