ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބުމުގެ ބަދަލުގައި ހުރިހާ ޕާޓީއަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޒުވާނުންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދެ ޕާޓީ ކަމަށާއި ދެ ޕާޓީގެ ޕަސަންޓޭޖު ބެހިފައި ހުންނަނީ ގާތްގަނޑަކަށް އެއްވަރަކަށް ކަމަށެވެ. އަދި ރައީސް ވަނީ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާތަކުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވައިފައެވެ.
"އެހެންވީމާ އެއް ދުވަހެއްގައި ވޯޓުލަންޏާ މަޖިލީހަށް ވެސް އަންނާނީ ގާތްގަނޑަކަށް ދެ ޕާޓީއަކަށް ނޫނީ ދެތިން ޕާޓީއެއްގެ ތެރޭ ބެހިގެން އެއްވަރަކަށް ނޫނިއްޔާ އީކުއަލް ރިޕްރެޒެންޓޭޝަނެކޭ. އެހެންވީމާ އެ ޗާންސަސް މި ލިބެނީ ދެ އިންތިހާބު އެއް ދުވަހެއްގައި އޮވެގެން. 2008 ގައި އެމްޑީޕީއަށް ލިބުނީ 54 ޕަސަންޓު، ޑީއާރުޕީއަށް 46 ޕަސަންޓު. 2013 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް 53 ޕަސަންޓު، އެމްޑީޕީއަށް 48 ޕަސަންޓު. 2018 ގައި މިއޮތީ 58، 42. 2023 ގައި 54، 46،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެ ޕާޓީގެ މެދުގައި ބެހިގެންދާ ޕަސަންޓޭޖު އުޅެނީ 60، 40 ރޭންޖުގައި ކަމަށާއި އެހެންކަމުން މަޖިލިސް މެންބަރުން އައުމުގެ ޕަސަންޓޭޖަކީ 40 ޕަސަންޓު، 60 ޕަސަންޓު ހިސާބުގައި ކަމަށެވެ. އަދި އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އެއްވެސް ޕާޓީއަކަށް 75 ޕަސަންޓު، 80 ޕަސަންޓު ހޯދުމުގެ ފުރުސަތު ހަނިވެގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ފެއާކޮށް އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވި، ކޮންމެ ޕާޓީއަކުން ވެސް ކުރިމަތިލާނީ އީކުއަލް ފުޓިންއެއްގައި. ވެރިކަން ކުރާ ޕާޓީ، ނުވަތަ ވެރިކަން ނިމެމުންދާ ޕާޓީ، އެ ޕާޓީ ވެސް އެބަ ކުރިމަތިލާ. އެކަމަކު އެމީހުންނަށް ކޮން ގެރެންޓީއެއް އޮތީ ދެން ހޮވޭނެކަމުގެ. އެހެންވީމާ ސަރުކާރުގައި ތިބެގެން މީހުން ކައިރިއަށް ގޮސް އެ ލިބޭ ފުރުސަތެއް ނުލިބޭނެ. އެހެންވީމާ އީކުއަލް ރެޕްރެޒެންޓޭޝަނެއްގައި މީހުން މަޖިލީހަށް ވަނުމުގެ ޗާންސަސް ވެސް މި ލިބެނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ ފެންނާން ހުރި ހަގީގަތްތައް ކަމަށާއި އެހެންވީމާ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ހިޔާރުކުރަންޏާ، ގައުމު ދެކެ ލޯބިވަންޏާ، އެއްވެސް ވަރަކަށް އަމިއްލަ އެދުން އިސްނުކޮށް ގެންނަންވާނީ އެންމެ ރަނގަޅު އިސްލާހުތައް ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ތާއީދާއެކު ސުޕަ މެޖޯރިޓީގެ އަދަދު ގާތްގަނޑަކަށް 80 މެންބަރުންނާ ގާތަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާރު އޮތް ގޮތަށް ދެ ދުވަހެއްގައި އިންތިހާބު ބާއްވައި، ޕީއެންސީއަށް ކުރިއަށްއޮތް ރިޔާސީ އިންތިހާބު ގެއްލުނުކަމުގައިވިޔަސް، ހަ މަސް ދުވަހުގެ މުއްދަތަކަށް މަޖިލީހުގެ ބާރު އޮންނާނެ ކަމަށާއި ސުޕަ މެޖޯރިޓީ އޮވެގެން އަލަށް ހަވާލުވާ ސަރުކާރަށް މަޖިލީހުގެ ތެރެއިން އުނދަގޫތައް ކުރިމަތިކުރުވުމާއި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ރައީސުލްޖުމްހޫރުއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތްކުރުން ފަދަ ކަންކަން މީގެ ކުރިން ވެސް ފެނިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު