ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވައިލުމުގެ އޮނިގަނޑާއި އުސޫލުތައް ބަޔާންކުރާ، ޓާމްސް އޮފް ރިފަރަންސް (ޓީއޯއާރު) ގައި ސޮއިކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގަ އެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން އެ ގައުމުގެ މީޑިއާތަކަށް އިއްޔެ ވިދާޅުވީ، ރާއްޖެއާއެކު، އެފްޓީއޭއެއް އެކުލަވައިލުމުގެ މަޝްވަރާތައް ފެށުމުގެ ޓީއޯއާރުގައި ސޮއިކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ އިތުރުން ފިލިޕީންސާ އެކުވެސް މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފެށުމުގެ ޓީއޯއާރުގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރާއްޖެއިން އަންނަނީ މިދިޔަ އަހަރުން ފެށިގެން ޗައިނާއާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށް އެއަށް އަމަލުކުރަމުންނެވެ.