ރައްޔިތުންގެ މަޖިލީހުގައި ވަކި އަދަދަކަށް ޒުވާނުންނާއި އަންހެނުން ހިމެނުން އެޖެންޑާގައި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދަށް އިސްލާހު ގެންނައިރު މަޖިލީހުގެ ވަކި އިންސައްތައެއް އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަކުރާން ގަސްތުކުރައްވާ ކަމަށެވެ. އަދި އެކަންތައްތައް މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ކޮންމެ 5،000 ރައްޔިތުންނަށް މަޖިލީހުގައި މެންބަރެއް ހުންނާނެ އެވެ. ނަމަވެސް އާބާދީ އިތުރުވަމުންދާވަރަކުން އެ އަދަދު އިތުރުވަމުންދާނެ އެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެހެންވެ ސަރުކާރުން ބޭނުންވަނީ ވަކި އަދަދެއްގައި މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހައްޓަން ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންކަމުގައި ކަނޑައެޅުން މަޖިލިސް މެންބަރުންގެ އަދަދުގެ ތެރެއިން. މިހާރަކު ނޯންނާނެ ޒުވާނުންނަށް ވަކި އިންސައްތައެއް ހެދުން މަޖުބޫރުކޮށްފައެއް، އެހެންވީމަ މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް ދިރާސާކޮށް ނިންމައި ވަކި އަދަދެއް އަޅުގަނޑުމެން ގަސްތުކުރަނީ އެއީ ޒުވާނުންގެ 30 އަހަރުން ދަށުގެ ޒުވާނުންގެ ގޮތުގައި ކަނޑައަޅަން، ހަމަ އެފަދައިން ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުން، މިހާރު އެގޮތަކަށްވެސް ނޯވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމަކީ ސަރުކާރުން ގެންނަން ބޭނުންވާ ރިފޯމްގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އެ ރިފޯމް ޕެކޭޖުގެ ތެރޭގައި ހިމެނޭ އިތުރު ބައެއް ކަންކަންވެސް ރައީސް އިއުލާނުކުރެއްވި އެވެ.

އޭގެތެރޭގައި ރިޔާސީ އިންތިހާބު އެއްބުރުން ބޭއްވުމާއި ނޮވެމްބަރު 11 އާއި ނޮވެމްބަރު 17 އެއްކޮށްލުން ހިމެނެ އެވެ. ރައީސް ވިދާޅުވީ އެ ކަންކަން ގުޅިފައިވަނީ އަންނަ މަހު 4ގައި ބާއްވާ، ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓުގެ ނަތީޖާއާ ކަމަށެވެ. ދެ އިންތިހާބު އެއް ދުވަހު ބާއްވާގޮތަށް ފާސްވެއްޖެނަމަ އެ އިސްލާހުތައް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.