މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި ދައުލަތުން 634 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 537 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި ދިނުމަށް ޖުމްލަ 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މިއީ މިދިޔަ އަހަރު ކައުންސިލްތަކަށް ބަޖެޓުކުރި 2.1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ. ފާއިތުވި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބަޖެޓުކުރި މިންވަރަށްވުރެ 8 މިލިއަން ރުފިޔާ އިތުރަށް ކައުންސިލްތަކަށް ހޭދަކޮށްފައިވެއެވެ.

އަދި އޭގެ ކުރީ އަހަރުވެސް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ދޫކުރެވެނީ މާލޭ ސިޓީ ކައުންސިލަށެވެ.

2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ބަޖެޓު ދޭ އުސޫލަށް ބަދަލު ގެނެސް، 'ބްލޮކް ގްރާންޓް' ގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށެވެ. މިގޮތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ މިންވަރު ކަނޑައަޅަނީ ދައުލަތަށް ލިބޭ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރާ ހޭދަ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.