ދުނިޔޭގެ ފިލްމީ ސިނާއަތުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އެކެޑަމީ އެވޯޑްސް ނުވަތަ އޮސްކާ އެވޯޑްސްގެ 98 ވަނަ ހަފްލާ ނިމިއްޖެއެވެ.
މި އަހަރުގެ މި ޝަރަފުވެރި ހަފުލާގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ޕޯލް ތޯމަސް އެންޑަސަން ޑައިރެކްޓުކޮށްފައިވާ ފިލްމު "ވަން ބެޓްލް އާފްޓަރ އެނަދަރ" އެވެ. ސިޔާސީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުން ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑާއެކު ޖުމުލަ ހަ އެވޯޑެއް ހާސިލުކޮށްފައެވެ. މިއީ އޮސްކާގެ ތާރީޚުގައި ހަ އެވޯޑު ކާމިޔާބުކުރި 42 ވަނަ ފިލްމެވެ.
މީގެ އިތުރުން، ރަޔަން ކޫގްލަރ ޑައިރެކްޓުކޮށްފައިވާ ވެމްޕަޔަރ ބްލޮކްބަސްޓަރ ފިލްމު "ސިނަރސް" އިން ވަނީ ތާރީޚީ ރެކޯޑުތަކެއް މުގުރާލުމަށްފަހު ހަތަރު އެވޯޑެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހިމެނޭއިރު، މި އެވޯޑު ހާސިލުކުރީ މަޝްހޫރު އެކްޓަރު މައިކަލް ބީ. ޖޯޑަން އެވެ. މިއީ އޭނާގެ ފުރަތަމަ އޮސްކާ އެވޯޑެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑު ހާސިލުކުރީ "ހެމްނެޓް" ގައި ދައްކައިދިން މޮޅު އެކްޓިންއަށް ޖެސީ ބަކްލީއެވެ. މިއަހަރުގެ އެވޯޑު ހަފުލާއަކީ ފިލްމީ ސިނާއަތަށް އަންނަ ބަދަލުތަކާއި، ތާރީޚީ ގޮތުން މުހިންމު ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ހަފުލާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
ހަފުލާގެ މުހިންމު ކަންތައްތައް
މި ޝަރަފުވެރި ހަފުލާ ބާއްވާފައިވަނީ އިއްޔެ އެމެރިކާގެ ލޮސް އެންޖެލިސްގައި ހުންނަ ޑޮލްބީ ތިއޭޓަރުގައެވެ. މިއަހަރުގެ ހަފުލާ ހުށަހަޅައިދިނީ މަޝްހޫރު ކޮމީޑިއަން ކޯނަން އޯބްރަޔަން އެވެ. މިއީ އޭނާ ވިދިވިދިގެން މި ހަފުލާ ހުށަހަޅައިދިން ދެވަނަ އަހަރެވެ. އެވޯޑުތައް ހަވާލުކުރުމަށް ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ސްޓޭޖަށް އަރާފައިވާއިރު، އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެވޯޑު ހާސިލުކުރި އެޑްރިއަން ބްރޯޑީ، ކިއެރަން ކަލްކިން، މައިކީ މެޑިސަން އަދި ޒޯއީ ސަލްޑާނާ ހިމެނެއެވެ. މީގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، ކުމައިލް ނަންޖިއާނީ، މާޔާ ރުޑޮލްފް، ޑެމީ މޯރ އަދި ކްރިސް އިވަންސް ފަދަ ތަރިންވެސް އެވޯޑުތައް ހަވާލުކޮށްދިނެވެ.
މި ހަފުލާގައި އެންމެ ފާހަގަކޮށްލެވުނު އެއް ވަގުތަކީ ލައިވް-އެކްޝަން ޝޯޓް ފިލްމުގެ ކެޓަގަރީން ދެ ފިލްމެއް އެއްވަރުވެގެން ދެ އެވޯޑު ދޭން ޖެހުނު ވަގުތެވެ. ކުމައިލް ނަންޖިއާނީ މި ނަތީޖާ އިއުލާނުކުރަމުން، މިއީ ސަމާސާއެއް ނޫންކަމަށާއި ހަގީގަތުގައިވެސް ދެ ފިލްމު އެއްވަރުވެފައިވާކަމަށް ބުނެފައިވެއެވެ. މި ކެޓަގަރީން އެވޯޑު ހާސިލުކުރީ "ދަ ސިންގަރސް" އަދި "ޓޫ ޕީޕަލް އެކްސްޗޭންޖިން ސަލައިވާ" އެވެ. މިއީ އޮސްކާގެ 98 އަހަރުގެ ތާރީޚުގައި އެވޯޑެއް އެއްވަރުވި ހަތްވަނަ ފަހަރެވެ. އެންމެ ފަހުން މިފަދަ ކަމެއް ހިނގާފައިވަނީ 2012 ވަނަ އަހަރު ސައުންޑް އެޑިޓިން ކެޓަގަރީންނެވެ.
އެވޯޑުތަކުގެ ތަފްސީލު
މިއަހަރުގެ އެވޯޑުތަކަށް ބަލާއިރު، އެންމެ ބޮޑު ކާމިޔާބީއެއް ހޯދި "ވަން ބެޓްލް އާފްޓަރ އެނަދަރ" އިން ވަނީ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުވެސް ހާސިލުކޮށްފައެވެ. މި އެވޯޑު ލިބުނީ ޕޯލް ތޯމަސް އެންޑަސަންއަށެވެ. މީގެ އިތުރުން އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު ފިލްމު އެޑިޓިން، އަދި އެންމެ މޮޅު ސަޕޯޓިންގ އެކްޓަރުގެ އެވޯޑުވެސް މި ފިލްމުން ކާމިޔާބުކުރިއެވެ. ސަޕޯޓިން އެކްޓަރުގެ އެވޯޑު ހާސިލުކުރީ މަޝްހޫރު އެކްޓަރު ޝޯން ޕެން އެވެ. އަދި މިއަހަރު އަލަށް ތައާރަފުކުރި "ބެސްޓް ކާސްޓިން" އެވޯޑުވެސް ހާސިލުކުރީ މި ފިލްމުގެ ކާސްޓިން ޑައިރެކްޓަރު ކަސަންޑްރާ ކުލުކުންޑިސްއެވެ.
ދެވަނައަށް އެންމެ ގިނަ އެވޯޑު ހޯދި "ސިނަރސް" އިން ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑުގެ އިތުރުން، އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ (ރަޔަން ކޫގްލަރ)، އެންމެ މޮޅު އޮރިޖިނަލް ސްކޯ (ލުޑްވިގް ގޮރާންސަން)، އަދި އެންމެ މޮޅު ސިނެމަޓޯގްރަފީގެ އެވޯޑު ހާސިލުކޮށްފައެވެ. އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑު ލިބުނީ "ވެޕަންސް" އިން އޭމީ މެޑިގަންއަށެވެ. ޓެކްނިކަލް ކެޓަގަރީތަކަށް ބަލާއިރު، ގިލެރްމޯ ޑެލް ޓޯރޯގެ "ފްރޭންކެންސްޓައިން" އިން ވަނީ އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، ޕްރޮޑަކްޝަން ޑިޒައިން، އަދި މޭކަޕް އެންޑް ހެއަރސްޓައިލިން އެވޯޑު ކާމިޔާބުކޮށްފައެވެ. އެންމެ މޮޅު އެނިމޭޓެޑް ފީޗަރ ފިލްމަކަށް ހޮވުނީ "ކޭޕޮޕް ޑީމަން ހަންޓަރސް" އެވެ. ބައިނަލްއަގުވާމީ ފީޗަރ ފިލްމުގެ އެވޯޑު ކާމިޔާބުކުރީ ނޯވޭގެ ފިލްމު "ސެންޓިމެންޓަލް ވެލިއު" އެވެ.
ތާރީޚީ ކާމިޔާބީތަކާއި ފާޑުކިޔުންތައް
މިއަހަރުގެ އޮސްކާ އެވޯޑްސްއަކީ ފިލްމީ ސިނާއަތުގެ ތާރީޚުގައި މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރި އެވޯޑެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަޔަން ކޫގްލަރގެ "ސިނަރސް" އިން 16 ނޮމިނޭޝަން ހޯދައިގެން، އޮސްކާގެ ތާރީޚުގައި އެންމެ ގިނަ ނޮމިނޭޝަން ހޯދި ފިލްމުގެ ރެކޯޑު މުގުރާލުމެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 14 ނޮމިނޭޝަނާއެކު "ޓައިޓޭނިކް"، "ލާ ލާ ލޭންޑް" އަދި "އޯލް އެބައުޓް އީވް" އަތުގައެވެ. މީގެ އިތުރުން، "ސިނަރސް" ގެ ސިނެމަޓޯގްރަފަރ އޯޓަމް ޑުރާލްޑް އާކަޕޯ ވަނީ އެންމެ މޮޅު ސިނެމަޓޯގްރަފީގެ އެވޯޑު ހާސިލުކުރި ފުރަތަމަ އަންހެނާގެ މަގާމު ހޯދައި ތާރީޚުގެ ތެރެއަށް ވަދެފައެވެ. ވާނަރ ބްރަދަރސް ސްޓޫޑިއޯއިން ވަނީ ޖުމްލަ 11 އެވޯޑު ހާސިލުކޮށް، އެއް ސްޓޫޑިއޯއަކުން އެންމެ ގިނަ އެވޯޑު ހޯދުމުގެ ރެކޯޑާ ހަމަކޮށްފައެވެ.
މިއަހަރުގެ އެވޯޑްސްގައި އަލަށް ތައާރަފުކުރި "ބެސްޓް ކާސްޓިން" ކެޓަގަރީއަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި އޮސްކާއަށް އިތުރުކުރި ފުރަތަމަ އާ ކެޓަގަރީއެވެ. މިއީ ފިލްމުތަކަށް އެކްޓަރުން ހޮވުމުގައި ކާސްޓިން ޑައިރެކްޓަރުން ކުރާ ބުރަ މަސައްކަތް ބަލައިގަތުމަށް އެކެޑަމީން އެޅި މުހިންމު ފިޔަވަޅެއްކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ކާމިޔާބީތަކާއެކު ބައެއް ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ. އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދި "ވަން ބެޓްލް އާފްޓަރ އެނަދަރ" ގައި ކަޅު ނަސްލުގެ އަންހެނުންގެ ކެރެކްޓަރތައް ދައްކުވައިދީފައިވާ ގޮތާމެދު ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ޚާއްސަކޮށް ޓެޔާނާ ޓޭލަރ ކުޅެފައިވާ ކެރެކްޓަރާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޑައިރެކްޓަރު ޕޯލް ތޯމަސް އެންޑަސަން ވަނީ ޕްރެސް ރޫމްގައި ޖަވާބުދީފައެވެ. އޭނާ ބުނެފައިވަނީ އެ ކެރެކްޓަރަކީ އުނިކަންތައްތަކެއް އެކުލެވޭ ކެރެކްޓަރެއް ކަމަށެވެ. އަނެއްކޮޅުން، މައިކަލް ބީ. ޖޯޑަންގެ ކާމިޔާބީއަކީ ކަޅު ނަސްލުގެ އެކްޓަރުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. އޭނާގެ ސްޕީޗްގައި ވަނީ އޭނާއަށް މަގުކޮށައިދިން ކުރީގެ ތަރީންނަށާއި އޭނާގެ ކާބަފައިންނަށް ޝުކުރު އަދާކޮށްފައެވެ.
އެކެޑަމީގެ ބަޔާނާއި ނޫސްވެރިންގެ ޚިޔާލު
މިއަހަރުގެ ހަފުލާއާ ގުޅޭގޮތުން އެކެޑަމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސަސް (އޭއެމްޕީއޭއެސް) ގެ ސީއީއޯ ބިލް ކްރޭމަރ އަދި ރައީސާ ޖެނެޓް ޔޭންގް ވަނީ ރަސްމީ ބަޔާނެއް ނެރުއްވައިފައެވެ. މި ބަޔާނުގައި ހޯސްޓް ކޯނަން އޯބްރަޔަންގެ ހުށަހެޅުމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައިވެއެވެ. “ކޯނަން އަކީ މި ހަފުލާއަށް އެންމެ އެކަށީގެންވާ ހޯސްޓް. އޭނާ ވަނީ ވަރަށް ފުރިހަމައަށް، މަޖާ އަދި އިހުތިރާމާއެކު މުޅި ހަފުލާ ކުރިއަށް ގެންގޮސްދީފައި،" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފިލްމީ ދާއިރާގެ ނޫސްވެރިންނާއި ކްރިޓިކުން ފާހަގަކުރި ގޮތުގައި މިއަހަރުގެ އެވޯޑްސްއަކީ "ސިނަރސް" އަދި "ވަން ބެޓްލް އާފްޓަރ އެނަދަރ" އާ ދެމެދު ހިނގި ވަރަށް ވަރުގަދަ ވާދަވެރިކަމެކެވެ. ޚާއްސަކޮށް ޝޯޓް ފިލްމު ކެޓަގަރީން ދެ ފިލްމު އެއްވަރުވުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެއްކަމަށް ނޫސްތަކުގައި ލިޔެފައިވެއެވެ. މައި އެވޯޑުތައް ދީ ނިމިފައިވާއިރު، އެކެޑަމީގެ ސައިންޓިފިކް އެންޑް ޓެކްނިކަލް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު 28 އޭޕްރީލް 2026 ގައި ލޮސް އެންޖެލިސްގައި ހުންނަ އެކެޑަމީ މިއުޒިއަމް އޮފް މޯޝަން ޕިކްޗަރސްގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.




އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް
އޮސްކާ އެވޯރޑްސް