މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "ސްޕައިޑާ-މޭން: ބްރޭންޑް ނިއު ޑޭ" ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ.
ޓޮމް ހޮލަންޑް ކުޅޭ ޕީޓާ ޕާކާގެ ހަތަރުވަނަ ފިލްމުގެ ޓްރެއިލާ މިދިޔަ ބުދަ ދުވަހު އާންމުކޮށްފައިވާ އިރު، އޭގެން ފެނިގެންދަނީ މުޅިން އާ ނުރައްކާތަކަކާ އޭނާ ކުރިމަތިލާ މަންޒަރެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ޖޮން ބާންތަލް ކުޅޭ ފްރޭންކް ކާސަލް ނުވަތަ 'ދަ ޕަނިޝާ' އާއި ސްޕައިޑާ-މޭން އާ ދެމެދު ހިނގާ ވަރުގަދަ ކުރިމަތިލުންތަކެވެ. މިއީ ސްޕައިޑާ-މޭންގެ ފިލްމެއްގައި ޕަނިޝާ ފެނިގެންދާ ފުރަތަމަ ފަހަރެވެ.
މި ޓްރެއިލާ އާންމުކުރުމުގެ ކުރިން، މާވެލްއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކޮންޓެންޓް ކްރިއޭޓަރުން މެދުވެރިކޮށް ޓްރެއިލާގެ ކުރު ކްލިޕްތަކެއް މީސްމީޑިއާގައި ދޫކޮށްލައިފައެވެ. މިކަމުގެ ސަބަބުން ފިލްމަށް އޮތް ތަރުހީބު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ވާހަކައިގެ މިސްރާބާއި ފިލްމުގެ މާހައުލަށް އައި ބަދަލު
މި ފިލްމުގައި ޕަނިޝާ ބައިވެރިވުމަކީ އެމްސީޔޫގެ ވާހަކަތަކަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ. ކުރީގެ ފިލްމުތަކާ ހިލާފަށް، "ބްރޭންޑް ނިއު ޑޭ" އަކީ މަގުމަތީގެ ކުށްތަކާ (ސްޓްރީޓް-ލެވެލް ކްރައިމް) ދެކޮޅަށް ސްޕައިޑާ-މޭން ކުރާ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ. ފްރޭންކް ކާސަލް ފަދަ ރަހުމްކުޑަ ކެރެކްޓަރެއް މި ފިލްމަށް ތައާރަފުވުމުން، ފިލްމުގެ މާހައުލު ވަރަށް ބޮޑަށް ބަދަލުވެގެންދެއެވެ. ޕަނިޝާ އަކީ ކުށްވެރިންނަށް އެއްވެސް ރަހުމެއްނެތި މަރުގެ އަދަބުދޭ މީހަކަށްވާ އިރު، ސްޕައިޑާ-މޭން އަކީ މީހުން މެރުމާ ދެކޮޅު ހަދާ ބަތަލެކެވެ. މި ދެ ފިކުރުގެ ތަފާތުވުމުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތައް ފިލްމުގައި ވަރަށް ފުރިހަމައަށް ފެނިގެންދާނެއެވެ. ޕަނިޝާ އެންމެ ފަހުން ފެނިފައިވަނީ "ޑެއާޑެވިލް: ބޯން އެގެއިން" ސީރީޒްއިންނެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި ޕީޓާ ޕާކާގެ ބާރުތަކަށްވެސް އާދަޔާހިލާފު ބަދަލުތަކެއް އަންނަމުންދެއެވެ. އޭނާގެ ހަށިގަނޑުން އަމިއްލައަށް ވެބް އުފެއްދުމުގެ ބާރު ލިބިފައިވާ އިރު، މިއީ ކޮމިކް ފޮތްތަކުގައި ފެންނަ "މޭން-ސްޕައިޑާ" އަށް ބަދަލުވުމުގެ އަލާމާތެއް ކަމަށް ބެލެވެއެވެ. މީގެ އިތުރުން މައިކަލް މެންޑޯ ކުޅޭ 'ސްކޯޕިއަން' އާއި މާކް ރަފަލޯ ކުޅޭ 'ހަލްކް' އަދި މާވިން ޖޯންސް ކުޅޭ 'ޓޯމްބްސްޓޯން' ވެސް މި ފިލްމުން ފެނިގެންދާނެއެވެ. އަދި ސޭޑީ ސިންކް ކުޅޭ ސިއްރު ކެރެކްޓަރެއްވެސް ޓްރެއިލާއިން ފެނިފައިވެއެވެ. ޒެންޑާޔާ ކުޅޭ އެމްޖޭ އާއި ޖޭކަބް ބަޓަލޮން ކުޅޭ ނެޑް ވެސް ފިލްމުގައި ހިމެނޭ ނަމަވެސް، ޑޮކްޓަރ ސްޓްރޭންޖްގެ ޖާދޫގެ ސަބަބުން އެމީހުންނަށް ޕީޓާ ޕާކާ އަކީ ކާކުކަން މިހާރު ނޭނގޭނެއެވެ.
މާވެލްގެ އިސްވެރިންގެ ބަސް
މި ފިލްމާ ގުޅޭގޮތުން މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފައިގީ ވިދާޅުވީ، މިއީ އެމްސީޔޫގައި "އަސްލު ސްޕައިޑާ-މޭން" ގެ ޒަމާން ފެށުން ކަމަށެވެ. "ނޯ ވޭ ހޯމްގެ ނިމުމާއެކު ޕީޓާ ޕާކާ އެވަނީ އެކަނިވެރިވެފައި. އޭނާގެ އަތުގައި ޓޯނީ ސްޓާކްގެ ޓެކްނޮލޮޖީއެއް ނެތް. މިހާރު އޭނާގެ އަމާޒަކީ ނިއު ޔޯކް ސިޓީގެ މަގުމަތީގެ ކުށްތައް ހުއްޓުވުން،" ފައިގީ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޕަނިޝާ އަކީ އަސްލު ސްޕައިޑާ-މޭން ކޮމިކް ފޮތަކުން (1974 ގެ ދަ އަމޭޒިން ސްޕައިޑާ-މޭން #129) ތަޢާރަފުވި ކެރެކްޓަރަކަށް ވުމުން، މި ދެ ކެރެކްޓަރުން އެއް ފިލްމަކުން ފެނުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.
ފިލްމުގެ ޑައިރެކްޓަރު ޑެސްޓިން ޑެނިއަލް ކްރެޓަން ގެންދަވަނީ ކޮމިކް ފޮތްތަކުގެ މަޝްހޫރު މަންޒަރުތައް ފިލްމުގައި ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. "އޭނާގެ އޮފީހުގެ ފާރުގައި އަށް ނުވަތަ ނުވަ ކޮމިކް ކަވަރު ހަރުކޮށްފައި އެބަހުރި. އެ މަންޒަރުތައް ފިލްމުން ދިރުވުމަކީ އޭނާގެ އަމާޒު،" ފައިގީ ވިދާޅުވިއެވެ.
ކްރެޓަން އަކީ މީގެ ކުރިން "ޝަންގް-ޗީ" ޑައިރެކްޓްކޮށްފައިވާ ފަރާތް ކަމަށްވުމުން، މި ފިލްމުގައި މާޝަލް އާޓްސް އާއި އަތުން އަތަށް ކުރާ ވަރުގަދަ ތަޅާފޮޅުންތައް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ފައިގީ މިވަގުތު އެންމެ ބޮޑަށް އިސްކަންދެއްވަނީ ކުރިއަށް އޮތް 'އެވެންޖާސް: ޑޫމްސްޑޭ' އަދި 'ސީކްރެޓް ވޯސް' އަށް ކަމަށްވާތީ، ސްޕައިޑާ-މޭންގެ ކަންކަން ބެލެހެއްޓުން ވަނީ ޕްރޮޑިއުސަރު އޭމީ ޕާސްކަލް އާއި ޑައިރެކްޓަރު ކްރެޓަންއާ ހަވާލުކުރައްވައިފައެވެ. މިއީ ފިލްމު އުފައްދާ ޓީމަށް ލިބުނު ވަރަށް ބޮޑު މިނިވަންކަމެކެވެ.
އެމްސީޔޫގެ ޓައިމްލައިންގައި ފިލްމުގެ މަގާމު
"ސްޕައިޑާ-މޭން: ބްރޭންޑް ނިއު ޑޭ" ގެ ހާދިސާތައް ހިނގަނީ 2021 ވަނަ އަހަރު ނުކުތް "ސްޕައިޑާ-މޭން: ނޯ ވޭ ހޯމް" ގެ ހާދިސާތަކަށްފަހު ހަތަރު އަހަރު ފަހުންނެވެ. އެހެންކަމުން މިއީ އެމްސީޔޫގެ ޓައިމްލައިންގެ ގޮތުން ބަލާއިރު 2028 ވަނަ އަހަރުގެ ހާދިސާތަކެކެވެ. މި ހަތަރު އަހަރުގެ ތެރޭގައި ޕީޓާ ޕާކާ ވަނީ ބޮޑުވެ، އަމިއްލަ ފައިމައްޗަށް ތެދުވެފައެވެ. މި ފިލްމު އޮންނާނީ "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް" އާއި އަންނަ އަހަރުގެ މެއި މަހު ނެރުމަށް ހަމަޖެހިފައިވާ "އެވެންޖާސް: ޑޫމްސްޑޭ" އާ ދެމެދުގައެވެ.
އަންނަ ޖުލައި 31 ގައި ސިނަމާތަކަށް އަންނަ މި ފިލްމަކީ ސްޕައިޑާ-މޭންގެ ފްރެންޗައިޒްއަށް އާ ދިރުމެއް ގެނެސްދޭނެ ފިލްމެއްކަމަށް ބެލެވެއެވެ. ފުރަތަމަ މި ފިލްމު ނެރުމަށް ހަމަޖެހިފައި އޮތީ ޖުލައި 24 ގައެވެ. ނަމަވެސް ޓޮމް ހޮލަންޑް ހިމެނޭ ކްރިސްޓޮފާ ނޯލަންގެ "ދި އޮޑިސީ" އާ ތާރީހު ފުށުއަރާތީ ފަހުން ވަނީ ތާރީހު ބަދަލުކޮށްފައެވެ. 2008 ވަނަ އަހަރު ނުކުތް ކޮމިކް ފޮތް "ބްރޭންޑް ނިއު ޑޭ" އަށް ނިސްބަތްކޮށް ނަންދީފައިވާ މި ފިލްމުން، ޕީޓާ ޕާކާގެ ހަޔާތުގެ މުޅިން އާ ސަފުހާއެއް ފެށިގެންދާނެއެވެ. މި ފިލްމުގައި ހިނގާ ކަންތައްތަކުގެ ސަބަބުން ކުރިއަށް އޮތް އެވެންޖާސް ފިލްމުތަކުގައި ސްޕައިޑާ-މޭން އަދާކުރާނެ ދައުރު ކަނޑައެޅިގެންދާނެއެވެ.


ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް