ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާ ދެ ދާއިރާ ކަމަށްވާ އާސަންދައާއި ސަބްސިޑީއަށް މިއަހަރު ކުރި ހަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 249.7 މިލިއަން ރުފިޔާ ދަށްވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް ހޭދަވެފައިވަނީ 413.3 މިލިއަން ރުފިޔާއެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދައަށް ހޭދަވި 602.4 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު 189.1 މިލިއަން ރުފިޔާގެ ބޮޑު ދަށްވުމެކެވެ.

އާސަންދައިގެ އިތުރުން، ބަލި މީހުންނަށް އެހީވުމަށް ދައުލަތުން ދޭ މެޑިކަލް ވެލްފެއާގެ ހަރަދުތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ވެލްފެއާއަށް 37.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 69.1 މިލިއަންގައި ކަމަށް ފިނޭންސުން ބުންޏެވެ.

މިއީ 31.8 މިލިއަން ރުފިޔާގެ ކުޑަވުމެއް ކަމަށް ފިނޭންސުން ބުންޏެވެ.

ދައުލަތުގެ ބަޖެޓުން ދެން އެންމެ ބޮޑު ހޭދައެއް ހިނގާ ސަބްސިޑީގެ ދާއިރާއަށް ބަލާއިރު، މިއަހަރުގެ މާރިޗު 19ގެ ނިޔަލަށް ސަބްސިޑީއަށް ހޭދަވެފައިވަނީ 758.3 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް 818.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއަހަރު ވަނީ 60.6 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައެވެ.