ސިނާމާލެއާއި މާލެ ހިޔާގެ އެސެސްމަންޓަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ސިނަމާލެއާއި މާލެ ހިޔާ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަފްސީލީ އެސެސްމަންޓްތައް ތައްޔާރުކުރުމަށާއި، ޓެންޑަރާ ގުޅޭ ލިޔެކިޔުންތައް އެކުލަވައިލުމުގެ ކޮންސަލްޓަންސީ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެކަމަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށާއި، ޖަމިއްޔާތަކަށް ކަމަށެވެ. އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންވާނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:00 ޖެހުމުގެ ކުރިން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން، މަސައްކަތުގެ މައުލޫމާތު ކަރުދާހާއި، އެއާ ގުޅޭ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މަސައްކަތް ކުރިއަށް ގެންދިއުމުގައި، އެސެސްމަންޓް ހެދުމުގެ ހަރުދަނާ އުސޫލުތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ފެންވަރު ރަނގަޅު ގޮތްތަކުގެ އިތުރުން، ފަންނީ ހައްލުތައް ހިމެނޭ ފަދަ ޕްރޮޕޯސަލްތަކަށް ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، ދާދިފަހުން މާލެ ސިޓީ ކައުންސިލުންވެސް ވަނީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

މިނިސްޓްރީއާއި ސިޓީ ކައުންސިލުން އެ އިއުލާންކުރިއިރު އެ ފްލެޓުތައް ތަޅާލައި، އާ އިމާރާތްތަކެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ހާމަކޮށްފައެވެ.

އެ މަނިކުފާނު ވަނީ އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއްވެސް ދިނުމަށް ނިންމަވައިފައެވެ.