މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި ހަދާ 300 ފުލެޓުގެ ބިންގާ މިރޭ އަޅައިފިއެވެ.
ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"އިން އެ ހައުސިން މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ބީއެމްއެލްއިން މިރޭ ބުނީ އެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 17 ބުރީގެ ތިން ޓަވަރު ހަދާނެ ކަމަށާއި އެއީ ތިން ކޮޓަރީގެ، 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެއްކަމަށް ބީއެމްއެލްއިން ބުންޏެވެ. ހައުސިން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ވިލިމާލޭގެ ފެހިކަން ނުގެއްލޭގޮތަށްކަމަށް ބީއެމްއެލްއިން ބުންޏެވެ.
ހައުސިން މަޝްރޫއުގެ ބިންގާ އެޅުމަށް ވިލިމާލޭގައި މިރޭ ބޭއްްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ހައުސިން މަޝްރޫއުގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ތަރައްގީއާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ.
ޝަރީފު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ކަމަށެވެ.
މިމަހުގެ 21 ވަނަ ދުވަހު ބީއެމްއެލްއިންވަނީ ހުޅުމާލޭގައި ހަދާ 1،224 ހައުސިން ޔުނިޓުގެ ބިންގާވެސް އަޅައިފައެވެ. އެ ހައުސިން މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އަށެވެ.
ބީއެމްއެލްއިން މާލޭ ސަރަހައްދުގައި ޖުމްލަ 3،260 ހައުސިން ޔުނިޓު ހެދުމަށްވަނީ ހަމަޖެހިފައެވެ. 3،260 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީންވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައެވެ.
ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.
ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައާއެކު، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ބިންތައް ހަވާލުކުރީ އެ ކުންފުންޏާއެވެ. އެ ބިންތައް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުގައެވެ.
ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2،960 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ބީއެމްއެލުން ކުރިއަށްގެންދާނެއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް