ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް އިތުރުކޮށްގެން ކަމަށްބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް އެ ބޭންކުން މިދިޔަ އަހަރު ފައިދާ އިތުރުކޮށްފައިވާނީ ވިޔަފާރި އިތުރަށް ފުޅާކޮށްގެންކަމަށް ކަމަށް ބީއެމްއެލްގެ ސިއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ބީއެމްއެލުން މުޅިން އަލަށް ދިހަ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށާއި މިއީ ބެންކުގެ 43 އަހަރުވީ ދިގު ތާރީހުގައި އަހަރެއްގެ ތެރޭ އެންމެ ގިނަ ލޯނު ދޫކުރި އަހަރު ކަމަށެވެ.
"އެއާ އެކީގައި އަޅުގަނޑުމެންގެ ނެޓް ލޯންސް އެންޑް އެޑްވާންސަސް 25.2 ބިލިއަން ރުފިޔާއަށް އަރާފާއިވޭ. އެއީ ކުރީ އަހަރާ އަޅައިބަލާއިރު 25 ޕަސެންޓްގެ ކުރިއެރުމެއް،" ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން ލޯނު ނުދައްކާ ނިސްބަތް އޭގެ ކުރީ އަހަރާ އަޅައިބަލާއިރު އެއް އިންސައްތަ ދަށް ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައުސްމާލުގެ ފުދުންތެރިކަމުގެ ރޭޝިއޯ 48.1 ޕަސަންޓަށް އަރާފައިވާ ކަމަށާއި އެއީ ގާނޫނީގޮތުން ލާޒިމުކުރާ މިންގަނޑަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ބީއެމްއެލްއަށް ގިނަ އަދަދެއްގެ ކަސްޓަމަރުންވެސް ގުޅުނު އަހަރެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ އަހަރު މުޅިން އަލަށް 30،000 ކަސްޓަމަރުން ބީއެމްއެލްއާ ވަނީ ގުޅިފައެވެ. މިދިޔަ އަހަރު ކަސްޓަމަރުންގެ ޑިޕޮސިޓް 16 ޕަސެންޓްގެ އިތުރުވުމާއެކު މިހާރު ހުރީ 37.2 ބިލިއަންގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއިން ދައްކުވައިދެނީ ބޭންކުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު ބީއެމްއެލްއަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުން އަންނަކަން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ބީއެމްއެލުން ވަނީ މާލީގޮތުން ވެސް ފުރިހަމަ ކާމިޔާބެއް މިދިޔަ އަހަރު ހާސިލުކޮށްފައެވެ. އެގޮތުން ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ ކުރީ އަހަރާއި އަޅައިބަލާއިރު ދިހަ ޕަސެންޓްގެ ކުރިއެރުމެކެވެ.
އެ ކުރިއެރުން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، "ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އަޅުގަނޑުމެން މިވަނީ ސާބިތުކޮށްދީފައި. އަޅުގަނޑުމެން މި ހިންގަނީ ހަމައެކަނި މާލީ ފައިދާ ހޯދާ ބޭންކެއް ނޫން. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް." ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް