ރާއްޖޭގައި ތެޔޮ ރައްކާކުރާނެ ތިން ސަރަހައްދެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދުރު ރާސްތާއަށް ވިސްނައިގެން އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކުުގެ ދިރާސާ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.

"އޭގެ ވިސްނުމަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި، މިއީ އެއް އަހަރަކުން ދެ އަހަރަކުން ކުރެވޭނެ ކަމެއް ނޫން، ތިން ފޭސްއަކަށް ބަހާލައިގެން ދޮޅު އަހަރު ނޫނީ ދެ އަހަރު ތެރޭގައި ނިންމޭގޮތަށް އޮއިލް ރިޒާވް ގާއިމުކުރުމުގެ މަސައްކަތްކުރުން، އެއީ ތަލަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ޑިޕެންޑުވާން ޖެހޭ ކަންތައް ކަމުގައިވާތީ އޮއިލް ރިޒާވް ގާއިމުކުރުމަށްޓަކައި ކޮންމެ ގޮތެއްވިޔަސް މަސައްކަތްކުރުން މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ކަހަލަ ފަންޑެއް އެއީ. އެހެންނަމަވެސް އެއީ ތެޔޮ ރިޒާވެއް، ނޭޝަނަލް ރިޒާވެއް ގާއިމުކުރުން އެއީ. އޭގެން އަޅުގަނޑުމެންނަށް ކުރާނެ ފައިދާތައް ވަރަށް ބޮޑު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ތަފްސީލުތައް ހިއްސާކުރައްވާނެ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ދޮޅު އަހަރުދުވަހުން ފޭސްއެއް ގޮތަށް، ގާތްގަނޑަކަށް ހަތަރު އަހަރާއި ބައި ނުވަތަ ފަސް އަހަރު ތެރޭގައި ތިން ސަރަހައްދެއްގައި އޮއިލް ރިޒާވެއް ގާއިމުކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެން އެންޓިސިޕޭޓްކުރެވެނީ މިއިން ކޮންމެ ފޭސްއަކަށް އިންވެސްޓްކުރުމަށާއި ހުރިހާ ކަމަކަށް ގާތްގަނޑަކަށް 150 މިލިއަނެއްހާ ޑޮލަރު ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމަށް. އެހެންނަމަވެސް އެކަން ކުރާއިރުގައި އަޅުގަނޑުމެން ކުރާނީ އޭގެ ޕްރޯސް އެންޑް ކޮންސް އަދި އޭގެ ސަސްޓެއިނަބިލިޓީއަށް ބަލާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ތެލުގެ އަގު ބޮޑުތަނުން ވަނީ މައްޗަށް ގޮސްފައެވެ. ނަމަވެސް އިތުރަށް ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް، އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.