ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލުގެނައުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުގެ އުމުރަށް ބަދަލު ގެނައުމަށް ވިސްނަވާތޯ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމުގައި އެއްވެސް ވަރަކަށް އޮތް ކަމެއް ނޫން (ވެރިކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުން) އެއީކީއެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިންތިހާބީ މަގާމުތަކަށް ހޮވާ ފަރާތްތަކަކީ ތައުލީމީ އަދި ގާބިލު ބަޔަކަށްވާން ޖެހޭކަން ފާހަގަކުރައްވައި އެކަމުގެ ބަހުސަށް ތައްޔާރަށް ވެސް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ އަބަދުވެސް އިންތިހާބީ މަގާމުތަކަށް ތައުލީމީ އަދި ތަޖުރިބާކާރު މީހުން ގެނައުން ކަމަށެވެ.