މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯއަކަށް އިބްރާހީމް ޒިޔަތު އައްޔަންކޮށްފިއެވެ.

އެމްޕީއެލްއިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަންކުރުމުން މަރުޙަބާ ދަންނަވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒިޔަތުވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަގާމު އަދާކުރައްވައިފައެވެ.

ޒިޔަތުގެ މައްޗަށް ކުރެވުނު ހިޔާނާތުގެ މައްސަލައެއް ތަހުގީގުކުރުމަށްހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 2021 ވަނަ އަހަރު ތެރޭގައި ފޮނުވާފައެވެ.

އޭނާގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތްކުރަން ބިދޭސީން މަސައްކަތްތެރިން ރެކްރޫޓްކުރުމުގައި ހިޔާނާތައް މަގު ފަހިވާ ކަންތައްތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ.