ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން ކަމަށާއި އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް ކަމަށް އެ ބޭންކުގެ ސިއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއަކީ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި ސަރުކާރާއެކު ބާއްވާ ގުޅުމުގެ އަސްލަކީ ދެ ފަރާތުން ހިއްސާކުރާ އެއް ތަސައްވުރެއް ކަމަށެވެ.
"އެއީ ހަރުދަނާ، އެންމެންހާ ދިވެހިންނަށް ޝާމިލުވެވޭ، އަދި ފާގަތި ރާއްޖެއެއް ބިނާކުރުމުގެ ތަސައްވަރެއް،" ކަމަށް ސީއީއޯ ވިދާޅުވިއެވެ. ސަރުކާރާއެކު ކުރެވިފައިވާ މުހިންމު ބައެއް މަސައްކަތްތައް ވެސް ސީއީއޯ ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއަކީ މީގެ އެންމެ ފުރިހަމަ އެއް މިސާލު ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލުން ވަނީ ނުވަ މަސް ތެރޭ 105 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެ ހިދުމަތް ލިބޭނެ މަގަ ފަހިކޮށްފައެވެ. އަދި އެކަން ކޮށްފައިވަނީ ކުރީގައި އޭޓީއެމް ބަހައްޓަމުން އައި އަގާ އަޅައިބަލާއިރު 33 އިންސައްތަ ކުޑަކޮށްކަމަށް ސިއީއޯ ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓްގެ އިންވެސްޓްމެންޓް ބޮޑު ބައެއްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކީ އޭޓީއެމަށް ޖަމާކުރާ ފައިސާ އިތުރުވެ މާލީ ނިޒާމު ތެރެއަށް ފައިސާ ވަނުން ކަން ޝަރީފް ފާހަގަކުރެއްވިއެވެ.
އެ ޕްރޮގްރާމްގައި ޝަރީފު ވަނީ ބީއެމްއެލް އިމާރަތްކުރާ އަގުހެޔޮ ފްލެޓާއި ބެހޭގޮތުން ވެސް ވާހަކަދައްކަވައިފައެވެ. ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑުން ދަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތައް މެދުވެރިކޮށް 3260 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ ސަބަބުން ދިވެހި އާއިލާތަކަށް ލިބޭނެ ފައިދާއަކީ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ކަށަވަރުވެ، ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށްވުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިފަދަ ގުޅުންތަކަކީ ހަމައެކަނި ސިޔާސަތު ތަންފީޒުކުރުމެއް ނޫން، މިއީ ވިޔަފާރީގެ ގޮތުން ބެލިޔަސް ނިންމާ ރަނގަޅު ނިންމުންތަކެއް. މީގެ ސަބަބުން އަގުހެޔޮ ބޯހިޔާވަހިކަން ފަދަ އާ ދާއިރާތަކަށް ވަނުމުން، އާމްދަނީ ލިބޭނެ އާ މަގުތައް އުފެދި، ބެންކުގެ ވިޔަފާރި ސިންދަފާދުވެގެންދޭ،" 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމުމަށް އަމާޒު ހިފާފައިވާ އެ ޔުނިޓުތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވިއެވެ.
ގައުމުގެ އިގުތިސާދުގައި ބޭންކުގެ ދައުރު ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ދިވެހި ރާއްޖޭގެ އިގުތިސާދީ އޮނިގަނޑަށް ބަލާއިރު ބީއެމްއެލްގެ ޖުމުލަ އެސެޓް މުޅި ދިވެހި ރާއްޖޭގެ ޖީޑީޕީގެ 38 ޕަސެންޓް ތަމްސީލުކުރާ ކަމަށެވެ. އެހެންކަމުން ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާއެކު ގާތުން މަސައްކަތްކުރުމަކީ ބޭންކަށް ސްޓްރެޓްޖެކްލީ ވަރަށް މުހިއްމުކަމެއް ކަމަށް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް