2025 ވަނަ އަހަރުގެ އޮސްކާ އެވޯޑަށް އިންޑިއާގެ ފިލްމެއް ނޮމިނޭޓް ވެއްޖެއެވެ. ނޮމިނޭޓްވެފައިވަނީ ގުނީތް މޮންގާ އަދި ޕްރިޔަންކާ ޗޯޕްރާގެ އެހީތެރިކަމާއެކު އުފައްދާފައިވާ 'އަނޫޖާ' އެވެ. އެއީ އެންމެ ރަނގަޅު ލައިވް އެކްޝަން ކުރު ފިލްމުގެ ގިންތީގައެވެ.

97 ވަނަ އެކަޑަމީ އެވޯޑްގެ ނޮމިނޭޝަންތައް އިއްޔެ އިއުލާނުކުރީ ބޮވެން ޔަންގް އަދި ރޭޗެލް ސެނޮޓްއެވެ.

އެންމެ ރަނގަޅު ލައިވް އެކްޝަން ކުރު ފިލްމުގެ ގިންތީގައި ޝަރުތު ހަމަވި 180 ފިލްމުގެ ތެރެއިން، ފަސް ފިލްމެއް ވަނީ ޓްރޮފީ ހޯދުމުގެ މުބާރާތަށް ހޮވިފައެވެ. 'އަނޫޖާ' ނޮމިނޭޓްވެފައިވަނީ 'އޭލިއަން'، 'އައި އެމް ނޮޓް އަ ރޮބޮޓް'، 'ދަ ލާސްޓް ރޭންޖަރ' އަދި 'އަ މޭން ހު ވުޑް ނޮޓް ރިމެއިން ސައިލެންޓް' އާ އެކުގައެވެ.

މިއީ ގުނީތްގެ އޮސްކާގައި ނޮމިނޭޓްވި ތިންވަނަ ފަހަރެވެ. އޭނާ ވަނީ ކުރިން ފިލްމު 'ދަ އެލިފަންޓް ވިސްޕަރަރސް' އަދި 'ޕީރިއަޑް: އެންޑް އޮފް ސެންޓެންސް' އަށް އޮސްކާ ލިބި، އިންޑިއާގެ ސިނަމާއަށް ފަހުރުވެރިކަން ގެނެސްދީފައިވެއެވެ.

މި އަހަރުގެ އޮސްކާ ހޮސްޓްކުރާނީ ކޮނަން އޯބްރައިން އެވެ. މިއީ އޭނާ މި ހަފުލާ ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. އޮސްކާ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 2 ވަނަ ދުވަހު ލޮސް އެންޖެލެސްގެ ޑޮލްބީ ތިއޭޓަރުގައެވެ.

މި ވާހަކައިގެ މައިގަނޑު ކަރެކްޓަރަކީ 9 އަހަރުގެ ކުއްޖެކެވެ. އޭނާ މަސައްކަތްކުރަނީ އޭނާގެ ބޮޑު ދައިތަ ޕަލަކް އާއެކު ހެދުން ފެކްޓަރީއެއްގައެވެ. މި ވާހަކައިގައި ބަޔާންކުރަނީ މި ޅަ އުމުރުގެ ކުއްޖާ އޭނާގެ މުސްތަގުބަލަށާއި އާއިލާއަށް އަސަރުކުރާނެ ނިންމުމަކާ ކުރިމަތިލާ ގޮތެވެ. ފިލްމުގެ ޑައިރެކްޓަރު ފިލްމު ސިފަކޮށްފައިވަނީ 'މަސައްކަތްކުރާ ކުޑަކުދީންގެ ކެތްތެރިކަމާއި ނުދައްކައި ހުރި ވާހަކަތަކަށް އަދާކުރާ ހިތުގެ އަޑިން އަންނަ ޝުކުރެއް' ގެ ގޮތުގައެވެ.

ފިލްމު ޑައިރެކްޓްކޮށްފައިވަނީ އާދަމް ޖޭ ގްރޭވްސް އެވެ. މި ފިލްމު ސްޓްރީމްކުރާނީ ނެޓްފްލިކްސްގައެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އާދަމްގެ އަންހެނުން ސުޗިތްރާ މައްޓާއީއެވެ. މި ލައިވް-އެކްޝަން ފިލްމަށް ވަނީ ޕްރިޔަންކާ ޗޯޕްރާ، މިންޑީ ކޭލިން އަދި އެކަޑަމީ އެވޯޑް ލިބިފައިވާ ގުނީތް މޮންގާ އިންވެސްޓްކޮށްފައެވެ.

ފިލްމު އުފައްދާފައިވަނީ ސަލާމް ބާލަކް ޓްރަސްޓް (އެސްބީޓީ) އާ ގުޅިގެންނެވެ. އެސްބީޓީ އަކީ މީރާ ނައިރުގެ އާއިލާއިން އުފައްދާފައިވާ، މަގުމަތީގައި އުޅޭ އަދި މަސައްކަތްކުރާ ކުދީންނަށް އެހީތެރިވާ ޖަމިއްޔާއެކެވެ. މީގެ އިތުރުން ޝައިން ގްލޯބަލް - އެކަޑަމީ އެވޯޑް ކާމިޔާބުކޮށްފައިވާ 'ވޯރ/ޑާންސް' (2007) އަދި 'އިނޮސެންޓެ' (2012) ފަދަ ފިލްމުތަކަށް ކްރުޝަން ނާއިކް ފިލްމްސް ވެސް މި ފިލްމު އުފެއްދުމުގައި ބައިވެރިވެފައިވެއެވެ. މި ފިލްމުގައި އަނަންޔާ ޝަންބާގް، ސަޖްދާ ޕަތާން އަދި ނަގޭޝް ބޯސްލޭ މުހިންމު ރޯލުތަކުން ފެނެއެވެ.

'އަނޫޖާ' ފިލްމު ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.