ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވި ފަހުން، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން 111 ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދެވިފައިވާ ކަމަށް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިހާމް ވިދާޅުވީ، 17 ނޮވެމްބަރު 2023 އިން ފަށައިގެން މިއަދާ ހަމައަށް އެ މިނިސްޓްރީން 111 ކުއްޖަކަށް އާއިލީ ވެއްޓެއް ވަނީ ހޯދައިދެވިފައި ކަމަށެވެ.
"އުފާވެރި، ލޯބި ލިބިގެންވާ އާއިލީ ވެއްޓެއް ވަނީ ހޯދައިދެވިފައި. މިއާއެކީގައި ދައުލަތަށް ނެގޭ، އެހެން ނޫނީ އެ ކުއްޖެއްގެ އާއިލާ ތެރޭގައި އެ ކުއްޖަކު ބަލަހައްޓަން ބޭނުންވާ ފަރާތަކާ ހަވާލުކުރެވޭ ނޫނީ އަލަށް އާއިލާއެއް ލިބޭ ކުދިން،" މިނިސްޓަރު ވިދާޅުވިއެވެ.
އާއިޝަތު ޝިހާމް ވިދާޅުވީ ބައެއް އާއިލާތަކުން ކުދިން ނެގި ނަމަވެސް، އެ އާއިލާތަކުގެ މާލީ ހާލަތަށް ބެލުމަށްފަހު، ފޯސްޓާކުރާ ކުދިންނަށް އެ މިނިސްޓްރީން 5000 ރުފިޔާގެ އެލެވެންސެއް ދެމުންގެންދާ ކަމަށެވެ. އެކަމުގެ ސަބަބުންވެސް އާއިލާތަކުގެ މާލީ ހާލަތު ތަނަވަސްވެގެންދާ ކަމަށާއި ފޯސްޓާކުރަން ބޭނުންވާ ބެލެނިވެރިން އިތުރުވާކަން ފާހަގަވެފައިވާ ކަމަށެވެ.
"ކުދިން ނަގާ އައިލާތަކަށް ބައެއް ފަހަރަށް މާލީ އެހީތރިކަން ބޭނުންވާތީ ހާއްސަ އެލަވަންސް، އެ ކުއްޖަކަށް 5000 ރުފިޔާ އެލަވަންސެއް އެ ކުއްޖަކަށް ލިބޭގޮތަށް ހަމަޖެހިގެންދިޔަ، އެޔާ އެކުގައި އެ އާއިލާތަކަށް ލުއިތަކެއްވެސް އައިކަން ފާހަގަކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި މިނިސްޓްރީގެ ބެލުމުގެ ދަށުގައި 164 ކުދިން ތިބި ކަމަށާއި އަދި މިހާރު ތިބި ކުދިންގެ އަދަދަކީ 152 ކަމަށެވެ.
"އެއީ ހުރިހާ އަތޮޅުތަކަށް ބެހިފައި ހުރި އަމާންވެށިތަކުގައި އެކި ތަންތަނުގައި ބެލެހެއްޓެމުންގެންދާ ކުދިން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން އެ މިނިސްޓްރީން 2500 އާއިލާއެއްގެ ހާލަތު ކައިރިން ބަލަމުންގެންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފާތިމަތު ލިއުޝާ
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް