އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، ހުޅުމާލޭ ފޭސް އެކެއްގައި މިއަދު ހަވީރު "އަވަށްޓެރި ރޯދަ ވީއްލުން" ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެޗްޑީސީން ރޭ ބުނީ ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ކުރިއަށް ގެންދާ އަވަށްޓެރި ރޯދަވީއްލުން ސިލްސިލާގެ ފަހު ރޯދަވީއްލުމަށް ފޭސް އެކެއްގެ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.

މި ހަރަކާތް އޮންނާނީ މިއަދު 18:00 ގައި، ހުޅުމާލޭ ފޭސް އެކެއްގެ ޗަނބޭލީ މަގުގައި ހުންނަ ގާސިމް ޕްރީ ސްކޫލު ކުރިމަތީގައެވެ.

މިއީ، މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ އެންމެ ފަހުގެ ރޯދަވީއްލުމެވެ.

އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. އެއަށްފަހު، ހުޅުމާލޭ ފޭސް އެކެއްގެ ހުރަވީ ސްކޫލް ކުރިމަތީގައިވެސް ވަނީ އެފަދަ ރޯދަ ވީއްލުމެއް ބާއްވައިފައެވެ.

12 މާޗް 2026: "އަވަށްޓެރި ރޯދަ ވީއްލުން" --- ފޮޓޯ/ އެޗްޑީސީ

އޭގެ ފަހުން މިމަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި މި ހަރަކާތް ކުރިޔަށްގެންގޮސްފައި ވެއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގުސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ.

އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯއްދަވީއްލުންތައް ބާއްވާފައެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ. ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެކުންފުނީންގެ އަމާޒު ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.