ގަތަރުގެ ބައެއް ސަރަހައްދުތަކުން އާންމުން ހުސްކުރަން ފަށައިފިއެވެ.

ގަތަރުގެ އިންޓީރިއާ މިނިސްޓަރީން އާންމު ކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އެގައުމުގައި ދިރިއުޅޭ އާންމުންގެ ސަލާމަތަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ބައެއް ސަރަހައްދުތަކުން އާންމުން ހުސްކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ

ގަތަރުގެ އިންޓީރިއާ މިނިސްޓަރީން ވަނީ ވަގުތީގޮތުން އަޅާ އެފިޔަވަޅުގެ ދަށުން އެ މިނިސްޓްރީން ދޭ އިރުޝާދުތަކާ އެއްގޮތަށް މެސެޖު ލިބޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެދިފައެވެ.

މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ވާގޮތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން މެސެޖު ލިބޭ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ވަގުތީ ބޯހިޔާވަހިކަން ދޭނެއެވެ.

އިޒްރޭލާއި އެެމެރިކާ އިސްވެ އިރާނަށް މިދިޔަމަހު ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރަމުންދާ އިރު ގަތަރަކީވެސް އެ ހަމަލާތައް އަމާޒުވަމުންދާ ގައުމެކެވެ.

ހަނގުރާމަ ފެށުނީއްސުރެން ގަތަރުގައި ހުންނަ އެމެރިކާގެ ބޭހަށް އަމާޒުކޮށް އިރާނުން ކޮންމެ ދުވަހަކު ހަމަލާދެމުން ދާއިރު އެ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކެއް ގަތަރުގެ މިލިޓަރީން ވަނީ ވައިގެތެރޭގައި ގޮއްވާލާފައެވެ. ނަމަވެސް ބައެއް ހަމަލާތައް ގަތަރުގައި އާންމުން އުޅޭ ސަރަހައްދުތަކަށް ވަނީ އަރައިފައެވެ.