އަރަބި ކަނޑުގައި އޮތް އެމެރިކާގެ ބޮޑު މަނަވަރަށް އިރާނުން ހަމަލަ ދީފިއެވެ.

އިރާނާ ދެކޮޅަށް އެމެރިކާއާއި އޒްރޭލު ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އެމެރިކާއިން އެ ސަރަހައްދަށް ފޮނުވާފައިވާ މަނަވަރުތަކުގެ ތެރެއިން އަރަބި ކަނޑުގައި ހަރަކާތްތެރިވާ އެެމެރިކާގެ މަތިންދާބޯޓު އުފުލާ ބޮޑު މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އަށް އިރާނުން މިސައިލް ހަމަލާ ދީފައިވާ ކަން އިރާނުން ވަނީ ޔަގީންކޮށްދީފައެވެ.

އިރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އެގައުމުގެ މިލިޓަރީން ވަނީ އެހަމަލާ ދީފައިވަނީ ކުރޫޒް މިސައިލް ބޭނުންކޮށްގެން ކަމަށް ބުނެފައެވެ.

އިރާނުން ޔޫއެސްއެސް އަބްރަހަމް ލިންކަން އަށް ފޮނުވާލާފައިވަނީ ކަނޑު އަޑިން ފޮނުވާލެވޭ، އަދި މަނަވަރުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށަ ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ނޭވީ ޗީފް އެޑްމިރަލް ޝަހްރާމް އިރާނީ ވަނީ އެގައުމުން ހަމަލާތައް ދޭނީ އެގައުމުގެ އަދުއްވުންގެ ތެރެއިން ނުރައްކާއޮތް މަަނަވަރުތަކަށް ކަމަށް ބުނެފައެވެ. އަދި އެހަމަލާތައް އިރާނުގެ މިސައިލު ރޭންޖު ތެރޭ ހުންނަ ހުރިހާ މަނަވަރުތަކަށް ދޭނެ ކަމަށް އިރާނުން ބުނެއެވެ.

ޔޫއެސްއެސް އަބްރަހަމް ލިންކަން އަށް އިރާނުން ހަމަލާ ދީފައިވާކަމަށް ބުނެފައިވާއިރު އެމެރިކާއިން އެކަމުގައި އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.