ވިއެޓްނާމް ހަނގުރާމައަކީ 1 ނޮވެމްބަރު 1955 އިން 30 އެޕްރީލް 1975 އަށް ވިއެޓްނާމުގައި ކުރެވުނު ވިހި އަހަރުގެ ހަގުރާމައެކެވެ. ހަގުރާމަ ނިމުނީ އެމެރިކާ ބަލިވެގެންނެވެ. ހަގުރާމައިގެ މައިދާން ދޫކޮށް ފިލައިގެން އެމެރިކާ ސިފައިން ވިއެޓްނާމުން ފޭބުމުންނެވެ. ކޮމިއުނިސްޓް އުތުރު ވިއެޓްނާމުގެ ސިފައިން އެމެރިކާގެ އެހީތެރިކަން ލިބެމުންދިޔަ ދެކުނު ވިއެޓްނާމުގެ ވެރިރަށް ސެއިގޯން ހިފުމުންނެވެ. މި ހަގުރާމައިގައި އެމެރިކާ ސިފައިންގެ ތެރެެއިން ފަންސާސް ނުވަ ހާސް މީހުން މަރުވިއެވެ. އިތުރު ތިން ލައްކަ ހަތަރު ހާސް މީހުން ޒަޚަމްވިއެވެ. މިއީ އެމެރިކާއަށް ހުރިހާ ގޮތަކުންވެސް ގެެއްލުމާއި ހަލާކު ވަރަށް ބޮޑަށް ތަޖުރިބާކުރަން ޖެހުނު ހަގުރާމައެކެވެ. އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ހަގުރާމަޔާ ދެކޮޅުހެދުން ބޮޑުވެ ގައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައްވެސް ގިނަގިނައިން ކުރިއަށް ދިޔައެވެ. ހަގުރާމަ ހުއްޓާލައި އެމެރިކާ ސިފައި ގައުމަށް ގެނައުމަށް އެދިގެންނެވެ.
ރައްޔިތުން ހަގުރާމަޔާ ދެކޮޅު ހެދުމުގެ ސިއްރަކީ ހަގުރާމައިގެ މައިދާނުގައި މަރުވާ އެމެރިކާ ސިފައިންގެ ހަށިތައް ގޯނި ގޯންޏަށް ނުވަތަ ކޮތަޅު ކޮތަޅަށް އަޅައިގެން ގައުމަށް ގެންނަ މަންޒަރު ފެނުމުންނެވެ. އެމެރިކާއަށް ކުރިލިބޭތަން ނުފެނި ރައްޔިތުންގެ މާޔޫސްކަން އިތުރުވުމުންނެވެ. ހިތްވަރާއި އަޒުމް ބަލިކަށިވާން ފެށުމުންނެވެ. ކުރިން ދެންނެވިހެން ވިހި އަހަރަށް ދެމިގެންދިޔަ މި ހަގުރާމައިގައި އެމެރިކާ ސިފައިންގެ ތެރެއިން ޖުމްލަ ތިން މިލިޔަނެއްހައި މީހުން ވިއެޓްނާމުގައި ޚިދުމަތް ކުރިއެވެ. އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ ސިފައިން ތިބީ 1969 ވަނަ އަހަރުއެވެ. އެ އަހަރު އެމެރިކާ ސިފައިންގެ ފަސް ލައްކަ ސާޅީސް ހަތަރު ހާސް މީހުން ވިއެޓްނާމުގަައި ތިއްބެވެ. ހަގުރާމަ ފެށުނުއިރު އެމެރިކާގެ ރައީސަކީ އައިޒަންހާވަރެވެ. ނިމުނުއިރު ރައީސަކީ ނިކްސަނެވެ. އެދެމެދުން ކެނެޑީއާއި ޖޮންސަންވެސް ރައީސްކަން ކުރެެއްވިއެވެ. ރައްޔިތުންގެ ދެކޮޅުހެދުން ކުޑަކުރުމަށްޓަކައި ރައްޔިތުން ވާވެއްދޭތޯ އެބޭފުޅުން ނުކުރާކަށް ވަކިކަމެއް ނުބާއްވައެވެ.
ރައްޔިތުން ވާވެއްދުމަށް ކުރެވުނު އެންމެ ބޮޑުކަމަކީ ދެކުނު ވިއެޓްނާމުގެ ވެރިރަށް ސެއިގޯނުގައި ހުންނަ އެމެރިކާގެ އެމްބަސީގައި ކޮންމެ ދުވަހަކު ހަވީރު ފަހެއްޖަހާއިރު ނޫސް ކޮންފަރެންސެއް ބޭއްވުމެވެ. ހަގުރާމަ ކަވަރުކުރަން ގޮސްތިބި އެންމެހައި ނޫސްވެރިން އެގަޑިޔަށް ހާޒިރުކޮށް ކުރާކަމަކީ ހަގުރާމައިގެ އަސްލު މަންޒަރު ބުނެދިނުމުގެ ނަމުގައި ބޮޑެތިވެގެންވާހައި ދޮގު ހެދުމެވެ. ޚިޔާލީފޮލާގެ މައްޗަށް ހަގުރާމައިގެ މައިދާން ކުރެހުމެވެ. މިކަން ފެށި މީހަކީ ވިއެޓްނާމުގައި އޮތް އެމެރިކާ ލަޝްކަރުގެ ކޮމާންޑަރު ޖެނެރަލް ވިލިއަމް ވެސްޓްމޯލެންޑެވެ. ބައެއް ދުވަސްދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ ސީދާ އޭނައެވެ. އެހެން ދުވަސްދުވަހު އޭނާގެ ފަރާތުން ކޮންމެވެސް އެހެން އޮފިސަރެކެވެ. ހަވީރު ފަހެއް ޖަހާއިރު ބާއްވާ މި ޕްރެސް ކޮންފަރެންސްތަކުގައި އާއްމުކޮށް އޮންނަނީ ތިން ކަމެކެވެ. ފުރަތަމަ ކަމަކީ އުތުރު ވިއެޓްނާމުގެ ސިފައިންގެ ތެރެއިން މަރުވާ މީހުންގެ އަދަދު ބުނެދިނުމެވެ. ބޮޑުތަނުން އިތުރުކޮަށްފައެވެ.
ދެވަނަ ކަމަކީ އެމެރިކާ ސިފައިންގެ ކުރިއެރުންތަކާއި ހިފަމުންދާ ސަރަހައްދުތައް ބުނެދިނުމެވެ. އެވެސް ޚިޔާލުގެ މައްޗަށެވެ. ތިންވަނަ ކަމަކީ ނަސްރާއި ކާމިޔާބުގެ ޔަގީންކަން ދިނުމެވެ. ބުނެއެވެ. އުންމީދުގެ އަލިކަން ދަނީ ފެންނަމުންނެވެ. އެންމެފަހުގެ ކާމިޔާބު އޮތީ އަތްފޯރާ ހިސާބުގައެވެ. އެހިސާބަށް ވާސިލްވާން ދެން މާގިނަ ދުވަސްތަކެއް ނެތެވެ. މިހެންގޮސް އަދިވެސް މިފަދަ އެތައް ވާހަކައެކެވެ. މިޒާތުން ޚިޔާލީފޮލާ ކެއްކުމާއި ސަޅިބައިސާ ކެނޑުމުގެ ޕްރެސް ކޮންފަރެންސަކަށް މިކަންވީމާ ނޫސްވެރިން މިއަށް އައު ނަމެއް ދީފިއެވެ. ވަގުތާއި މަގުސަދަށް ރިއާޔަތްކޮށްފައެވެ. އެމީހުން ކިޔަންފެށި ނަމަކީ "ފަހެއްގެ ސަޅިބައިސާ" އެވެ. އިސާހިތަކު މިނަން މަޝްހޫރު ވެއްޖެއެވެ. އެމެރިކާގެ އެމްބަސީގައި ހަގުރާމަޔާ ބެހޭގޮތުން މައުލޫމާތުދޭން ބާއްވާ ކޮންމެ ބައްދަލުވުމަކަށް މިނަން ކިޔާން ފަށައިފިއެވެ. ވިއެޓްނާމް ހަގުރާމަ ނިމުނުތާ ފަންސާސްއެއް އަހަރު ވެެއްޖެއެވެ. ފަހެއްގެ ސަޅިބައިސާގެ މަތިން މީސްތަކުން ހަނދާން ނެތިއްޖެއެވެ.
އެކަމަކު މިދިޔަ ހުކުރުދުވަހު ޓުވިޓަރަށް ދޫކުރެއްވި މެސެޖަކުން އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ވަނީ ފަހެއްގެ ސަޅިބައިސާ އަލުން ދުނިޔެއަށް ހަނދާންކޮށް ދެއްވައިފައެވެ. މަލާމާތުގެ މެސެޖަކުންނެވެ. އޭނާ ވިދާޅުވީ ކީކޭބާވައެވެ. އޭނާ ވިދާޅުވިއެވެ. ތާރީޚު އިއާދަވެއްޖެއެވެ. ފަހެއްގެ ސަޅިބައިސާ އެނބުރި އަތުވެއްޖެއެވެ. ހަގުރާމައިގެ މައިދާނުގެ މަންޒަރު ޚިޔާލީ ކުރެހުންތަކުން ސިފަކުރަން ފަށައިފިއެވެ. ވިއެޓްނާމު ހަގުރާމައިގެ ދުވަސްވަރު ރައްޔިތުން ވާވައްދައި ދުނިޔެއަށްވެސް އޮޅުވައިލަންވެގެން އެމެރިކާގެ އަަސްކަރިއްޔާއިން ކުޅުނު ސިލްސިލާ ޑްރާމާ "ފަހެއްގެ ސަޅިބައިސާ" ގެ އައު އެޕިސޯޑުތައް ފަންސާސް އެތައް އަހަރެއް ފަހުން އަނެެއްކާވެސް ސްކްރީންތަކަށް އަތުވެއްޖެއެވެ. މިފަހަރުގެ ޕްރޮޑިއުސަރަކީ އެމެރިކާގެ ދިފާއީވަޒީރު ޕީޓް ހެގްސެތެވެ. ނިކަން ދޭތެރެ އަވަސްކޮށް ދިފާއީވުޒާރާ ޕެންޓަގަނުގައި އޭނާ ބާއްވަމުން ގެންދާ ޕްރެސް ކޮންފަރެންސްތައް ފެނުނީމާ ހަނދާންވަނީ ފަހެއްގެ ސަޅިބައިސާއެވެ.
ވިއެޓްނާމް ހަގުރާމައިގެ ދުވަސްވަރުގެ ސަޅިބައިސާ ޕްރެސް ކޮންފަރެންސްތަކާއި މިހާރުގެ ދިފާއީވަޒީރު ޕީޓް ހެގްސެތުގެ ޕްރެސް ކޮންފަރެންސްތައް އެެއްގިންތިއަކަށް ފެތޭ ސަބަބު ވަރަށް ސާފެވެ. ހެގްސެތުވެސް ކަނޑަނީ ހުސްފޮންޏެވެ. އޭނާ ދައްކަނީ އީރާނަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާއި އެމެރިކާއަށް ލިބެމުންދާ ބޮޑެތި ކާމިޔާބީތަކުގެ ވާހަކައެވެ. އެމެރިކާގެ ޖެޓަކަށް އަމާޒުކޮށް ވަޒަނެއްހައި މިންވަރުވެސް ފޮނުވައިލެވޭނެ ކެރިކުޅަދާނަކަން އީރާނަށް މިހާރު ލިބިގެންނުވާ ކަމަށްވެސް އޭނާ އެބަބުނެއެވެ. އެކަމަކު ހަގުރާމައިގެ މައިދާނުން ފެންނަނީ އަދި އެހެން މަންޒަރެކެވެ. ހޮރުމުޒް ކަނޑުއޮޅި އޮތީ ބަންދުވެފައެވެ. އެމެރިކާޔާއި އިޒްރޭލުގެ އަސްކަރީ އަމާޒުތަކަށް އީރާނުން ފޮނުވާ މިސައިލާއި ޑްރޯން ހަމަލާތަކަށް ނިމުމެއް ނާދެއެވެ. އެންމެފަހުން ހަތަރުހާސް ކިލޯމީޓަރުގެ ދިގުރާސްތާއެއް ލިބިގެންވާ މިސައިލްވެސް މުޅިން އަލަށް ބޭނުންކުރަން ފަށައިފިއެވެ. އެހެންވީމާ މިހާރު އެފެންނަނީ ހެގްސެތުގެ ސަޅިބައިސާއޭ ބުނަން ޖާގަ އެބައޮތެވެ.
އިމާދު ލަތީފު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ވަރަށް ކިޔާހިއްވާ މޮޅު ލިޔުމެއް. ވިއެޓްނާމް ހަނގުރާމަ އާއިބެހޭ ތަފްޞީލެއް ގެނެސް ދެއްވާނެ ނަމަ ހާދަހާ ރަނގަޅެވެ.
ނުރަބޯ - 3 މަސް ކުރިން
ކީވެތޯ ގާޒާގެ ހަނގުރާމަޔާ ބެހޭގޮތުން މިހާ ތަފްސީލުކޮން ނުލިޔަނީ
ޖނނތގ އޝގނ - 3 މަސް ކުރިން