ކުރީންވެސް ދެންނެވި ފަދައިން، ސުކޫކް ދަރަނި އަންނަމަހު ދައްކަން ހުރަހެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރިލް މަހުގެ 8 ގައި ސުކޫކަށް ރާއްޖެއިން 500 މިލިއަން ޑޮލަރު ދައްކާން ޖެހެއެވެ. އެ ތާރީހަށް ސުކޫކު ދެއްކޭ ވަރަށް ފައިސާ އެއްކުރެވިފައިވާ ކަމަށް މިމަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އަމަލުކުރާ އުސޫލު ނުވަތަ ސިޔާސަތުގެ ތެރެއިން އެކަންކަން ކުރިއަށްގެންދަވާ ކަމަށެވެ.

"ސުކޫކު ޕޭމަންޓު ވެސް ކުރީގައި އޮތް ގޮތަށް، 8 އޭޕްރީލްގައި ޕޭ ކުރުމަށް އެއްވެސް ކަހަލަ ތަފާތެއް، ބަދަލެއް ނާދޭ. އިރާދަކުރެއްވިއްޔާ އެކަންވެސް އެގޮތަށް ކުރިއަށްދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިމަހުގެ 18 ގެ ނިޔަލަށް ރާއްޖޭގެ ގްރޮސް ރިޒާވް ހުރީ ރާއްޖޭގެ ރިޒާވް މައްޗަށް ނުދާ މިންވަރެއްގައި ރިޒާވް ގެންދެވިފައި ހުރި ހިސާބުގައި ކަމަށާއި ގްރޮސް ރިޒާވް ހުރީ 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށެވެ. އަދި ޔޫސަބަލް ރިޒާވް ވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.