ޑްރޯން ހަމަލާއަށްފަހު ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ.

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގައި އިރާނުން އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާއަށް ނިސްބަތްވާ ތަންތަނަށް ދެމުންދާ ހަމަލާތަކުން ހަމަލާއެއް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް އަރާފައިވާއިރު ސަލާމަތީ ސަބަބުތަކަށްޓަކައި ދުބާއީ އެއާޕޯޓު ބަންދުކުރީ އިއްޔެއެވެ.

ރިޕޯޓުތައް ބުނާގޮތުން ދުބާއީ އެއާޕޯޓު މި ހުޅުވީ ޑްރޯން ހަމަލާގައި ލިބުނު ގެއްލުންތައް ބެލުމަށްފަހުއެވެ. ނަމަވެސް މުޅި އެއާޕޯޓުގެ ހިދުމަތް ފެށިފައި ނުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ދުބާއީ އެއާޕޯޓުގެ ތެޔޮ ޓޭންކަރަކަށް އަރާފައިވާ އެ ހަމަލާގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވެއެވެ. މިއީ ހަމަލާތައް ދޭން ފެށިފަހުން ދުބާއީ އެއާޕޯޓަށް އަމާޒުވި ތިން ވަނަ ހަމަލާއެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އިރާނަށް މިދިޔަމަހު ދިން ކުއްލި ހަމަލާއަށްފަހު އިރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާ ބޭސްތަކަށް ދެމުންދާ ހަމަލާތަކާއި އެމެރިކާއާއި އިސްރާއީލުން އިރާނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތި ވަނީ ބޮޑު ހަނގުރާމައަކަށް ވެއްޓިފައެވެ.

ހަމަލާ ބަދަލުކުރުން ތަކުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރާފައިވާއިރު ތެލުގެ އަގުވެސް ބޮޑުވެ ބޭނުންވާ ވަރަށް ތެޔޮ ލިބުން ވަނީ ހުއްޓިފައެވެ.