ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް)ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ބޭއްވުމަށް ނިންމައިފިއެވެ.

އެ ޖަލްސާ ބޭއްވުމަށް ބީއެމްއެލުން ނިންމާފައިވަނީ ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގައި މިމަހުގެ 28 ވަނަ ދުވަހުގެރޭ 9:00 ގައެވެ.

އެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި، އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ޖަލްސާގައި ބައިވެރިވުމަށް ޕްރޯ-ރަޖިސްޓާ އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށްވެސް ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ.

"ޕްރީ ރަޖިސްޓްރީވުމުގެ ފަހު ތާރީހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ 9:00 އެވެ. ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށް ބީއެމްްއެލްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާތީ، މި ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ހާއްސަ ގަރާރަކުން ކަމުގައިވާތީވެ، ވީހާވެސް ގިނަ ހިއްސާދާރުން މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ މި ބޭންކުގެ ވަރަށް ބޮޑު އެދުމެއް،" ބީއެމްއެލުން ބުންޏެވެ.

ރަޖިސްޓަރޭޝަން އަދި ޕްރޮކްސީ ބާތިލުކުރަން އެދޭ ހިއްސާދާރުން، އެ ފަރާތެއްގެ ބޭންކުގައި ރެޖިސްޓާޑް އީމެއިލް މެދުވެރިކޮށް އަންނަ ހޮނިހިދު ދުވަހުގެ ރޭ 9:00 ގެ ކުރިން ރަޖިސްޓަރޭޝަން ނުވަތަ ޕްރޮކްސީ ބާތިލުކުރަން އެދޭ ކަމަށް [email protected] އީމެއިލް ފޮނުވުމަށް ބީއެމްއެލުން ވަނީ އެދިފައެވެ.

ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި ޖަލްސާއަށް ރަޖިސްޓަރީ ކުރަން ބޭނުންވާނަމަ، އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" ނުވަތަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓަރީކުރާ ޕޯޓަލް މެދުވެރިކޮށްވެސް ރަޖިސްޓަރީ ކުރެވިދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އިންފިނިޓީ ޕޯޓަލް އަކީ އެމްއެސްޑީގެ އޮންލައިން ހިދުމަތް ފޯރުކޮށްދޭ ވެބް އެޕްލިކޭޝަނެކެވެ. އިންފިނިޓީ ޕޯޓަލްއަށް ލޮގިން ނުވަތަ ސައިންއަޕް ކުރެވޭނީ އެމްއެސްޑީ އެކައުންޓެއް ހުޅުވާފައިވާ ހިއްސާދާރުންނަށެވެ. އެމްއެސްޑީ އެކައުންޓް ހުޅުވާފައިނުވާނަމަ، އިންފިނިޓީ ޕޯޓަލްއަށް ލޮގިން ކުރުމަށްފަހު އެމްއެސްޑީ އެކައުންޓެއް ހުޅުވަން ޖެހެއެވެ. އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމާގުޅޭ އިތުރު މައުލޫމާތު އެމްއެސްޑީގެ 3306868 ނަންބަރު ފޯނު އަދި [email protected] އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ އަހަރީ އާންމު ޖަލްސާގައި ރަޖިސްޓަރީކުރުމާ ގުޅޭ މައުލޫމާތު https://www.bankofmaldives.com.mv/investor-relations އިން ލިބޭނެ ކަމަށެވެ.

ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލްއަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމުލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގުތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައި ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

"މިއީ ބޭންކުގެ ތާރީހުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ 16 ޕަސެންޓު ވަނީ އިތުރުވެފައި،" ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ފާހަގަކުރާގޮތުގައި އެއީ އެ ބޭންކުގެ ހިދުމަތްތަކަށް ރައްޔިތުންނަށް އޮތް އިތުބާރާއި ހިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެކެވެ.

މި އަހަރުގެ ފެބްރުއަރީ 24ގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2025 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާ ގެ މަގުން ޖުމްލަ 322,915,200 (322.9 މިލިއަން) ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާ އިން ފާސްކުރަމަށްޓަކައި ހުށަހެޅުމަށް ނިންމައިފައެވެ.

އޭގެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށް ވެސް ބޯޑުން ވަނީ ހިއްސާދާރުންނަށް ހުށަހަޅެމަށް ނިންމައިފައެވެ.

"މިގޮތަށް ބޯނަސް ހިއްސާދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމުލަ 2091.80 ރުފިޔާގެ ނަފާއެއް. ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރުކުރުމަށާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމަށް،" ބީއެމްއެލުން ބުނެއެވެ.

އެގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ 'ރެކޯޑް ޑޭޓް' ކަމުގައިވާ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.