އިންޑިއާގައި އުފައްދާ ހުރިހާ ފިލްމެއްގައި ސަބްޓައިޓަލް އަދި އޯޑިއޯ ޑިސްކްރިޕްޝަން ހިމެނުން އެ ގައުމުގެ ސަރުކާރުން މަޖުބޫރުކޮށްފިއެވެ. މި އުސޫލަށް ފުރިހަމައަށް އަމަލުކުރަން އަންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
މިއީ އަޑުއިވުމާއި ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށާއި، ތަފާތު ބަސްތަކުން ވާހަކަދައްކާ މީހުންނަށް ފިލްމުތައް ފަސޭހައިން ބަލައިލެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އެކުލަވައިލި އުސޫލެކެވެ. އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން 2024 ވަނަ އަހަރުގެ މާޗު 15 ގައި އެކުލަވައިލި "ގައިޑްލައިންސް އޮފް އެކްސެސިބިލިޓީ ސްޓޭންޑަރޑްސް" ގެ ދަށުން، މިހާރު ކޮންމެ ފިލްމެއްވެސް ސިނަމާތަކަށް ނެރެވޭނީ މި ޝަރުތުތައް ފުރިހަމަކޮށްގެންނެވެ. މިއީ އިންޑިއާގެ ފިލްމީ ތާރީހުގައިވެސް ގެނެވޭ މިފަދަ އެންމެ ބޮޑު އެއް ބަދަލެވެ.
އުސޫލު ތަންފީޒުކުރުމާއި އަމަލުކުރަންޖެހޭ މިންގަނޑުތައް
މި އާ އުސޫލުގެ ދަށުން، ފިލްމު އުފައްދާ ފަރާތްތަކުން ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ފިލްމު ހުށަހަޅާއިރު، އީ-ސިނެޕްރަމާން ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލް ސިނަމާ ޕެކޭޖް (ޑީސީޕީ) އާއެކު ސަބްޓައިޓަލް ފައިލްތަކާއި އޯޑިއޯ ޑިސްކްރިޕްޝަން ޓްރެކްތައް ހުށަހަޅަން ޖެހޭނެއެވެ. މާޗް 15 ގެ ފަހުން ސެޓިފިކޭޝަނަށް ހުށަހަޅާ ހުރިހާ ފިލްމެއްގައި މި ފީޗާތައް ހުރުން ލާޒިމު ވާނެއެވެ. ނަމަވެސް، އެއް ބަހަށްވުރެ ގިނަ ބަހުން ޑަބްކުރާ ފިލްމުތަކަށާއި، ނޭޝަނަލް ފިލްމު އެވޯޑަށް ހުށަހަޅާ ފިލްމުތަކަށް މި ގަވައިދަށް އަމަލުކުރުން މީގެ މާކުރިން 2025 ޖަނަވަރީ 1 އިން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ.
މީގެ އިތުރުން، ސިނަމާތަކުންވެސް މިކަމަށް ހާއްސަ ތައްޔާރީތަކެއް ވާން ޖެހެއެވެ. އެގޮތުން، ކޮންމެ 200 ގޮނޑިއަކަށް މަދުވެގެން 2 ނުވަތަ 5 އާ ދެމެދުގެ އަދަދަކަށް ހާއްސަ އާލާތްތައް ބަހައްޓަން ޖެހެއެވެ. މީގެ ތެރޭގައި ކްލޯޒްޑް ކެޕްޝަން ގްލާސް، ކްލޯޒްޑް ކެޕްޝަން ސްޓޭންޑް، އަދި އޯޑިއޯ ޑިސްކްރިޕްޝަން އަޑުއެހުމަށް ހާއްސަ ހެޑްފޯން ހިމެނެއެވެ. ނުވަތަ މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ބެލުންތެރިންގެ އަމިއްލަ ފޯނުން ސަބްޓައިޓަލް އަދި އޯޑިއޯ ޑިސްކްރިޕްޝަން ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެއެވެ. މިކަންކަން ފުރިހަމަ ނުކުރާ ފިލްމުތަކަށް ސެޓިފިކެޓް ދޫނުކުރުމަށް ސީބީއެފްސީން ވަނީ ހަރުކަށިކޮށް ނިންމައިފައެވެ.
ސަރުކާރުގެ އަމާޒާއި ސިޔާސަތު
އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި އުސޫލުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ. 2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިންޑިއާގެ އާބާދީގެ 2.21 އިންސައްތަ (ގާތްގަނޑަކަށް 2.68 ކްރޯޑު މީހުން) އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. މީގެ ތެރެއިން 19 އިންސައްތަ މީހުންނަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވާއިރު، އަނެއް 19 އިންސައްތަ މީހުންނަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.
2016 ވަނަ އަހަރު ފާސްކުރި "ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސެބިލިޓީސް އެކްޓް" ގެ 42 ވަނަ މާއްދާގެ ދަށުން، މައުލޫމާތާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއެކެވެ. މިކަމަށް އެންމެ ބޮޑު ބާރެއް ލިބުނީ 2023 ވަނަ އަހަރު ޝާހުރުކް ޚާންގެ ފިލްމު "ޕަތާން" އާ ގުޅިގެން ދިއްލީގެ ހައިކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. ފެނުމާއި އަޑުއިވުމުން މަހްރޫމްވެފައިވާ 4 މީހަކު ހުށަހެޅި އެ މައްސަލައިގައި ކޯޓުން ވަނީ ފިލްމުތައް އެންމެންނަށް ބެލޭނެ ގޮތް ހެދުމަށް މިނިސްޓްރީއަށް އަންގައިފައެވެ. މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ބަދަލާއެކު ސިނަމާތަކަކީ އެންމެންނަށްވެސް ވަދެވޭ، ބައިވެރިވެވޭ ތަންތަނަށް ވެގެންދާނެއެވެ.
ފިލްމީ ސިނާއަތުގެ ރައްދު އަދި ކުރިމަތިވާ ގޮންޖެހުންތައް
މި އާ ގަވައިދާ ގުޅިގެން ފިލްމީ ސިނާއަތުގެ އެކި ފަރާތްތަކުން އަންނަނީ ތަފާތު ހިޔާލުތައް ފާޅުކުރަމުންނެވެ. ގިނަ ޕްރޮޑިއުސަރުން މިކަން ބަލައިގަންނަނީ ވަރަށް ފަހި ނަޒަރަކުންނެވެ. ހާއްސަކޮށް ސަރަހައްދީ ފިލްމުތައް (ރީޖަނަލް ސިނަމާ) އުފައްދާ ފަރާތްތަކުން ދެކޭގޮތުގައި، ސަބްޓައިޓަލް މަޖުބޫރުވުމުން ތެލިނގޫ، ތަމަޅަ އަދި ކަންނަޑަ ފަދަ ބަސްބަހުން އުފައްދާ ފިލްމުތައް މުޅި އިންޑިއާއަށް ފުޅާކުރުމަށް މަގުފަހިވާނެއެވެ. ޕްރޮޑިއުސަރު އަބީޝެކް އަގަރްވާލް ފާހަގަކުރި ގޮތުގައި، މީގެ ސަބަބުން ހިންދީ ބަހުން ވާހަކަދައްކާ މީހުންނަށްވެސް ޑަބްކުރި ފިލްމަކަށް އިންތިޒާރު ނުކޮށް، ސީދާ އޮރިޖިނަލް ފިލްމު ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.
ނަމަވެސް، މާލީ އަދި ފަންނީ ގޮންޖެހުންތަކެއް ހުރިކަންވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. ކަންނަޑަ ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ ހޭމަންތު އެމް ރާއޯ ބުނިގޮތުގައި، އޯޑިއޯ ޑިސްކްރިޕްޝަންގެ ބަހުރުވަ އާއި އިބާރާތްކުރުންތައް ރަނގަޅު ފެންވަރެއްގައި ގެނެސްދިނުމަކީ ފުރަތަމަކޮޅު ދަތިވާނެ ކަމެކެވެ. އަދި ކުދި ޕްރޮޑަކްޝަން ހައުސްތަކަށް މިއީ އިތުރު މާލީ ބުރައަކަށް ވާނެތީ، ޕްރޮޑިއުސަރު ސަމީރު ބާރަތު ރާމް ވަނީ މިއީ އިޖުތިމާއީ ކަމަކަށް ވާތީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހަރަދުތައް ހަމަޖެއްސުމަށް ގޮވާލައިފައެވެ. ސަބްޓައިޓަލް ތައްޔާރުކުރާ ފަންނާނުން ބުނާގޮތުގައި މިއީ ވަރަށް ބޮޑަށް ވަގުތު ނަގާ، ބުރަ މަސައްކަތަކަށް ވާތީ އެ ފަރާތްތަކުގެ އުޖޫރަ ބޮޑުކުރަން ޖެހޭނެއެވެ.
މީގެ އިތުރުން، ފިލްމު އުފައްދާ ފަރާތްތަކާއި ބެލުންތެރިން ކަންބޮޑުވުން ފާޅުކުރަނީ ސިނަމާގެ ބޮޑު ސްކްރީނުގައި އަބަދު ލިޔުންތަކެއް ފެންނަން ހުރުމުން، ފިލްމުގެ އަސްލު މަންޒަރުތަކަށް އޮންނަ ސަމާލުކަން ގެއްލިދާނެތީއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް