ރަށްރަށުގައި ގާއިމުކުރާ ޕަބްލިކް ވޯކްސް ޔުނިޓުތަކަށް ޖުމުލަ 416 މުވައްޒަފުން ބޭނުންވާ ކަމަށާއި، އޭގެ ތެރެއިން 141 މުވައްޒަފުންނަށް ވަޒީފާދޭން ފިނޭންސް މިނިސްޓްރީން މިހާރު ހުއްދަ ދީފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، 19 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓުތައް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ހަތަރު މޯބައިލް ޔުނިޓު ގާއިމުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ހަތަރު މޯބައިލް ޔުނިޓަށް ބޭނުންވާ 60 މުވައްޒަފުންނާއެކު ޕަބްލިކް ވޯކްސް ޔުނިޓުތަކަށް ޖުމުލަ 456 މުވައްޒަފުން ބޭނުންވާ ކަމަށެވެ. އޭގެ ތެެރެއިން 141 މުވައްޒަފުން ނަގަން ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މުވައްޒަފުން ނަގަން ހުއްދަދީފައިވާ ރަށްރަށް:

  • ހއ. ދިއްދޫގެ 24 މަގާމަށް
  • ނ. މަނަދޫގެ 24 މަގާމަށް
  • އދ. މަހިބަދޫގެ 22 މަގާމަކަށް
  • ވ. ފެލިދޫގެ 24 މަގާމަށް
  • ތ. ވޭމަންޑޫގެ 23 މަގާމަކަށް
  • ގއ. ވިލިނގިލީގެ 24 މަގާމަށް

މިނިސްޓަރު ވިދާޅުވީ، ޔުނިޓުތަކަށް މުވައްޒަފުން ނަގާނީ، ޕެންޑިންގައި ހިމެނޭ 375 މަގާމަށްވެސް މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށެވެ.

އެ ޔުނިޓްތަކަށް މުވައްޒަފުން ނަގާނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.