ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ ރޭ ނަަސަންދުރާގައި ބޭއްވި އެ ބޭންކުގެ 43 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން ރެކޯޑު އަދަދެއް ކަމަށްވާ ޖުމްލަ 322 މިލިއަން ރުފިޔާ ބަހަން ވަނީ ފާސްކޮށްފަ އެވެ. އަދި ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.

ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ އަގަކީ، 1015.90 ރުފިޔާ އެވެ.

28 މާޗް 2026، މާލެ، ބޭންކް އޮފް މޯލްޑިވްސްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ބޭންކުން ބުނި ގޮތުގައި އެހެންކަމުން، ކޮންމެ ހިއްސާއަކަށް މިއަހަރު ޖުމްލަ 2091.80 ރުފިޔާގެ ފައިދާއެއް ލިބޭނެއެވެ.

މިދިޔަ އަހަރު ބީއެމްއެލަށް ވަނީ ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ތާރީހުގައިވެސް ބީއެމްއެލަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

ބީއެމްއެލްގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އިތުރުވިއިރު، ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.