ފ. ފީއަލީގެ ފެނަކަ ބްރާންޗުގައި ތިބީ 60 މުވައްޒަފުން ކަމަށާއި އޭގެ ތެރެއިން 50 މީހުނަށް ވަޒީފާ ދިނީ ކުރީ ސަރުކާރުގައި އެމްޑީޕީން ކަމަށް ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ފީއަލީގައި ފެނަކައިގެ މުވައްޒަފުންގެ އަދަދު މި ސަރުކާރުގައި 100 އިން މައްޗަށް ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަން ދޮގުކުރައްވައި ރައީސް ވިދާޅުވީ، ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުން އެދިވަޑައިގަންނަވާ ކަމަށެވެ.

"ފީއަލީ ފެނަކަ އޮފީހުގައި ތިބީ 60 މުވައްޒަފުން. އޭގެ ތެރެއިން 50 އެތައް މުވައްޒަފުންނަކީ ކުރީ ސަރުކާރުން ނަގާފައިވާ މުވައްޒަފުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިޔާސީ ބޭނުމަށް ވަޒީފާތައް ބަހާލީ ކުރީ ސަރުކާރުން ކަމަށެވެ. އެގޮތުން ފެނަކަ މެދުވެރިކޮށް ކޮމަންޑޫން އެކަނިވެސް ބައި-އިލެކްޝަނާ ދިމާކޮށް ވަޒީފާތައް ދިން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފެނަކައިން މަސްވެރިންނަށް ވަޒީފާ ދީ މަސްވެރިކަން ހަލާލުކޮށްލީވެސް ކުރީ ސަރުކާރުން ކަމަށެވެ