ޗެކް ބައުންސްވި 9 ކްރޯޑު ރުފިޔާގެ މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރާޖްޕާލް ޔާދަވްއަށް ދިއްލީ ހައިކޯޓުން ވަގުތީ ލުޔެއް ދީފިއެވެ. މިދިޔަ ބުދަ ދުވަހު ކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަސްކުރުމަށެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ސްވަރާނާ ކާންތާ ޝަރްމާ ވިދާޅުވީ، ރާޖްޕާލް ޔާދަވް ފިލައިގެން ނޫޅޭ ކަމަށާއި، ގަވާއިދުން ކޯޓަށް ހާޒިރުވަމުންދާ ކަމަށެވެ. އަދި އޭނާ ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް މިހާރު ދައްކާފައިވާތީ، މިވަގުތު އޭނާ އަނބުރާ ޖަލަށް ނުލާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ރާޖްޕާލްގެ ވަކީލުން ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި، މައްސަލަ ހުށަހެޅި 'މުރްލީ ޕްރޮޖެކްޓްސް' ކުންފުންޏަށް މިހާތަނަށް 4.25 ކްރޯޑު ރުފިޔާ ވަނީ ދައްކައިފައެވެ.
މި މައްސަލައިގެ ފެށުމަކީ 2010 ވަނަ އަހަރު ރާޖްޕާލް ޔާދަވް ޑައިރެކްޓްކުރި ފިލްމު "އަތާ ޕަތާ ލާޕަތާ" އުފެއްދުމަށް މުރްލީ ޕްރޮޖެކްޓްސް އިން ނެގި ފަސް ކްރޯޑު ރުފިޔާގެ ލޯނެކެވެ. ފިލްމަށް ލިބުނު ގެއްލުމާއެކު ފައިސާ ނުދެއްކި، އޭނާ ދިން ހަތް ޗެކެއް ބައުންސްވުމާ ގުޅިގެން 2018 ވަނަ އަހަރު ކޯޓުން ވަނީ އޭނާ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
މި މައްސަލައިގައި ފައިސާ ނުދެއްކުމުގެ ސަބަބުން މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ރާޖްޕާލް ޔާދަވް ތިހާރު ޖަލަށް ލާފައިވެއެވެ. ނަމަވެސް ފެބްރުއަރީ 16 ގައި އޭނާއަށް ވަނީ ވަގުތީ ކަފާލާތުގެ ދަށުން މިނިވަންކަން ދީފައެވެ. ދިއްލީ ހައިކޯޓުން މިހާރު ވަނީ ބާކީ ހުރި ފައިސާ ދައްކައި ހަލާސްކުރުމަށް އޭޕްރީލް 1 އާ ހަމައަށް އޭނާއަށް ފަހު ފުރުސަތެއް ދީފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް