އެޑިޓޯރިއަލް މިނިސްވަންކަން ނަގާލައި ވަކި ބަޔަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ފުރުސަތު ދޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
މި ގަރާރު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ.
މި ގަރާރުގައި ބުނެފައި ވަނީ، ޕީއެސްއެމްގެ މަގްސަދަކީ ގާނޫނުގައި ކަނޑައަޅާފައިވާ އާއްމު އުސޫލުތަކާއި ސިޔާސަތުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ރާއްޖޭގެ އެންމެހާ ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމި އޮތުން ކަމަށެވެ.
ދައުލަތުގެ މީޑިއާގެ ސިޔާސަތުގެ ގޮތުގައި، އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންގެ މެދުގައި ޕީއެސްއެމްގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމާއި ޕީއެސްއެމް އިން ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތް ކުރުން ކަންޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
"ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތް ކުރުމާއި ރައްޔިތުންނަށް މުހިއްމުވާނެ ބައިނަލް އަގްވާމީ އެކި ކަންކަމާއި، ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަމުގައި ގާނޫނުގައި ބަޔާންވެގެންވޭ،"
އެކަން އެހެން އޮއްވައި، ގާނޫނާއި އުސޫލުތަކަށް ބެލުމެއްނެތި ގައުމީ، ނުވަތަ ބަނޑާރަ މީޑއާގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަކުގައި ވަކި ބަޔަކަށް ފުރުސަތު ދީ ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގާލައި ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ބަންޑާރަ މީޑިއާގެ ޗެނަލްތަކުން މަސައްކަތްކޮށްފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އިދިކޮޅު އެމްޑީޕީއަށް ނުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރަލް މިނިވަންކަން ކަށަވަރުކޮށް ދީފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
މިގަރާރުގެ އިބުތިދާއީ ބަހުސް ނިންމައި ގަރާރު މަޖިލީހަށް ބަލައި ގަންނަން ފެނޭތޯ، މިއަދު ނެގި ވޯޓުގައި ގަވާރު ބަލައި ގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުންނެވެ. ފަންސާސް ހަތަރު މެންބަރުން ތިއްބެވި މިއަދުގެ ޖަލްސާއިން އެ ގަރާރު ބޭރުކޮށްލީ، ސަރުކާރު ހިންގާ ޕީއެންސީގެ 45 މެންބަރުންގެ ވޯޓުންނެވެ.
އިބްރާހިމް ޒަކީ
ޕީއެސްއެމް
ޕީއެސްއެމް