ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު "ކޮކްޓެއިލް 2" ގެ ޓީޒާ އާންމުކުރުމާއެކު، ފިލްމުގެ ތަރިންގެ ހުށަހެޅުންތަކަށް ބެލުންތެރިންގެ ސަމާލުކަން ލިބިއްޖެއެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓުކުރާ މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދަނީ ޝާހިދު ކަޕޫރާއި، ކްރިތީ ސެނަންގެ އިތުރުން ރަޝްމިކާ މަންދަނާއެވެ. މިއީ 2012 ވަނަ އަހަރު ސައިފް އަލީ ޚާނާއި ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީ ކުޅުނު ކާމިޔާބު ފިލްމު "ކޮކްޓެއިލް" ގެ ދެވަނަ ބައެވެ.

މިދިޔަ ބުދަ ދުވަހު ރަންވީރު ސިންގްގެ "ދުރަންދަރް 2" އާއެކު ސިނަމާތަކުގައި ދެއްކުމަށްފަހު އިންޓަނެޓަށް ލީކުވި މި ޓީޒާއިން ފެނިގެންދަނީ މޫދުކައިރީގައި ބާއްވާ ޕާޓީއެއްގެ އުފާވެރި މަންޒަރުތަކެކެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކްރިތީ އާއި ރަޝްމިކާގެ ފެނިލުމަށާއި، ޝާހިދުގެ ނެށުމުގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ފިލްމީ ފާޑުކިޔުންތެރިން ފާހަގަކުރާ ގޮތުގައި، ޓީޒާގެ ވިޝުއަލްތައް ވަރަށް ފުރިހަމަވެފައި، ފުރަތަމަ ފިލްމެކޭ އެއްފަދައިން މިއީވެސް ޒުވާނުންނާ ގުޅޭ ހިތްގައިމު ފިލްމަކަށް ވާނެކަމުގެ ކުލަވަރު ފެނެއެވެ.

https://www.instagram.com/reel/DWD26YjDASK/

ނަމަވެސް، ޓީޒާގައި ހިމެނޭ "ޖަބް ތަލަކް" ލަވައާމެދު ބެލުންތެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މި ލަވައިގެ މިޔުޒިކް ފޫއްސެވެ. އަދި ފިލްމުގެ މަންޒަރުތަކާ ނުގުޅެއެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ، ޓީޒާގެ މަންޒަރުތައް ރީތިވި ނަމަވެސް، ލަވައިގެ ސަބަބުން ޓީޒާގެ ފުރިހަމަކަން ގެއްލޭ ކަމަށް ބުނެފައެވެ. އެގޮތުން، "މިއީ އަޑު ކަނޑާލައިގެން ބަލަން އެންމެ ރަނގަޅު ޓީޒާއެއް" ކަމަށް ބައެއް މީހުން ބުނެފައިވާއިރު، ފިލްމުގައި މިއަށްވުރެ ރަނގަޅު ލަވަތައް ހިމެނޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިން ޕްރޮޑިއުސްކުރާ "ކޮކްޓެއިލް 2" ސިނަމާތަކަށް އަންނާނެ ކަމަށް އިއުލާނުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.