ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓާ ކުރާ ބެލެނިވެރިންނަށް ވަކި ހާލަތްތަކުގައި ހާއްސަ ޗުއްޓީއަށް އަންނަ މަހުން ފެށިގެން އެދޭވޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާލުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓާ ކުރާ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ފޯސްޓާކުރުމުގައި ވަރަށް ގިނަ ދަތިތައް ހުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ރައްޔިތުންގެ ބައްދަލުވުންތަކުގައާއި އެކިއެކި ޖަލްސާތަކުގައި، ރައްޔިތުންގެ ފަރާތުން އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ. އޭގެތެރޭގައި ވަޒީފާ އަދާކުރާ ފޯސްޓާކުރާ ބެލެނިވެރިން، ހަވާލުވާ ތުއްތުކުދިން ބަލި ހާލަތްތަކުގައި ހޮސްޕިޓަލުތަކުގައި މަޑުކުރަންޖެހޭ ޖެހުން ދަތި ކަމަކަށް ވެފައިވާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކުދިންނާ ހަވާލުވާއިރު ވަރަށް ތުއްތު ކުދިން ދެން ވަރަށް ގިނަ ފަހަރަށް، ހޮސްޕިޓަލް ތެރެއިން މި ހަވާލުވަނީ. ގިނަ ފަހަރަށް، ނިކޫ ތެރޭ ބާއްވަން ޖެހިފައި. އަދި ބައެއް ފަހަރަށް ވޯޑުގެ ތެރޭގައިވެސް އެކުދިން ބަލަހައްޓަންޖެހޭ. ދެން އެ ބަލަހައްޓާ މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރާ ފޮސްޓާކުރާ ބެލެނިވެރިންނަށް ވަޒީފާއަށް ދަމުން ފޯސްޓާކުރަމުން، ހޮސްޕިޓަލުގައި އެވާ ދަތިތަކުގެ ވާހަކަވެސް އެބަ ދެކެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން، ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާކޮށްގެން ފޯސްޓާކުރާ ފަރާތްތަކަށްވެސް އަންނަ އެޕްރީލު މަހުން ފެށިގެން ހާއްސަ ޗުއްޓީއެއް، ހާއްސަ ލީވްއެއް ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ އަލުގަނޑުމެންގެ ކުދިންނާއި އަޅުގަނޑުމެންގެ ކުދިންނާ ހަވާލުވާން ތިބި ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔަކަށްވެގެންދާނެ. ދެން ހޮސްޕިޓަލް ނޫނަސް، އެ ކުއްޖާއާ ހަވާލުވެފައި، އެ ކުއްޖާއާ ލޯބިވެތި ގުޅުމެއް އުފައްދަން ވަގުތުތަކެއް ބޭނުންވޭ އެ ކުއްޖާއާއެކީ،" މިނިސްޓަރު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް