ހަނގުރާމަޔަށް ނިމުމެއް ގެނައުމުގެ މަޝްވަރާތައް ފަށާއިރު އީރާނުން ގަބޫލުކުރަނީ ހަނގުރާމަ ފެށުނުއިރަށްވުރެ އީރާނުގެ މިހާރުގެ ޕޮޒިޝަން ވަރުގަދަ ކަމުގައެވެ. އެހެންވީމާ އެމެރިކާޔާއި ގަލްފުގެ އަރަބީންނަށް ހަޖަމުކުރަން ވަރަށް އުނދަގޫ ޝަރުތުތަކުގައި އީރާނުން ހިފަހައްޓާނެ ކަމަށް ބެލެވެއެވެ. މަޝްވަރާތަކެއް އަދި ނުފެށެއެވެ. އެކަމަކު ދެން ލަސްތަކެއްނުވެ ފެށިދާނެކަމަށް ހީވެއެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި ތުރުކީވިލާތާއި މިސްރުގެ މެދުވެރިކަމުގެ ދަށުންނެވެ. ބޮޑަށް ގަބޫލުކުރެވެނީ ޕާކިސްތާނުގައި ނުވަތަ ތުރުކީވިލާތުގައި ކަމަށެވެ. އެއީ އީރާނާ އިންވެގެންވާ ގައުމުތަކެވެ. ހަނގުރާމަޔަށް ނިމުން އަންނާނީ ވާހަކަތަކެއް ދެކެވިގެންނެވެ. އީރާނާ ވާހަކަ ދެއްކުމަށް ރައީސް ޓްރަމްޕު އައްޔަންކޮށްފައި ތިބޭ މަންދޫބުންނަކީ އޭނާގެ ދަނބިކޮއި ޖަރެޑް ކުޝްނާރ އާއި ސްޓީވް ވިޓްކޯފެވެ. މިއީ ކުރީންވެސް އެމެރިކާގެ މަޝްވަރާ ޓީމުގައި ތިބި މީހުންނެވެ. އެންމެފަހުން ޖެނީވާގައި އޮމާނުގެ މެދުވެރިކަމުގެ ދަށުން އީރާނާއި ވާހަކަ ދައްކަން ގޮސްތިބީވެސް މިދެމީހުންނެވެ.

އެމެރިކާޔާއި އިޒްރޭލުން އީރާނަށް ހަމަލަދީ ހަނގުރާމަފެށީ މި މަޝްވަރާތަކުގެ މެދުންނެވެ. ފާހަގަކޮށްލަންޖެހޭ ނުގުތާއަކީ ހަނގުރާމަ ފަށަން ރައީސް ޓްރަމްޕަށް ބާރުއެޅި މީހުންގެ ތެރޭގައި މި ދެމީހުންވެސް ހިމެނޭ ކަމެވެ. ހުސްވި އަހަރުގެ ޖޫންމަހުގެ ތެރޭގައި އެމެރިކާއިން އީރާނަށް ހަމަލަދީ ބާރަ ދުވަސްވަންދެން ހަނގުރާމަ ކުރީވެސް އެމެރިކާޔާއި އީރާނުގެ މެދުގައި މަޝްވަރާތަކެއް ފެށިފައިވަނިކޮށެވެ. އެފަހަރުވެސް އެމެރިކާގެ ފަރާތުން އިސްކޮށްތިބީ ހަމަ މިވެރިންނެވެ. އެހެންވީމާ އެމީހުން ބައިވެރިވާ މަޝްވަރާތަކަކުން ހެޔޮ ނަތީޖާއެއް ނެރެވުން ވަރަށް ދުރެވެ. އަދި އެމެރިކާޔާއެކު މަޝްވަރާކުރުމުގެ ބޭނުންވެސް ވަރަށް ކުޑައެވެ. އެކަމަކު ހަނގުރާމަ ހުއްޓާލުމުގެ ގޮތުން މަޝްވަރާޔަށް ޖާގަ ދިނުމަށް އީރާނުގެ މިތުރުންވެސް ތަކުރާރުކޮށް އެދޭތީ އީރާނުން މަޝްވަރާޔަށް އެއްބަސްވާނެއެވެ. އެކަމަކު ޕޮޒިޓިވް ނަތީޖާއަކަށް އުންމީދެއް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. އެމެރިކާއަކީ އިތުބާރުކުރެވޭ ގައުމަކަށް ނުވާތީއެވެ.

މީގެ އިތުރަށް ރައީސް ޓްރަމްޕަކީ އެންމެމަތީ ދަރަޖައިގެ ދޮގުވެރިއަކަށްވެސް ވާތީއެވެ. ދެންއޮތީ އީރާނުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ލީޑަރުންނާމެދު އުފެދޭ ސުވާލެވެ. ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ބާވައެވެ. ޕާލަމެންޓުގެ ސްޕީކަރު މުހައްމަދު ބާގިރު ގަލިބާފް ބާވައެވެ. ނުވަތަ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އައު ސެކްރެޓަރީ މުހައްމަދު ބާގިރު ޒުލްގަދުރި ހެއްޔެވެ. މީގެތެރެއިން ޒުލްގަދުރިއަކީ އިޒްރޭލުގެ ހަމަލައެއްގައި ކުރީގެ ސެކްެރެޓަރީ އަލީ ލަރިޖާނީ ޝަހީދުވުމާ ގުޅިގެން އެމަގާމަށް އައްޔަން ކުރެވުނު ބޭފުޅެކެވެ. ލަރިޖާނީއަށްވުރެވެސް ހަރުކަށި ބޭފުޅެކެވެ. ލަރިޖާނީއަކީ ކުރިން ބޭއްވިފައިވާ މަޝްވަރާތަކުގައި އީރާނުގެ ސްޓޭންޑް ބައްޓަން ކުރެެއްވި ފަރާތެވެ. އީރާނުގެ ޓީމުގައި ކޮންމެބަޔަކު ހިމެނުނަސް އީރާނުގެ ސްޓޭންޑަކަށްވާނީ އީރާނުގެ ޝަރުތުތަކުގައި ހިފެހެއްޓުމެވެ. އެ ޝަރުތުތައް ދޫކޮށްލާފައި އެމެރިކާގެ ޝަރުތުތަކަށް ދީލައިލަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މަޝްވަރާޔަށް އެދުނީވެސް އީރާނަކުން ނޫނެވެ.

ހަނގުރާމަ ހުއްޓައިލަން މަޖުބޫރުވެގެން އުޅެނީވެސް އީރާނަކަށް ނޫނެވެ. ޔަގީންވާ އެއްޗަކީ ހަނގުރާމަ ފެށުނުއިރަށްވުރެ އީރާނުގެ ސްޓޭންޑް ހަރުކަށިވެފައިވާ ކަމެވެ. އިރާނުގެ މަގާމާއި ހައިސިއްޔަތުވެސް އުފުލިފައިވާ ކަމެވެ. އީރާނުން މިހާރު ބޭނުންވެގެން އުޅެނީ ހަމައެކަނި ހަމަލާތަކަށް ނިމުން ގެންނާކަށެއް ނޫނެވެ. ހަނގުރާމަ ހުއްޓާލާފައި ދެން އައު ހަނގުރާމައަކަށް އިންތިޒާރު ކުރާކަށެއްވެސް ނޫނެވެ. އީރާން ބޭނުންވަނީ ގަލްފުގެ ސަލާމަތީ ކަންކަން އައުގޮތަކަށް ތަރުތީބު ކުރުމަށެވެ. އެގޮތަށް ތަރުތީބު ވެގެންދާއިރު އީރާނުގެ ދައުރު ފުޅާވެގެން ދިއުމަށެވެ. އީރާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އަދި އިގްތިސާދީ ދުޅަހެޔޮކަންވެސް ކަށަވަރުކުރުން ހިމެނޭގޮތުންނެވެ. އެހެންވީމާ މި ހަނގުރާމަ ހުއްޓާލަން އީރާނު އެއްބަސްވާނީ އީރާނު ބޭނުންވާ ގޮތަކަށެވެ. ބޭނުންވާ ގެރެންޓީތައް ލިބިގެންނެވެ. ގަލްފުގެ މައްޗަށް، ވަކިން ޚާއްސަކޮށް ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ސިޔާދަތު އޮތްކަން އެންމެނަށްވެސް އަންގައި އިއުތިރާފު ކުރުވައިގެންނެވެ.

އީރާނަށް ލިބިގެންވާ އެންމެ މުހިންމު ހަތިޔާރަކީ ހޮރުމުޒް ކަނޑުއޮޅިއެވެ. މި ހަނގުރާމައިގައި އީރާން ވަނީ ފުރަތަމަ ފަހަރަށް އެ ހަތިޔާރު ބޭނުންކޮށްފައެވެ. މިފަހަރު ނޫނީ އީރާނުން މި ކަނޑުއޮޅި ބަންދެއް ނުކުރެއެވެ. ގަދަބާރު ބޭނުންކޮށްގެން އެމެރިކާއަކަށްވެސް އަދި އެހެން ބަޔަކަށްވެސް ކަނޑުއޮޅި ހުޅުވޭނެ ގޮތެއް ނެތެވެ. އެއީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެލާއި ގޭސް ނެރޭ މަގެވެ. ދޮރެވެ. އެ ދޮރު ބަންދުކުރީމާ މުޅި ދުނިޔެ އޮތީ ތެލާއި ގޭހަށް ޖެހިފައެވެ. ދުނިޔޭގެ އިގްތިސާދު އޮތީ ބޮއްސުންލައިފައެވެ. އީރާނުން މި ހަތިޔާރު މިގޮތަށް ބޭނުންކޮށްފާނެ ކަމަށް ނުވަތަ ބޭނުންކުރަން ކެރޭނެ ކަމަށް އީރާނުގެ ހަތުރުން ހީވެސްނުކުރަނީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް ހަނގުރާމަ ހުއްޓުވަން ދުނިޔެއިން މަސައްކަތްފެށީ ތެލާއިގޭހަށް ޖެހުމުންނެވެ. ހަނގުރާމަ ހުއްޓާލަން ވިސްނަން ޓްރަމްޕަށް މަޖުބޫރުވީވެސް ހޮރުމުޒް ކަނޑުއޮޅިޔާހެދިއެވެ. އެހެން ސަބަބެއް ނެތެވެ.

އެހެންވީމާ ހަނގުރާމަޔަށްފަހު ގަލްފުގެ ކަންކަން ބައްޓަންކުރާނެ އައު ތަރުތީބު ހަމަޖެހިގެންދާނީ ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ހައްގު ކަށަވަރުވެގެންނެވެ. އެ ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކުން އީރާނަށް ކޮންމެވެސް ފީއެއް ދިނުން ލާޒިމު ކުރާނެއެއެވެ. މިއީ އީރާނުގެ އައު ޝަރުތެކެވެ. އެވާހަކަ ބުނަންވެސް ބުނެފިއެވެ. ސުއޭޒް ކެނަލްގެ މައްޗަށް މިސްރަށް ހައްގު އޮންނަ ބީދައިންނެވެ. ބޮސްފޯރަސް ކެނަލްގެ މައްޗަށް ތުރުކީވިލާތުގެ ހައްގު އޮންނަ ފަދައިންނެވެ. އަދި ކިޔެެއްތަ ޕެނަމާ ކެނަލްގެ މައްޗަށް ޕެނަމާޔަށްވެސް ބާރު އޮންނަ ބީދައިންނެވެ. މިއީ ކުރިން އީރާނުން ގެންގުޅުނު ވިސްނުމެއް ނޫނެވެ. ދެންއޮތީ އެމެރިކާގެ ޝަރުތުތަކުގެ ވާހަކައެވެ. ނިއުކުލިއަރ ބޮން ނުއުފައްދާނެ ކަމުގެ ޔަގީންކަން މަތިމައްޗަށްވެސް އީރާނުން ދީފާނެއެވެ. ދޭނެއެވެ. އެއީ ކުރިންވެސް އީރާނުގެ ސިޔާސަތެވެ. އެކަމަކު މިސައިލް ޕްރޮގްރާމު ހަނިކުރާކަށް އެއްބަހެއް ނުވާނެއެވެ. ފައްކާކުރެވިފައިވާ ޔުރޭނިއަމް ގައުމުން ބޭރުކުރާކަށްވެސް އެއްބަހެއް ނުވާނެއެވެ.