އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި އަސާސީ މުދާ ލިބުން ދަތިިވިޔަ ނުދިނުމަށް އާ މާކެޓުތައް ހޯދުމަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ހަނގުރާމައިގެ ކުރީންވެސް އާ މާކެޓުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އެގައުމާ ދެމެދުވެސް ވަރުގަދަ ގުޅުމެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

"ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާ އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ވާހަކަ ދެކެވެމުން، ބޭނުން އިރެއްގައި އަޅުގަނޑުމެންނަށް މުދާ ލިބުމުގައި އިންތިޒާމެއް ހަމަޖައްސަންވެއްޖެޔާ އެކަން ކުރެވޭ ހިސާބުގައި މިތިބީ، އެއީ ވަކި ކަހަލަ މުދަލެއް ނޫން ހުރިހާ ބާވަތެއްގެ މުދާވެސް އިނގޭތޯ" މިނިސްޓަރު ވިދާޅުވި އެވެ.

މެލޭޝިޔާ، އިންޑޮނޭޝިޔާ، ތައިލެންޑް އަދި ކެމްބޯޑިއާ ހިސާބުން ކޮމާޝަލް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އަދި މިހާރު އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭގެއިތުރުން މީގެކުރިން ރާއްޖޭން އެކުގައި މަސައްކަތް ނުކުރާ ބައެއް މާކެޓްތަކާއެކު މަސައްކަތްކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެފްރިކާގެ ބައެއް ގައުމުތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއާއެކުގައި ކަނޑުމަގުންނާއި ވައިގެ މަގުން ލިންކުތަކެއް އެޅެން ޖެހޭ، އެ މަސައްކަތްވެސް ޓްރާންސްޕޯޓް މިނިސްޓްރީއާ އެއްކޮށް އެބަ ކުރިއަށް ގެންދަން. މިސާލަކަށް އެފްރިކާގެ ވަރަށް ފުޅާ އޭވިއޭޝަން ނެޓްވޯކްތައް އެބަހުރޭ، އެ ނެޓްވޯކްތަކުން ރާއްޖެއަށް ކަނެކްޝަން ފެށޭކަމަށް ވަންޏާ އޭގެން އުފެދޭނެތާ ސްޕޭސް އެއާލައިންތަކުން ކާގޯ ސްޕޭސް ކަމުގައި ވިޔަސް. އެހެންވީމަ އެ ދެބައި އެއްކޮށް ދިޔައީމަ ސަސްޓެއިން ކުރަން ފަސޭހަވާނީ އިނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ދިމާ ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަންނަނީ ދެމުންނެވެ.