ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް ދޫކުރަން ނިންމާފައިވާ ޕާލް ރެސިޑެންސީ ވިސާ އަންނަ އޭޕްރިލް މަހުގެ ތެރޭގައި ދޫކުރަން ފަށަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި 'ރެސިޑެންސީ ބައި އިންވެސްޓްމަންޓް' ޕްރޮގްރާމެއް ފެށުމަށް ހެންލޭ އެންޑް ޕާޓްނާސްއާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނި މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގަ އެވެ.

އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ރިއަލް އެސްޓޭޓްގެ ދާއިރާއަށް އާ އިންވެސްޓްމަންޓް ފުރުސަތުތައް ހުޅުވައިލުން ކަމަށް އޭރުވަނީ ބުނެފަ އެވެ. އަދި މީގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ މުހިންމު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރެސިޑެންސީ ވިސާ ދޫކުރަން ގާނޫނީ ގޮތުން ކުރާންޖެހޭ ކަންކަން އޭޖީ އޮފީހާ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ޓާގެޓަކީ އޭޕްރިލް މަހުގައި ޕާލް ރެސިޑެންސް ވިސާ ނުވަތަ ޕާލް ރެސިޑެންސީ ދިވެހިރާއްޖޭގައި ތައާރަފްކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕާލް ރެސިޑެންސް ވިސާއަކީ ދުބާއީގައި ކުރިއަށް ގެންދާ ގޯލްޑަން ވިސާއާ އަޅައިކިޔޭ ފެންވަރުގެ ޕްރޮގްރާމެއް ކަމަށެވެ.

"ބައެއް ފަރާތްތަކަށް އެ ކޮމްޕެއާ ކުރެވޭ ދުބާއީގައި ކުރިއަށް ގެންދާ ގޯލްޑަން ވިސާ ކަހަލަ ޕްރޮގްރާމަކާ. އަޅުގަނޑަށް އެނގޭ އެއްޗަކީ އެކަން މި ކުރަނީ ދުނިޔޭގެ ނަންބަރު ވަން ކުންފުންޏާ އެކު. ހެންލީ އެންޑް ޕާޓްނާސްއަކީ މި ވިޔަފާރީގައި އުޅޭ އެންމެ ވަރުގަދަ ފަރާތް. އެ ބޭފުޅުން 33 ގައުމުގައި ހަރަކާތްތެރިވޭ. ވަރަށް ވަރުގަދަ ނެޓްވޯކެއް އޮވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

29 ޖެނުއަރީ 2026، ރާއްޖޭގައި ގާއިމްކުރާ އިގްތިސޯދީ ހާއްސަ ސަރަހައްދު ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ތަރައްގީ ކުރާ ފުރަތަމަ ޓައުންޝިޕް މަޝްރޫއު، 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫއުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށަނީ-- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ އެ 33 ގައުމުގެ ތެރެއަށް ރާއްޖެ ވަންނަނީ ވަރަށް ވަރުގަދަ ބްރޭންޑެއްގެ ގޮތުގައި ކަމަށެވެ.

"ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑަކީ ޓުއަރިޒަމަށް ބަލައިފިކަމުގައިވާނަމަ ދިވެހިރާއްޖެ، އެހެންވީމަ ރާއްޖޭގައި މިފަދަ ލޯންގް ސްޓޭއެއް ނުވަތަ ގިނަ ދުވަހަށް ރެސިޑެންސްއެއް ލޯންގްޓާމް ރެންޓެލްއެއްގައި ހިފައިގެން ހުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއްޔާ އެވާނީ ވަރަށް ބޮޑު ކުރިއެރުމަކަށް،"

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ޓޫރިޒަމް ދާއިރާގެ ބޮޑެތި ފޮރިން އިންވެސްޓްމަންޓްތައް ނުވަތަ ޕްރޮޖެކްޓްތައް ކުރިއަށް އެބަދާ ކަމަށެވެ. ރާއްޖެއަކީ ހުރިހާ ގޮތަކުން ވަރަށް ރައްކާތެރި، އަމާން ތަނެއްގެ ގޮތުގައި ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ގަބޫލުކޮށް ޔަގީންކޮށްފައިވާ ކަމަށެވެ.

"އަދި އިންވެސްޓަރުން ބޭނުންވޭ ވަރަށް ގިނަ ދުވަހު އެމީހުން ދެކެމުން އައި ހުވަފެންތައް، ހާއްސަކޮށް މިޑްލް އީސްޓަށް ހާއްސަކޮށް އައި ބައެއް ކަހަލަ އިންވެސްޓްމަންޓްތައް އެގެނައި ފަރާތްތަކުންވެސް އަޅުގަނޑުމެންނަށް ސަރުކާރުގެ އެކި ވުޒާރާތަކާ ވާހަކަ ދައްކާ ރާއްޖޭގައި މި ފުރުސަތުތައް އޮތީ ކިހިނެއްތޯ ބެލުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ހަނގުރާމައިގެ ދަތިތަކުން އަރައިގަތުމަށް އެކުލަވައިލައިފައިވާ ކެބިނެޓް ކޮމިޓީން މިހަފުތާގައި ބޭއްވި ނޫސްކޮންފަރެންސެއްގައިވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހަނގުރާމައިގެ ސަބަބުން މަދުވެފައިވާތީ އެކަން ފޫބެއްދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އާ ދެ ވިސާ ތައާރަފުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އެއީ:

  • ރިމޯޓް ވޯކިން ވިސާ
  • ކޮންޓެންޓް ކްރިއޭޓާ ވިސާ