ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގާނީ މާލެ ސަރަހައްދުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ފަހުގައި ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހައިވޭގައި ހަރުކުރި ސޯލާ ޕެނަލްތައް، ހައިވޭގެ ރީތި މަންޒަރު ގެއްލޭތީ ނަގައި އެހެން ދެ ރަށަކަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހައިވޭގައި ސޯލާ ބެހެއްޓުމުގެ މަސައްކަތަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުން ޖެނެރޭޓްކޮށްދެނީ 5.5 މެގަވޮޓްގެ ކަރަންޓު ކަމަށެވެ. ނަމަވެސް މާލޭގެ ޕަވަ ޑިމާންޑަކީ 120 މެގަވޮޓް ކަމަށާއި އިތުރުވަމުންދާ އާބާދީއާއެކު، ކޮންމެ އަހަރަކު 8-10 މެގަވޮޓްގެ ކަރަންޓު އިތުރަށް ބޭނުންވާ ކަމަށެވެ.

"އެހެންވީމާ ބޭނުންވާ ޕަވަހައުސް ނުހަދާ ނަގައިފިއްޔާ ދަތިވެދާނެ. އިތުރު ޕަވަ ހައުސް ހެދުނީމަ އަޅުގަނޑުމެންނަށް ނަގަން ސްޕޭސް ލިބޭނެ. (ސޯލާ ޕެނަލްތައް)" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އަމާޒަކީ ގިނަ ރަށްރަށުގައި ފްލޯޓިން ސޯލާ ހަރުކުރުން ކަމަށާއި އެކަމުގެ މައިގަނޑު ސަބަބަކީ ބިމުގައި ސޯލާ ޖެހުމަށް ޖާގަ ނެތުން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި 1.5 އާއި 2 މެގަވޮޓާ ދެމެދުގެ ކަރަންޓު ފްލޯޓިން ސޯލާއިން އުފައްދާ ކަމަށެވެ.