ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރި ކުރުވުމުގެ ތެރެއިން މި ވަގުތު އިސްކަންދެނީ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް މައުލޫމާތު ގެނެސްދިނުމަށްކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ބުނެފިއެވެ.
އެ ވޯޓާ ގުޅިގެން ޕީއެސްއެމުން އިދިކޮޅު ފަރާތްތަކުގެ ހިޔާލު ރައްޔިތުންނާ ހަމައަށް ގެނެސްނުދޭކަމަށް ބުނެ، އެމްޑީޕީންވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބް (ޝަކިއްބެ) އާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވައިފައެވެ.
އެ ސިޓީގައި ޖަވާބުގައި ޕީއެސްއެމުން، އެމްޑީޕީއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމްއިން އިން ގެނެސްދެނީ ފަންނީ އަދި އިޖުތިމާއީ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތަކެއް ކަމަށެވެ. އެހެންވެ ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިނުވާކަމަށް ޕީއެސްއެމުން ބުންޏެވެ.
"މި ކުންފުނިން އިސްކަންދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައެއް ނުވާނެއެވެ" ޕީއެސްއެމުން ބުންޏެވެ.
ޕީއެސްއެމުން ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިވަގުތު ހުންނެވީ އުމްރާގެ އަޅުކަން އަދާކުރުމަށް ކަމަށެވެ. އެހެންކަމުން، އެމްޑީޕީއިން އެދުނު ގޮތަށް މިވަގުތު ބައްދަލުވުމެއް ހަމަޖައްސައިދެވެން ނެތް ކަމަށެވެ.
ޝަކީބް، މިމަހު ފަހުކޮޅު ރާއްޖެ ވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީން ބޭނުންވާ ނަމަ، ބައްދަލުވުމަށް އޭގެ ފަހުން އެދުމަށް ޕީއެސްއެމްއިން ސިޓީގައި ބުންޏެވެ.
ޕީއެސްއެމުން އެގޮތަށް އެކަންކަން ބަޔާންކޮށް ސިޓީއެއް ފޮނުވި ނަމަވެސް، އެމްޑީޕީން މިއަދު މެންދުރުވަނީ ޕީއެސްއެމްގެ އިސްވެރިއަކާ ބައްދަލުކުރުމަށް އެދި އެ ކުންފުނީގެ ރިސެޕްޝަންގެ ތެރޭގައި އިހުތިޖާޖުކޮށްފައެވެ. އެ އިހުތިޖާޖު ނިންމާލީ މައުރިބު ނަމާދަށް ބަންގިވެސް ދިން ފަހުންނެވެ.
އެކަމާ ގުޅިގެން ޕީއެސްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަކީބް ރާއްޖޭގައި މިވަގުތު ނޫޅުއްވާކަން އެމްޑީޕީއަށް އަންގާފައިވަނިކޮށްވެސް އެމްޑީޕީންވަނީ މިނިވަން ދައުލަތުގެ މީޑިއާގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައި ކަމަށެވެ.
މުހައްމަދު އިޝާން
ޕީއެސްއެމް
ޕީއެސްއެމް