މަޝްހޫރު ފިލްމު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ)، އޭނާގެ ކާމިޔާބު ސިޔާސީ ކްރައިމް ފްރެންޗައިޒް "ސަރުކާރު" ގެ ހަތަރުވަނަ ފިލްމު އިއުލާންކޮށްފިއެވެ.

"ރެޑް ލޮރީ ފިލްމު ފެސްޓިވަލް" ގެ ފުރަތަމަ ދުވަހު ވާހަކަދައްކަމުން ވަރުމާ ބުނިގޮތުގައި، "ސަރުކާރު 4" ގެ ޝޫޓިން އަންނަ މަހު ފަށާނެއެވެ. މީގެ އިތުރުން "ދަ ސިންޑިކޭޓް" ގެ ނަމުގައި އޭނާ ކުރިއަށްގެންދާ އާ ޕްރޮޖެކްޓެއްގެ ވާހަކަވެސް މި ފެސްޓިވަލްގައި ވަނީ ހިއްސާކޮށްފައެވެ.

"ސަރުކާރު" ސިލްސިލާގެ ފުރަތަމަ ފިލްމު 2005 ވަނަ އަހަރު ރިލީޒްކުރިއިރު، މައިގަނޑު ރޯލުން ފެނިގެންދިޔައީ އަމީތާބް ބައްޗަން އާއި އަބީޝެކް ބައްޗަން އެވެ. މި ސިލްސިލާގެ ދެވަނަ ފިލްމު "ސަރުކާރު ރާޖް" 2008 ވަނަ އަހަރު އައިއިރު، އައިޝްވަރިޔާ ރާއީ ވެސް މި ފިލްމާ ގުޅުނެވެ. އަދި އެންމެ ފަހުން މި ފްރެންޗައިޒްގެ ފިލްމެއް ނެރެފައިވަނީ 2017 ވަނަ އަހަރު "ސަރުކާރު 3" ގެ ނަމުގައެވެ.

ފެސްޓިވަލްގެ ތެރެއިން އޭނާގެ ކުރީގެ މަޝްހޫރު ފިލްމު "ޝިވާ" އާ ބެހޭގޮތުން ވާހަކަދައްކަމުން ވަރުމާ ބުނީ، އެ ފިލްމުގެ ބައެއް މަންޒަރުތަކަކީ ދުނިޔޭގެ ނަން މަޝްހޫރު ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގްގެ މަސައްކަތްތަކުން ހިތްވަރު ލިބިގެން ތައްޔާރުކޮށްފައިވާ މަންޒަރުތަކެއް ކަމަށެވެ. އަދި ބްރޫސް ލީގެ ފިލްމުތަކުގެ އަސަރުވެސް އެ ފިލްމުގެ ވާހަކައަށް ކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، އަދިތިޔާ ދާރްގެ "ދުރަންދަރު" އަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުން، ސްޓީވަން ސްޕީލްބާގަކީ އަދިވެސް އޭނާގެ އެންމެ މަގުބޫލު ޑައިރެކްޓަރު ކަމުގައި އާރްޖީވީ ބުންޏެވެ. އަދި އަދިތިޔާ ދާރް އަކީ މިހާރުގެ ޖީލުގެ ޑައިރެކްޓަރުންގެ ތެރެއިން އެންމެ އުންމީދީ އެއް ހުނަރުވެރިޔާގެ ގޮތުގައި އޭނާ ސިފަކުރިއެވެ.