ބޮލީވުޑްގެ ކާމިޔާބު އެކްޝަން ތުރިލާ ފިލްމު "ދުރަންދަރު" ގެ ދެވަނަ ބައި، "ދުރަންދަރު: ދަ ރިވެންޖް" ގެ މަސައްކަތްތައް އެއްކޮށް ނިންމާލައި، ފިލްމު ސިނަމާތަކަށް ނެރެފިއެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު ފުރަތަމަ ފިލްމަށް ލިބުނު ބޮޑު ތަރުހީބަށްފަހު، މި ސީކުއެލްއަކީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި އެއް ފިލްމެވެ.
މިއީ އިންޑިއާގެ ސިނަމާގެ ތާރީހުގައިވެސް އުފެއްދި އެންމެ ދިގު އެއް ފިލްމެވެ. މި ފިލްމުގައި ކިޔައިދެނީ އިންޑިއާގެ ޖާސޫސީ އެޖެންޓެއް ކަމަށްވާ ހަމްޒާ އަލީ މަޒާރީ، ޕާކިސްތާނުގެ ކަރާޗީގެ އަންޑަވޯލްޑްގެ ތެރެއަށް ވަދެ ހިންގާ ނުރައްކާތެރި އޮޕަރޭޝަންތަކެއްގެ ވާހަކައެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިންވެސް އެޑްވާންސް ބުކިން މެދުވެރިކޮށް 124 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ހޯދައިފައެވެ. މީގެ ތެރެއިން 87 ކްރޯޑް ރުޕީސް އަކީ ހަމައެކަނި އިންޑިއާއިން ވިކުނު 17 ލައްކަ ޓިކެޓުން ލިބުނު އާމްދަނީއެވެ.
ފިލްމުގެ އުފެއްދުމާއި ތަރިން
އަދިތުޔާ ދަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެންދާނީ ރަންވީރު ސިންގް، އާރްޖުން ރާމްޕާލް، ސަންޖޭ ދަތު އަދި އާރް. މާދަވަންއެވެ. މީގެ އިތުރުން ސާރާ އާރްޖުން އަދި އަކްޝޭ ކަންނާގެ ހާއްސަ ފެނިލުމެއްވެސް މި ފިލްމުގައި ހިމެނެއެވެ. ޖިއޯ ސްޓޫޑިއޯސް އަދި ބީ62 ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޝޫޓިން ކުރިއަށްދިޔައީ ފުރަތަމަ ފިލްމާ އެކުއެކީގައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އިންޑިއާގެ ޕަންޖާބު، ލަދާކް، ހިމާޗަލް ޕްރަދޭޝް އަދި ތައިލެންޑުގެ ބެންކޮކްގައި ފިލްމުގެ މަންޒަރުތައް ވަނީ ނަގައިފައެވެ. ބެންކޮކް ބޭނުންކޮށްފައިވަނީ ޕާކިސްތާނުގައި ހިނގާ މަންޒަރުތައް ނެގުމަށެވެ. ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކޭޝަން (ސީބީއެފްސީ) އިން މި ފިލްމަށް 'އޭ' ސެޓްފިކެޓް ދީފައިވަނީ 21 ތަނަކަށް ބަދަލު ގެނައުމަށް އެންގުމަށްފަހުގައެވެ. ޝަޝްވަތު ސަޗްދޭވް މިއުޒިކް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ދިގުމިނަކީ 229 މިނެޓެވެ. މިއީ ގާތްގަނޑަކަށް 3 ގަޑިއިރާއި 49 މިނެޓެވެ.
"ދުރަންދަރު 2" ރަސްމީކޮށް ސިނަމާތަކުގައި އަޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. މި ތާރީހާ ދިމާކޮށް އިންޑިއާގައި ފާހަގަކުރާ އީދު، ގުޑީ ޕަޑްވާ އަދި އުގާޑީ ފަދަ ބޮޑެތި ބަންދުތައް އައުމަކީ ފިލްމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ. ރަސްމީކޮށް ފިލްމު އެޅުވުމުގެ އެއް ދުވަސް ކުރިން، އިއްޔެ ފިލްމުގެ ޕެއިޑް ޕްރިވިއު ޝޯތައް ވަނީ ދައްކަން ފަށައިފައެވެ. ފިލްމު ނެރެފައިވަނީ ހިންދީ ބަހުގެ އިތުރުން ތަމަޅަ، ތެލުގޫ، ކަންނަޑާ އަދި މަލަޔާލަމް ބަހުންނެވެ. މުޅި ދުނިޔޭގައި 12،292 ޝޯ ދައްކަން ހަމަޖެހިފައިވާ އިރު، ސިނަމާތަކުގައި ފިލްމު ދެއްކުމަށްފަހު، ޑިޖިޓަލް ސްޓްރީމިން ޕްލެޓްފޯމެއްގެ ގޮތުގައި ފިލްމު ދައްކާނީ ޖިއޯހޮޓްސްޓާ އިންނެވެ. ފުރަތަމަ ފިލްމު ނެޓްފްލިކްސް އިން ސްޓްރީމްކުރި ނަމަވެސް، މިފަހަރު ޑިޖިޓަލް ރައިޓްސް ހޯދާފައިވަނީ ޖިއޯހޮޓްސްޓާ އިންނެވެ.
ސްޓޫޑިއޯގެ ބަހާއި ކުރިމަތިވި ގޮންޖެހުންތައް
ފިލްމު ރިލީޒްކުރުމާ ދިމާކޮށް ބައެއް މައްސަލަތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް ދެކުނު އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ ތަމަޅަނާޑޫ، އަންދްރަ ޕްރަދޭޝް އަދި ތެލަންގާނާގައި މިދިޔަ ބުދަ ދުވަހު ދައްކަން ހަމަޖެހިފައި އޮތް ޕެއިޑް ޕްރިވިއު ޝޯތައް ޓެކްނިކަލް މައްސަލަތަކަކާ ހުރެ ވަނީ ކެންސަލްކުރަން ޖެހިފައެވެ. މިކަމާ ގުޅިގެން ޑައިރެކްޓަރު އަދިތުޔާ ދަރު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންގެ ކިބައިން މައާފަށް އެދިފައެވެ.
އަދިތުޔާ ވިދާޅުވީ "ދުރަންދަރު" އަކީ ހަމައެކަނި ފިލްމެއް ނޫން ކަމަށާއި، އެއީ އެންމެން ގުޅިގެން ދުށް ހުވަފެނެއް ކަމަށެވެ. އަދި ފިލްމުގެ ސްޕޮއިލާތައް ލީކު ނުކުރުމަށާއި، ފިލްމު ނިމުމުން ކްރެޑިޓްސް ނިމެންދެން ސިނަމާގައި މަޑުކުރުމަށް އޭނާ ވަނީ އެދިފައެވެ.
މިއާއެކު، ފިލްމުގެ ތިންވަނަ ބައެއް އަތުވެދާނެކަމުގެ އިޝާރާތެއް ސްޓޫޑިއޯއިން ވަނީ ދީފައެވެ. މިވަގުތު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ފުރަތަމަ ހަފުތާ ބަންދުގައި ފިލްމަށް ލިބޭނެ އާމްދަނީއަށާއި، ޕޯސްޓް-ކްރެޑިޓް މަންޒަރުން ކަށަވަރުކޮށްދިން ތިންވަނަ ފިލްމުގެ މަސައްކަތް ފަށާނެ ތާރީހަކަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް