އިރުވައި މޫސުން ނިމި ހުޅަނގު މޫސުމުގެ ކެރީގެ އަސަރު ގަދަވަޔާއެކު ކުރަންފެށި ރެއެކެވެ. ވެހެމުންދާ ވާރޭގެ ތެރޭގައި ކަޅުކުލައިގެ ކުޑައެއް އަޅައިގެން ހުރި އަންހެންކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ އިމާރާތަށެވެ. އޭނަ އެތާ ހުއްޓިގެން ހުންނަތާ އިރުކޮޅެއް ވެދާނެ އެވެ. ދާނެ މަންޒިލް ހިތުގައި އޮތްކަމުގައި ވިޔަސް، އޭނަގެ ނެތީ އެހިތްވަރެވެ. ދެފަޔަށް ބަރުވެ މިހާ ހުއްޓުން އަރާފައި ހުރީ އެހެންވެއެވެ. ބޭރުގައި އުފެދިފައި އޮތް ތޫފާނައި އެއްހަމައެއްގައި ސިކުނޑީގެ ތެރޭގައި އުފެދިފައި އޮތް ހައިޖާނުގެ އަސަރު މާ ބޮޑެވެ. އެއީ އުދާސްކަމުގެ ތޫފާނެކެވެ. ކަރުނައާއި ވޭނުގެ ދިގު ސިލްސިލާއެކެވެ. ނިމުމެއް ނުވާ ކެކުޅުމެކެވެ. މިލައިގެން ގޮސްފައިވި މޫނާއި، ހިތްދަތިކަމުގެ ކަރުނަ ވިދަމުންދާ ދެލޮލުން އެކަމަށް ހެކިވެއެވެ.

ޖެހިލި ގަދަ ވައިރޯޅި ކުޑައިގައި އަޅުވާލި އަޑާއެކުގައި ތަނާލް ސިހުނެވެ. އެވަގުތު ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނައިގެ އިހުސާސް އޭނައަށް ކުރެވުނެވެ. ފަޒާގެ ފިނިކަން ހިއްސުތަކުގެ މައްޗަށް އަތްގަދަކޮށްލީ ވެސް ދެނެވެ. އެތެރެއަށްދަމާލި ދިގު ނޭވާއާއެކު ކަރުނަ ފޮހެލެވުނެވެ.

ރޭގަނޑުގެ އަނދިރިކަން ކަޝްފުކޮށްލި ވިދުވަރުގެ އައްޔާއެކު، ތަނާލްގެ ނަޒަރު ކުރިމަތިން ފެންނަން ހުރި އިމާރާތާއި ވަކިވެގެން ގޮސް ހުއްޓުނީ ހާމައަށް އޮތް އުޑަށެވެ. ވިއްސާރަ ވިލާތަކުން ހިސާރުކޮށްފައި އޮތް އުޑަށް އިރުކޮޅެއް ވަންދެން ބަލަން އޭނަ ހުއްޓެވެ. ފަހަރެއްގައި ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބިދާނެ ކަމަށެވެ. އެއީ ވުން މުސްތަހީލު ކަމެއްކަމުގެ އިންޒާރު އޭނަގެ ޒަމީރު ދިންކަމުގައި ވިޔަސް މެއެވެ. އަހަރެއް ވަންދެން އަމިއްލަ ނަފުސާއި ކުރި ދިގު ހަނގުރާމައިގައި އޭނަގެ ނަފުސު ބަލިކަށި ވެއްޖެއެވެ. އުފަލާއި ރާހަތުން ވެސް މަހުރޫމުވެއްޖެއެވެ. ދެރައީ ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް، އެހިތާމަތަކާއި ދުރުނުވެވޭތީއެވެ. ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ފަސޭހަވުމެއް ނެތް އެޒަހަމުތަކުގައި ވޭން އަޅާނެއެވެ.

މިރޭގެ މަންޒިލާ ހަމައަށް އޭނަ އައީ ވަރުގަދަ އަޒުމަކާއެކުގައެވެ. އެތައް ވިސްނުމަކަށް ފަހުގައެވެ. ހަޤީޤަތާ ކުރިމަތިލުމަށް ޓަކައެވެ. ދިރިއުޅުން ވެއްޓިފައި އޮތް އަޑިގަޑުން އަރައި އާރާސްތުކުރެވިދާނެ ކަމުގެ އުއްމީދަށްޓަކައެވެ. އެހެނަސް އެހަޤީޤަތާއި ކުރިމަތިލާންވީ ވަގުތު އައިސް ޖެހުމާއެކުގައި ސިކުނޑީގައި ދައުރުވާން ފެށީ ޝައްކުގެ އޮޔެވަރެވެ. ދެޚިޔާލެއްގެ ތެރޭގައި މީހާ ހައްޔަރުވެއްޖެއެވެ. ކުރިއަށް ފިޔަވަޅުއަޅާއިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުމުގެ ރާސްތާ އަނބުރާ ލިބިދާނެ ހެއްޔެވެ؟ ނޫނީ ނިމުމެއް ނުވާ ހިތްތަދިކަމެއްގެ ތެރެއަށް ޣަރަޤުވެގެން ދާނީ ހެއްޔެވެ؟ އިތުރު ވޭނެއް ބަރުދާސްތުކުރެވިދާނެ ހެއްޔެވެ؟

ކަށިން ނެރުނު ހިތްވަރާއެކުގައި ތަނާލް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ކަފިފުރަސްމަތިން ލަސް ހިނގުމެއްގައި ހިނގައިގަތެވެ. އޭނައަށް އާދެވުނީ އެޕާޓްމެންޓަށް ވަދެވެން ހުރި މައި ދޮރުގެ ސިޑިއާ ހަމައަށެވެ. ސިޑީގެ ފުރަތަމަ ހަރުފަތުގައި ސާބިތުކުރި ފިޔަވަޅު އޭނައަށް މަޑުޖައްސާލެވީ ހަމަ ކުއްލިޔަކަށެވެ. ލޮލަށް ޖަމާވި ކަރުނަތަކުން މަންޒަރުތައް ފުސްވާން ފެށިއެވެ. މޭގެތެރޭގައި އުފެދުނު ރިހުމާއެކުގައި ތަނާލްއަށް އޭނަގެ މޭގައި އަތްތިލަ ޖައްސާލެވުނެވެ. ފަހަރެއްގައި ތަދާއި ވޭނަށް ލުޔެއް ލިބިދާނެ ކަމަށެވެ.

މީހެއްގެ ހިލަން ވެގެން ދޮރުގެ ކަނާއިވީ ފަޅީގައި ހުރި ސެކިއުރިޓީ ފޯސްޓްގައި އިން ދެބައި އުމުރުގެ ފިރިހެންމީހާ ކުޑަދޮރުން ބޯދިއްކޮށް ބަލައިލިއެވެ. މިގަދަވަޔާއެކު ކުރަމުން އަންނަ ތޫފާނުގައި އައީ ކާކުތޯ ބަލައިލުމުގެ ޝައުޤާއެކުގައެވެ. ލޮބީގައި ދިއްލާފައި އޮތް ބޮކީގެ އަލީގެ ތެރެއިން ސިޑި މަތީ ހުރި ތަނާލް ފެނުމާއެކުގައި އޭނައަށް ލިބުނީ ހައިރާންކަމެވެ. އިރުކޮޅެއް ވަންދެން ބަލަން ހުރެވުނީ އެހެންވެގެންނެވެ. އެސޫރަ އަލުން ފެނިދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.

''މެޑަމް؟...'' ތަނާލްއަށް ހޭވެރިކަންވީ އޭނައަށް މީހަކު ގޮވާލި އަޑަށެވެ. ޚިޔާލުތަކުގެ ތެރެއިން ނިކުމެ އަޑުއައި ދިމާއަށް ސަމާލުވެލެވުނެވެ. ސެކިއުރިޓީ ޕޯސްޓުން ނިކުތް ލަތީފު ފެނުނީ ދެނެވެ. ވަގުތުން ތަނާލް އިސްޖަހާލިއެވެ. ކަންބޮޑުވުން ލަތީފުގެ މޫނުން ތަނާލް ދުށްޓެވެ. ވަގުތާއި ހާލަތުގެ ގޮތުން ލަތީފުގެ ސުވާލެއް އަމާޒުނުވުން އެއީ ނާދިރުކަމެއްކަން ނަގައިގަނެވުނެވެ. ތެޅިގަނެވުނީ އެހެންވެގެންނެވެ. ލަތީފުގެ ސުވާލުތަކަށް ހަޤީޤަތުގައި ދޭނެ ޖަވާބެއް ނެތެވެ. އެއަށްވުރެން ބޮޑު ނުތަނަވަސްކަމެއް ލިބުނީ ލަތީފުގެ ހަމްދަރުދީ އިހުސާސްކުރެވިދާނެތީއެވެ. އެއްވެސް މީހެއްގެ ހަމްދަރުދީ އޭނަ ބޭނުމެއް ނޫނެވެ. އެއީ އަތުން ބީވި އުފާތަކުގެ ހިތި ރަމްޒެއްކަމުގައިވާތީއެވެ.

ސުވާލުކުރަން އަނގަހުޅުވާލި ލަތީފަށް މަޑުޖެހިލެވުނެވެ. ތެޅެމުންފޮޅެމުން ލޮބީއަށް ވަން ތަނާލްއަށް ބަލަން ލަތީފު ހުއްޓެވެ. ހިމޭންކަމާއެކުގައެވެ. އެކަމަށް ތަނާލްއަށް ޝުކުރުވެރިވެވުނެވެ.

ތަނާލް ލިފްޓަށް އަރުމާއެކު، ލަތީފު އަނެއްކާ އޭނަގެ މަސައްކަތަށް އެނބުރި ދިޔައެވެ. މަދު ސިކުންތުކޮޅަކަށް ދެމިގެން ދިޔަ އެ ބައްދަލުވުމުން ވެސް ތަނާލްއަށް އައިސްފައި ހުރި ބަދަލުތައް ލަތީފަށް ފާހަގަ ކުރެވުނެވެ. އަބަދުމެ ހިނިތުންވެފައި ހުންނަ ތަނާލްގެ މޫނުން ފެނުނު ހިމޭންކަމެވެ. ހިނިތުންވުމުގެ އިހުތިޔާރެއް ނުވާ ކަހަލައެވެ. އުފާވެރިކަމުގެ މަހިނޫރުން ބެބުޅި ދެލޮލުގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ.

*****

ލިފްޓް ގޮސް ހުޓުވުނީ ވިހި ވަނަ ފަންގިފިލާ އަށެވެ. ލިފްޓްގެ ފަނޑު އަލި ސަރައްކާލިއަށް އެޅުނެވެ. އެއަލިކަމުގެ ތެރޭން ސަރައްކާލީގެ އެންމެ ފަހަތުގައި ހުރި އެޕާޓްމެންޓްގެ ދޮރަށް ބަލަން ތަނާލް ހުއްޓެވެ. ހަށިފުރާ ދޫކޮށްލި ފުން ނޭވާއަށް ފަހުގައި ކުރިއަށް ހިނގައިގަތީ އިސްއޮބާލަމުންނެވެ. ދޮރު ހުޅުވަން ޕާސްވޯޑު ޖަހަމުން ތަޅުގައި ހިފާ އަނބުރާލެވުނެވެ. އެތެރެއަށް ދޮރުކޮށްޕާލުމުގެ ބަދަލުގައި ތަނާލްއަށް މަޑުޖެހިލެވުނެވެ. އެތެރެއިން އެއްވެސް އަޑެއް އިވޭތޯ އިންތިޒާރުކޮށްލެވުނެވެ. ނަފުސު އެކަމަށް އެދި ގޮވާލީތީއެވެ. ނަމަވެސް އެއީ ކުލަ ނުވާނެ ހުވަފެނެކެވެ. އެޕާޓްމެންޓުން އޭނައާއި ބައްދަލުކުރާނީ އެކަނިވެރިކަމާއި ކަރުނައެވެ. އެއީ އޭނަގެ ވޭނީ ފަލްސަފާއެވެ.

ފާރުގައި ހުރި ސްވިޗްބޯޑުގައި ތަނާލް އަތް ހިންގާލިއެވެ. އެއާއެކު އެތަނުން ދިއްލުނީ އެންމެ ބޮއްކެކެވެ. އެއީ ބޮޑުކޮޓަރީގެ ބޮއްކެވެ. އެބޮކިވެސް ފިޔަޖަހަން ފެށީ ދެންމެދެންމެ ނިވިދާނެކަމުގެ އިންޒާރާއެކުގައެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރުމުން ތަނުގައި ހަރުލާފައި އޮތީ ތަންމުޑުވެހެކެވެ. ފަރުނީޗަރުތަކާއި އަދިވެސް އެހެނިހެން ސާމާނުތައް ހުރީ ހުދުކުލައިގެ ފޮތިތައް އަޅައި ނިވާކޮށްފައެވެ. މުޅި ތަނުގައި އޮތް މަކުނުވާގެ ސަބަބުން ފެންނަނީ ވީރާނާކަމެވެ.

ކޮޅަށް ހުރުމަށް ކުރަމުން ދިޔަ ހިތްވަރު އެލި ތަނާލްގެ ކަކުލުހުޅުން ވާގި ދޫވާން ފެށިއެވެ. އެޕާޓްމެންޓްގެ ދޮރަށް ލެނގިލަމުން ބިންމަތީގައި އިށީނެވެ. ކަރުނުން ފުރުނު ދެލޯ މަރާލެވުނީ އަސަރާއެކުގައެވެ. ތުރުތުރުލުން އެފުދުނު ތުންފަތް ފޫއަޅުވާލީ ވޭނީ އާހަކުންނެވެ.

''ތަނޫ...'' އިވުނީ ބަރު ފިރިހެންވަންތަ އަޑެކެވެ. ސިހިފައި ތަނާލް ދެލޯ ހުޅުވާލިއެވެ. ހައިރާންކަމާއެކުގައި ވަށައިގެން ހޯދާލެވުނެވެ. މީގެ އިރުކޮޅެއް ކުރިން އޭނައާއި ބައްދަލުކުރި ފަޅުކަމާއި ވީރާނާކަމުގެ ބަދަލުގައި އޭނައަށް ފެނުނީ މުޅިން ތަފާތު މާހައުލެކެވެ. ވަށައިގެން ހޯދަމުން ތަނާލް ކޮޅަށް ތެދުވިއެވެ. އަލިކަން ވެރިވެފައި އޮތް އެޕާޓްމެންޓަށް އޭނަ ބެލިއެވެ. ރަމަޟާން މަހަށް ބަދަލުކުރި ފާރުގެ ކުލަތަކުގެ ވަސް ފަނޑުކޮށް ނަމަވެސް ނޭފަތުގައި ޖެހުނެވެ. މީރު ކާއެއްޗެއްގެ ވަސްވެސް ނޭފަތުގައި ޖެހުނުހެން ހީވިއެވެ. އެދިމާއަށް ތަނާލްއަށް ދެވުނީ ބޭއިހްތިޔާރުގައެވެ. އޭނަ ގަނޑުވީ އުނދުންކައިރީގައި ހުރި އިސްކޮޅުން ދިގު ޒުވާނާ ފެނުމުންނެވެ. އެޒުވާނާ ހުރީ ތަނާލްއަށް ފުރުގަސް ދީގެންނެވެ.

އުނދުނަށް އުދާފައި ހުރި ތެލީގައި ކައްކަމުން ދިޔަ އެއްޗިސް ދޭފަތުން ހަލުވާލަމުން، ފަސްއެނބުރި އެޒުވާނާ ތަނާލްއަށް ބަލައިލިއެވެ. އަދި ދަތްތައް ފެންނަވަރުގެ ހިނިތުންވުމެއް ދިނެވެ. އެހިނިތުންވުމުން ޒުވާނާގެ ދެކޮލަށް އަޑިކޮޅެއް އެޅުނެވެ. އެއީ ފިރިހެންވަންތަ ރީތި ސޫރައެކެވެ.

''ހި... ހިދާ...ން؟...'' ހިދާންގެ ހިނިތުންވުމުން ތަނާލްގެ ހިތުގައި ރިއްސާލިއެވެ. އެހިނިތުންވުމުން ލިބުނު ރާހަތާއެކު ތަނާލްއަށް ރޮވިއްޖެއެވެ. އެމަންޒަރު ފެނި ތަނާލްގެ ގާތަށް ހިދާންއަށް އާދެވުނެވެ. ބޮޑު ދެއަތްތިލިން ތަނާލްގެ ވަށް މޫނުގައި ހިފަހައްޓާލިއެވެ. އަދި ތަނާލްގެ ކޯތާފަތުން ރޮނގުދަމާލި ކަރުނަތައް ބޮޑުވާ އިނގިލިން ފޮހެލިއެވެ. އިންތިހާޖަރަޖައިގެ ކަންބޮޑުވުން ހިދާންގެ މޫނުން ފެނެއެވެ. ފިކުރުތާހުރެ ބުމަ ކައިރިކޮށްލެވުނެވެ.

''ދާން؟...'' ތަނާލްއަށް އަނެއްކާ ވެސް ތަކުރާރުކޮށްލެވުނެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟ އޭނަގެ ހޭބުއްދި ހަޤީޤަތުގައި ފިލާ ދިޔައީ ހެއްޔެވެ؟ ހޭލާ ހުއްޓާ ހުވަފެން ފެންނަން ފެށީ ހެއްޔެވެ؟ ނަމަވެސް އޭނައަށް ހިދާންގެ ޖިސްމުގެ ހޫނު އެބަ އިހުސާސްކުރެވެއެވެ. ހިދާންގެ ލުއި ފިރިހެންވަންތަ ސެންޓުގެ ވަސް ވަނީ ހިނދުރީގައި ހަރުލާފައެވެ.

''ތަނޫ، ބޭބީ... އާރ ޔޫ އޯކޭ؟...'' ހިދާންގެ އޯގާތެރި އަޑުން ތަނާލްގެ ދިލަ މެޔަށް ފިނިކަމެއް ގެނުވިއެވެ. އޭނައަށް ބާރުބާރަށް ހިދާންގެ އަތުގައި ހިފަހައްޓާލެވުނެވެ. އެކަމުން ވެސް ހިދާންގެ ކަންބޮޑުވުން އިތުރުވުން ނޫންކަމެއް ނުވިއެވެ.

'ތަނޫ؟...'' ތާނާލްއާއި ހަތަރުކަޅި ހަމަކުރަމުން ހިދާން ބުންޏެވެ. އެދެމެދުގައި އޮތް ދާއިރާ ހިދާން ކުޑަކޮށްލިއެވެ. ތަނާލްއާއި ވީހާވެސް ގާތުގައި ހުންނަން ބޭނުންވެގެންނެވެ.

''އައިމް ފައިން...'' ހިންދިރުވާލަމުން ތަނާލް ބުންޏެވެ. އޭނައަށް ވާހަކަދެއްކުން ފަސޭހައެއް ނުވިއެވެ. ޖަޒުބާތުތަކުން އޭނަގެ މުޅި ޖިސްމަށް ލޮޅުން ގެނުވައިފިއެވެ.

ތަނާލްގެ ޖުމްލަ އެއީ ހަޤީޤަތެއްކަން ޤަބޫލުކުރަން އުނދަގޫވެފައި ހިދާންއަށް ހުރެވުނެވެ. ތަނާލްގެ މޫނަށް ފުން ނަޒަރެއް ދީގެންންނެވެ. ކޮންމެ ޝުއޫރެއް އެނގެން ބޭނުންވެފައެވެ.

''އާރ ޔޫ ޝުއާރ؟...'' ހިދާންއަށް އަހާލެވުނެވެ.

''ހޫމްމްމް...'' ތަނާލް ބޯޖަހާލީ ބަހުގެ ޔަޤީންކަން ހިދާންއަށް ސާބިތުކޮށްދިނުމަށެވެ. ހިދާންއާއި ހަތަރުކަޅި ހަމަކޮށްލެވުމުން ތަނާލްއަށް ހިނިތުންވެވުނެވެ. އެއީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެއާއެކު މޫނު އުޖާލާވިއެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ދިރުން ގެންނަމުންނެވެ.

ތަނާލްއަށް ބަލަން ހުރެފައި ތަނާލްގެ ނިތަށް ހިދާން ބޮސްދިނެވެ. ލޯތްބާއި އޯގާތެރިކަމުން ފުރިގެންވި ހަރަކާތަކެވެ. ތަނާލްއަށް ބޭއިހްތިޔާރުގައި ލޯމަރާލެވުނެވެ.

''ކަމް ހިޔާރ...'' ތަނާލް ގެނެސް މޭގައި ލައްކޮށްލަމުން ހިދާން ބުންޏެވެ. ބާރުގަދަ ދެއަތުން ތަނާލްގެ ތުނި އުނަގަނޑުގައި އަތް ވަށާލީ އެދެމެދަށް ހިޔަންޏަކަށް ވެސް ނުވަދެވޭނެހެންނެވެ.

ދެމަފިރިންގެ އުފާވެރި ވަގުތުކޮޅަށް ނިމުމެއް ގެނައީ ކުއްލިޔަކަށް އިވެން ފެށި ސްމޯކް ޑިޓެކްޓާގެ އަޑުންނެވެ. ތަނާލްއާއި ދުރަށް ހިދާންއަށް ޖެހިލެވުނެވެ. އަވަސްއަވަހަށް ބަލައިލެވުނީ އުނދުނާއި ދިމާއަށެވެ. އޭރު ތެލިން އަރަން ފެށި ދުމުގެ އަސަރު މުޅި ހިސާބުގަނޑަށް ފެތުރިއްޖެއެވެ.

''އޯހ ނޯ...'' ހިދާންއަށް ދުއްވައިގަނެވުނީ އުނދުނާއި ދިމާއަށެވެ. އުނދުން ނިއްވާލެވުނު ވަގުތު ދުންގަނޑު ނޯޝަށް އަރައި ކެއްސަން ފެށިއެވެ. އެމަންޒަރު ފެނި ތަނާލް އަވަސްވެގަތީ ބަދިގެއިން ނިކުމެވެން ހުރި ބެލްކަނީގެ ދޮރު ހުޅުވާލުމަށެވެ. އޭރު ވެސް ސްމޯކް ޑިޓެކްޓާގެ އަޑު ކެނޑިގެން ނުދެއެވެ. ބެލްކަނީގެ ދޮރު ހުޅުވާފައި ތަނާލް ހިނގައިގަތީ ކާމޭޒު ކައިރިއަށެވެ. މޭޒުމަތީ އަޅާފައި އޮތް މެޓެއް ނަގައިގެން އޭނަ އުޅުނީ ސްމޯކް ޑިޓެކްޓާ ކައިރިއަށް ބޯވެފައި އޮތް ދުންގަނޑަށް ވިހެލާށެވެ. އޭގެ ކުރިން ހިދާން އައިސް ތަނާލްގެ އަތުން މެޓް އަތުލަމުން ވިހެން ފެށިއެވެ. ތަނާލްއަށް ވުރެން ހިދާން އިސްކޮޅުން ދިގުވުމުން އެކަންކުރަން ފަސޭހަވިއެވެ. އިރުކޮޅެއް ފަހުން އެލާމުގެ އަޑު ކެނޑުނެވެ. ދުމުގެ އަސަރު ވެސް ފަނޑުވެއްޖެއެވެ.

''ދެން މިރޭ ބޭރުން ޑިނާރ ނަގަން ޖެހޭނީ، އެއްޗިސް އެނދުން އެއީ ނަސީބެއްކަމުގަ މިބަލަނީ، އައި ތިންކް އައި ފޮގޮޓް ޓު އެޑް ސޯލްޓް...'' އަތުގައި އޮތް މެޓް ތިރިކޮށްލަމުން ހިދާން ބުންޏެވެ. ހިދާންއަށް ބަލަން ހުރި ތަނާލްއަށް އެންމެފަހުން ހެވުނީއެވެ. ތަނާލްގެ ލުއި ހުނުމުގެ އަޑާއެކު ހިދާންއަށް ވެސް ހެވިއްޖެއެވެ.

''އައި ލަވް ޔޫ...'' ތަނާލްއަށް ބުނެވުނެވެ. ކުރިއަށް ހިދާން ފިޔަވަޅެއް އަޅާލިއެވެ. ހިދާން ދިއްކޮށްލި އަތުގައި ހިފަން ތަނާލް އުޅުނެވެ. އޭގެ ކުރިން ވައިގެ ތެރެއަށް ފޭދިގެންދާ ދުންގަނޑެއް ފަދައިން އޭނަގެ ކުރިމަތިން ހިދާން ގެއްލުނެވެ. ލިބުނު ސިހުމުގައި ތަނާލްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

''ދާން!... ނޫން!... ދާން...'' ތެޅިގަންނަމުން ތަނާލްއަށް ބުނެވުނެވެ. ދެލޮލަށް ބޮޑިވި ކަރުނައާއެކުގައި ތަނާލްއަށް ބާރުބާރަށް ރޮވިއްޖެއެވެ. އޭނައަށް މޫނުގައި އަތް އަޅާލެވުނެވެ. ހިމަހޯލި އިނިގިލިތަކުގެ ތެރޭން ކަރުނަތައް ފައިބައިގަތެވެ. މާހައުލުގެ ހިމޭންކަމަށް ތަނާލްގެ ވޭނީ ގިސްލުންތަކަށް ނިމުން ގެނެސްފިއެވެ.

''ދާން، ޕްލީޒް އަހަރެން އެކަނިކޮށްފައި ނުދޭ... އަހަރެން ގާތަށް އާދޭ... އަހަރެން އެކަނިކޮށްނުލާ... އަހަރެން މިވާ ލޯބި ދާންއަށް އިހުސާސެއް ނުވޭތަ؟... ޕްލީޒް، ނޫން... އަހަރެން އެކަނިކޮށްނުލާ، ޔޫ ޕްރޮމިސްޑް ޓު ބީ އޯލްވޭސް ދެއާރ ފޯ މީ...'' ފިސްފިސްވަމުން ދިޔަ ހިތުގެ ކެކުޅުންތައް ބަންޑުންކޮށްލެވުނެވެ. އޭނައަށް ލޯބި ހުށަހަޅަމުން ހިދާން އޭނައަށް ވި ވަޢުދުތަކުގެ މަތިން ހަނދުމަކޮށްދޭން ތަނާލް މަސައްކަތްކުރިއެވެ. އެކުގައި ވުމަށް ކުރި ވަޢުދާއި އަހުދުތައް އުވާނުލުމަށް އާދޭސްކުރިއެވެ. ތަނާލްގެ ހިތަށް އެވަގުތު ވެގެން އައި އިލްހާމަކީ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެ ވަޢުދާއި އަހުދުތައް ހިދާން ފުރގަސްނުދޭނަކަމެވެ. ސާބިތުކަމާއެކު އޭނަގެ ގާތުގައި ހުންނާނެ ކަމެވެ. އޭނައަށް ކެހި ދިނީ ވަގުތާއި ހާލަތެވެ. އެއާއެކު ތަނާލްއަށް އޭނަގެ އަނގަމަތީގައި އަތްއަޅާލެވުނެވެ. ގިސްލުންތައް އޮއްބާލަން މަސައްކަތްކުރިއެވެ. ތަގުޅިކޮށްލެވުނު އެސްފިޔަތަކުން ތެރޭން ސިފަވެގެން އައީ ދިރިހުރެމެ އޭނަގެ ފުރާނަ ހަށިގަނޑާ ވަގިވެގެން ދިޔަ ހިތާމަވެރި ރޭގެ މަންޒަރުތަކެވެ.

ހިދާންގެ އުފާވެރި ހިނިތުންވުމެވެ. ލޯބިވާކަމަށް ވި އިޤުރާރެވެ. އެލޮބިވެތި ފިރުމުންތަކެވެ. އިވުނު ކުއްލި ބާރު އަޑެވެ. ހީވި ކަންފަތްދަށުގައި ބޮމެއް ގޮވިހެންނެވެ. ދުއްވަމުން ދިޔަ ކާރަށް އެރި ލޮޅުން ތަނާލްއަށް އިހުސާސްކުރެވުނެވެ. ދަގަނޑުތައް ތާރުގަނޑުމަތީގައި ގޭނުނު އަޑާއި، ލޫވާރތައް ފުނޑުފުނޑުވެގެން ދިޔަ އަޑު ވެސް މެއެވެ. ހިނދުކޮޅަށް ކަންފަތް ބައްވިއެވެ. ދެން ވީ ގޮތެއް ތަނާލްއަކަށް ނޭނގެއެވެ. އޭނަގެ ހޭއެރީ ހޮސްޕިޓަލުގައެވެ. އޮވެވުނު ތަނާއި މާހައުލު ފަހުމުވާން ވެސް އެތައް އިރެއް ނެގިއެވެ. އެގޮތުގައި ފާއިތުވީ ކިތައް ދުވަސްކަމެއް ބުނާކަށް ނޭނގެއެވެ. ސިކުނޑި ރަނގަޅަށް މަސައްކަތްކުރަން ފެށިއިރު ދިރިއުޅުމުގެ ހުޅުކޮޅުވަނީ ނިވިފައެވެ. އެންމެންގެ މޫނުން ފެނުނު ހިތާމައާއި އުދާސްކަމުގެ ލިސާންތައް ދޭހަކުރަން ފުރަތަމަ ތަނާލްގެ ސިކުނޑި ނުކުޅެދުނެވެ. އޭނަ އޮތް ހާލަތުގެ ސަބަބުންނެވެ. ނަމަވެސް މިކެހިވެރި އަނިޔާވެރި ދުނިޔެ އޭނައަށް އެކަމަށް މަޖުބޫރުކުރުވިއެވެ. ލޯބިވާ ފިރިމީހާގެ ވަކިވެދިއުމުގެ ކެކުޅުން ބަރުދާސްތުކުރަން އޭނައަށް މަޖުބޫރުކުރުވިއެވެ. ރަހުމެއް ނެތިއެވެ. ހިތާމައަކީ އޭނައަށް ހިދާންއާއި ވަދާއުގެ ސަލާން ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ނުލިބުނީތީއެވެ. އެސޫރަ ފަހު ފަހަރަށް ދުށުމުގެ ނަސީބު ނުލިބުނީތީއެވެ. ވަދާއުގެ ސަލާން ބައްދަލުކޮށްނުލެވުނީތީއެވެ. ދުނިޔެއަކީ އިންސާފުވެރިތަކެއް ނޫންކަމުގެ ހިތި ރަހަ އަރުބުޑަށް ފޭދުނީ އެހިސާބުންނެވެ.

އެކްސިޑެންޓަށް ފަހުގައި ތަނާލްއަށް ހޭވެރިކަންވީ ތިން މަސް ފަހުންނެވެ. އޭރު ތަނާލްގެ ހަލާތާއި މެދު ޑޮކްޓަރުންގެ ފަރާތުން ވެސް އުއްމީދުގެ ބަހެއް ނުލިބުނެވެ. ކުރި ބޮޑެތި އޮޕަރޭޝަންތަކުން ފުރާނަ ސަލާމަތްކުރެވުނަސް، އެއްޗެއް ބުނަން އެނގޭނީ ހޭއެރުމުންކަމުގައި ވާތީއެވެ.

ލޯހުޅުވުމުގެ ނަސީބު ލިބުން އެއީ ރަހުމަތެއް ކަމުގައި ޑޮކްޓަރުން ތަނާލް ގާތު ބުންޏެވެ. ނަމަވެސް އެވަގުތު އެއީ ރަހުމަތެއްކަމުގައި ދެކެން ތަނާލްއަށް ފަސޭހަކަމަކަށް ނުވިއެވެ. ހިތާމައިގެ ސަބަބުން އޭނަގެ ހޭބުއްދި ރަނގަޅަށް މަސައްކަތެއް ނުކުރިއެވެ. ހިދާންގެ ކުއްލި ވަކިވުމާއި ކުރިމަތިލާނެ ގޮތެއް ނޭނގުނެވެ. ޖަނާޒާއި ބައިވެރުވުމުގެ ނަސީބު ވެސް އޭނައަށް ނުލިބުނެވެ. ދިރިހުރުން މަތިން ތަނާލް ފޫހިވިއެވެ. އޭނަ ބޭނުންވީ މަރުވާށެވެ. އެއީ ގޯސް ވިސްނުމަކަށްވާ ހާލުގައެވެ. އެކްސިޑެންޓްގައި ހަމައެކަނި އޭނަ ސަލާމަތްވީ ކީއްވެގެން ހެއްޔެވެ؟ އެކަމުގައި އޮތީ ކޮން އިންސާފެއް ހެއްޔެވެ؟ މި އަނިޔާވެރިކަމުގެ ތެރެއަށް އޭނަ އެކަނި ދޫކޮށްފައި ހިދާން ދިއުމުން ހިތުގައިވީ މުޅިންހެން ޝަކުވާތަކެވެ. ނަފުސާނީ ގޮތުން ހުރެވުނު ނާޒުކު ހާލަތުން އަދިވެސް ތަނާލްއަށް އަރައި ނުގަނެވެއެވެ. އަރައިގަނެވިދާނެ ކަމުގެ ފުރިހަމަ ޔަޤީންކަމެއް ވެސް ނެތެވެ. އެހެނަސް އޭނަ ކެތްކުރަން ބޭނުމެވެ. މިރޭ އޭނަ އެޕާޓްމެންޓަށް އައީ މާޒީ ފަސްދީ ކުރިއަށް ދިއުމަށް ގިރާކުރަން ޖެހޭ ފުރަތަމަ މަރުހަލާއަށް ތައްޔާރުވުމަށެވެ.

''ދާން... އަހަރެން ދާން ދެކެ ވަރަށް ލޯބިވޭ... އެކަމަކު.... އެކަމަކު އިތުރަށް މި ވޭނީ ހަނދާންތަކުގައި ހިފަހައްޓައިގެން ހުންނަން ވެއްޖެނަމަ އަހަރެން މޮޔަވެދާނެ... އަހަރެން ބޭނުން ތި ލޯތްބާ ނުލާ ދިރި ހުންނަން ދަސްކުރަން... ތި ހަންދާންތަކާއެކުގައި އުޅެން ދަސްކުރަން... ފަހަރެއްގައި ވެސް ތި ލޯބި މި ހިތުން ފޮހެވިގެން ނުދާނެ... އެކަމަކު... އައި ނީޑް ޓު ޑޫ ދިސް... ފޯ މީ... ފޯ އަސް... އައިމް ސޮރީ...'' ކަރުނަ ފޮހެލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އެޕާޓްމެންޓަށް ތަނާލް ނަޒަރު ހިންގާލީ ފަހު ފަހަރަށް ބަލައިލާ ފަދައަކުންނެވެ. އެއީ އޭނަގެ ހަޔާތުގައި އައި އެންމެ އުފާވެރި ހަނދާންތަކާއި ގުޅިފައިވި މަންޒިލެވެ. ޒަވާޖީ ހަޔާތުގެ ފެށުމާއި ނިމުން ވެސް މެއެވެ. ދިރިއުޅުމުގައި އާދެވިފައިވާ ހަތަރުއަނގޮޅިން ކުރިއަށް ދާން ބޭނުންވާ ނަމަ އެހަނދާންތަކާއި ވަކިވެލަން އެބަޖެހެއެވެ. ޒަހަރަށް ވެފައިވި އެހިތިކަމާއި ދުރުވާން އެބަޖެހެއެވެ. އެހެންނޫންމަ އަމިއްލަ ނަފުސު ކަނުއަނދިރިކަމުގެ ތެރެއަށް ގެނބިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ. ފެދައިން ކަންތައްވުމަށް ހުދު ހިދާން ވެސް ބޭނުމެއް ނުވާނެ އެވެ.

(ނުނިމޭ)